ހެކިބަސް ދޭން ދެކޮޅު ހެދުމުން ކޯޓުން ހެކިބަސް ނުނަގާތީ އިންސާފަށް ހުރަސްއެޅޭ: ޖޭއެސްސީ

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހެކިބަސް ދޭން އުޒުވެރިވާ ކަމަށް ބުނެ ބައެއް ހެކިން ކޯޓުގައި ހެކިބަސް ދޭން ދެކޮޅު ހެދުމުން ހެކިބަސް ނުނަގަން ކޯޓުތަކުން ނިންމާތީ މައްސަލަތަކުގައި އިންސާފާ ހަމައަށް ވާސިލުވާ ހުރަސް އެޅޭ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީގެ ރައީސް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ސޮއިކުރައްވައި މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހެކިން ކޯޓުތަކަށް ހާޒިރު ކުރުމުގައްޔާއި ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ސަބަބުން މައްސަލަތައް ނުނިމި ލަސްވެ އިންސާފު ލިބުމަށް ހުރަސްތަކެއް އެޅިގެން ދާ ކަމަށެވެ.

ޒަމާނުއްސުރެ ކޯޓުތަކުން އަމަލުކުރަމުން އައި އުސޫލަކީ ކޯޓަށް ހާޒިރުވެ ހެކިބަސް ދޭން ކޯޓަކުން އަންގައިފި ނަމަ އެ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުން ކަމަށް ޖޭއެސްސީއިން ބުންޏެވެ. އަދި ހެކިބަހާ ބެހޭ ގޮތުން އަމަލުކުރަމުންދާ ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ވަނީ ހަމަ އެ މަފްހޫމު ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ބަންކުރާ ގޮތުން ހެކިބަސް ނުދިނުމާއި ހެކި ފޮރުވުމަކީ ޖިނާއީ ކުށެއް ކަމަށްވެސް ބުނެފައިވެ އެވެ.

"ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ބަލާ އިރު ހެކިބަސް ދޭން ކޯޓުތަކަށް ހާޒިރުވާން އެންގުމުން ހެކިވެރިޔާ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާ ނުވަތަ ކޯޓަށް ހާޒިރުވެ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް އަންގައިފި ނަމަ އެކަން ކޯޓުން ބަލައިގަނެ އެފަރާތެއްގެ ހެކިބަސް ކޯޓުން ނުނަގާކަން ފާހަގަކުރެވެ އެވެ." ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.

އެހެން ބައެއް ކޯޓުތަކުން ވެސް ހަމަ އެ އުސޫލުން އަމަލުކުރާކަން ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައެއް މައްސަލަތަކުގައި ހެކި ހާޒިރު ކުރުމަކީ ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ނިންމައި ކޯޓުތަކުން އެގޮތަށް އަންގާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައެއް ފަހަރު ހެކިން ހާޒިރުކުރަން ދައުވާ ކުރާ ފަރާތުން އެދިގެން އަމުރުތައް ނެރެދޭއިރު، ދައުވާ ރައްދުވާ ފަރާތުން އެދިގެން ހެކިން ހާޒިރު ކުރުމުގެ އަމުރު ނެރި ނުދީ ހުރިކަން ފާހަގަކޮށްފައިވެ އެވެ.

ސިޓީގައި ބުނެފައިވަނީ ހެކިންގެ ހެކިބަހަކީ އިންސާފާ ހަމައަށް ވާސިލުވުމުގެ މައިގަނޑު އެއްބައި ކަމުން އެކަން ހައްލު ކުރުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލުތަކެއް ގެނެސްދޭން ޖެހޭ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގަވައިދަށް އިސްލާހުތަކެއް ގެންނަން ޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް