އަނބިކަނބަލުންނާއި ދަރިންގެ މާލީ ބަޔާންވެސް ފޮނުވަން އެދޭނަން: މަޖިލިސް ރައީސް

ކުރީގެ ރައީސް ނަޝީދާއި އަބިކަނބަލުން ލައިލާ -- ސަންފޮޓޯ/މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން ދެ ކުދިންގެ މާލީ ބަޔާން ވެސް ހުށަހަޅުއްވަން އެދިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުވާ ކުދިންގެ މާލީ ބަޔާން ހުށަހަޅަން ޖެހުނު ނަމަވެސް، އެ ބަޔާންތައް އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައެވެ. އެގޮތަށް ގަވާއިދު އިސްލާހުކުރަން ހުށަހެޅުއްވީ މަޖިލިސް ރައީސް އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުވާ ކުދިންގެ މާލީ ބަޔާން ހުށަހަޅައި މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަން ވާނެ ކަމަށެވެ.

އަދި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ބޭނުންކުރި އެޖެންޑާ19 ގައި ވެސް ބުނެފައި ވަނީ މަޖިލިސް މެމްބަރުން ކޮންމެ އަހަރަކު އެއް ފަހަރު ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ތައްޔާރުކުރެވި، އޮޑިޓްކުރެވި، އޮޑިޓަ ޖެނެރަލަށް ހުށަހަޅައި މަޖިލިސް ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.

އެހެންކަމުން އެ އިސްލާހާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފައެވެ.

މިއަދުގެ ޖަލްސާގައި އެ އިސްލާހާ ގުޅިގެން ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން، މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންގެ ޝައުގުވެރިކަން ހުރި މައްސަލައެއް ކަމަށާއި، އަދި މަޖިލީހަށް ވާދަކުރައްވައި މެމްބަރުން ކުރެއްވި ކެމްޕޭނުގައި ވެސް ނަޒާހަތްތެރި މަޖިލީހެއް ގެނައުމަށް ގިނަ ވައުދުތަކެއް ވެސް ވެވަޑައިގެންނެވި ކަމަށެވެ.

އަދި މިހާރު ހަމަޖެހިފައި އޮތީވެސް މެމްބަރުން ވިދާޅުވި ގޮތަށް ކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް ރަައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވީމަ އިއްޒަތްތެރި މެމްބަރުންނަށް މި ސާފުކޮށްދެނީ އަންހެނުން ލައިލާ އަލީގެ މާލީ ބަޔާން، އޮޑިޓް އޮފީހަށް ފޮނުވާނެ. ދެން އަޅުގަނޑުގެ ދެކުދިން ތިބީ 18 އަހަރުން މަތިވެފައި. އެހެންވީމާ އެދެބެންގެ ބަޔާން މި ގާނޫނު ބުނާގޮތުން ފޮނުވާކަށް ނުޖެހޭ. ދެން މެމްބަރެއްގެ އަތްމަތީގައި މިއޮތީ އެކަން އިތުރަށް ކުރައްވާނެތީ ނުވަތަ ނޫންތޯ. އަޅުގަނޑު އެދޭނަން އަޅުގަނޑުގެ ދެބެން ކައިރީ، އެ ދެކުދިންގެ ބަޔާން ވެސް އެކުދިން ކޮންމެސް ތަނަކަށް ފޮނުވާ ދިނުމަށް،" ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީ ހުރިހާ މެމްބަރުން ވެސް ވާހަކަދެއްކެވީ އެ އިސްލާހާ އެއްކޮޅަށެވެ. އަދި އިސްލާހު ތަޅުމުން ފާސްކޮށްފައި ވަނީ 62 މެމްބަރުންގެ ވޯޓުންނެވެ.

comment ކޮމެންޓް