މި އަހަރުގެ ބަޖެޓު އަލުން އެކުލަވާލުމާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފި

ނޮވެމްބަރ 8، 2019: އަންނަ އަހަރަ(2020)އަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އަށް ފަހު މި އަހަރުގެ ބަޖެޓް މުރާޖައާކޮށް އަލުން އެކުލަވާލެއްވުމާއި 2021 ވަނަ އަހަރުގެ މެދުރާސްތާގެ ބަޖެޓާއި ބެހޭގޮތުން މިއަދު ބޭއްވި ކެބިނެޓް ވާކިން ސެޝަނުގައި މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިއަދު މި މަޝްވަރާތައް ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ރިޔާސަތު ބަލެހެއްޓެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ކޯވިޑް-19 އަށްފަހު ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލުތަކާއެކު މިއަހަރުގެ ބަޖެޓަށް ބަދަލު ގެންނެވުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާ ކަންތައްތަކުގެ މައުލޫމާތު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެ ބައްދަލުވުމުގައި ހިއްސާ ކުރެއްވިއެވެ. ވަކިވަކި އިދާރާތަކުގެ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ސެޝަންގައި ކޯވިޑް-19 އަށްފަހު ޤައުމު އާރާސްތުކޮށް އިގްތިސާދު އިއާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވި ކަަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް ބުންޏެވެ.

މީގެ އިތުރުން، ކޮވިޑް-19 އަށްފަހު ގެންނަ ބަދަލުތަކުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް އިސްކަންދީގެން ބަދަލުތައް ގެނައުމަށް ވަޒީރުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް