ގުޅިފަޅުން ހިއްކާ ބިމުގައި، 6000 ފްލެޓަށް ބިން ކަނޑައަޅަން ފާސްކޮށްފި

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ --

ރާއްޖޭގެ މައި ޕޯޓް ހެދުމަށް ކ. ގުޅިފަޅުން ހިންގާ ބިމުގައި، މަދުވެގެން 6000 ހައުސިން ޔުނިޓު އަޅަން ބިން ކަނޑައަޅަން، ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމި ގޮތަށް، އެ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފަ އެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެ އެވެ.

އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ ވަށަައިގެންވާ ތިމާވެއްޓަށް ގެއްލުންވާ މައްސަލަ ތިމާވެށި ކޮމިޓީން ބަލަން ފެށީ ޖޫން މަހުގެ ކުރީކޮޅު އެވެ.

މައްސަލަ ބެލުމަށް ފަހު އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ އެ މަޝްރޫއަކީ ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބަދަލެއް އަންނާނެ މަޝްރޫއެއް ކަމަށެވެ.

އެކަމުގެ ސަބަބުން ހަގީގީ އެންވަޔަރަމެންޓަލް ކޮސްޓް ބޮޑުވާނެ ކަމަށް ބެލެވިފައިވުމާ އެކު، މަޝްރޫއުގެ އެންވަޔަރަމެންޓަލް ކޮސްޓް އިތުރަށް ޖަސްޓިފައި ކުރުމުގައި މަޝްރޫއުގެ ސޯޝަލް އަދި އިކޮނޮމިކް ބެނިފިޓް އިތުރުވެގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައި ކޮމިޓީއަށް ގަބޫލުކުރެވުނު ކަމެށެވެ.

އެހެންކަމުން ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި ފަޅުން ހިއްކާ ބިމުގެ 15 ޕަސެންޓަކީ ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރާ ބިން ކަމުގައި ހަމަޖައްސައި، އޭގެ ތެރެއިން ސޯޝަލް ހައުސިން އަށް މަދުވެގެން 6000 ހައުސިން ޔުނިޓަށް ވާވަރުގެ ބިން ކަނޑައެޅުމަށް ވަނީ ހިމަނައިފަ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މާލެއަކީ ތޮއްޖެހިފައިވާ ރަށަކަށް ވާއިރު، ގުޅިފަޅަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ގޮތެއްގައި އޮތް ސަރަހައްދެއް ކަމަށެވެ.

"ހަމައެކަނި އިގްތިސޯދީ މަސައްކަތްތަކަށް އެ ސަރަހައްދު ހާއްސަކުރުމުގެ ބަދަލުގައި ދިރިއުޅުމުގެ ބޭނުމަށް ހިއްކާ ބިމުގެ 15 ޕަސެންޓު ހަމަޖައްސައި، މީގެ ތެރެއިން ސޯޝަލް ހައުސިން އަށް މަދުވެގެން 6000 ހައުސިން ޔުނިޓަށް ވާވަރުގެ ބިން ކަނޑައެޅުން،" ހުށަހެޅުމެއްގެ ގޮތުގައި ރިޕޯޓުގައި ހިމަނާފައިވެ އެވެ.

މިއަދުގެ ޖަލްސާގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވަނީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅިފަޅުން ހިއްކާ ބިމުން މަދުވެގެން 30 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ހަމަޖައްސައި، އެ ބިމުގައި ރެޒިޑެންޝަލް ޒޯނެއް ކަނޑައެޅުމަށާއި، އެ ޒޯނަށް ކަނޑައަޅާ ބިމުގެ ތެރެއިންް މަދުވެގެން 8000 ހައުސިން ޔުނިޓަށް ވާވަރުގެ ބިން ސޯޝަލް ހައުސިން އަށް އެކަށައެޅުމަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް އުޝާމްގެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ ހަ މަމްބަރުންނެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވާފައިވާތީ، ކޮމިޓީ ރިޕޯޓު ފާސްކުރީ ކޮމެޓީން ހުށަހެޅި ގޮތަށެވެ.

މީގެ އިތުރުން ކޮނުމާއި ބިން ހިއްކުމުގައި ކުރިމަަތިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެންވަޔަރަމެންޓަލް ގަވަނެންސް ހަރުދަނާ ކުރުމުގެ ގޮތުން އެޅުމަށް ފެންނަ ފިޔަވަޅުތައް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އެގޮތުން ގައުމީ ތަރައްގީ ކުރިއަށް ގެންދިއުމުގައި، މަޝްރޫއު ފެންވަރުގައި އީއައިއޭ ހެދުމަށް އިސްކަންދިނުމުގެ ބަދަލުގައި ސްޓްރެޓެޖިކް އެންވަޔަރަމެންޓަލް އެސެސްމަންޓް (އެސްއީއޭ) ހެދުމަށް ސަރުކާރުން އިސްކަން ދިނުމަށް ބުނެފައިވެ އެވެ.

އެގޮތުން އެ އެސެސްމަންޓުގައި ހިއްކުމާއި ކޮނުމާ ނުލައި ކުރިއަށް ގެންދެވެން ނެތް ހުރިހާ މަޝްރޫއުއެއް މީގެ ތެރޭގައި ހިމެނުމާއި، އަދި އެ އެސެސްމަންޓްގެ ކުރިން، ރާއްޖޭގައި ހިމާޔަތް ކުރަންޖެހޭ ތަންތަނާއި، ސެންސިޓިވް ތަންތަނުގެ ގޮތުގައި ކަނޑައަޅާ ނިންމަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ހަމައެއާއެކު ވެލީގެ ރިސޯސް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ހިއްކަންޖެހޭ ތަންތަން ހިއްކުމަށް ކަނޑައެޅުމުގައި ރާއްޖޭގައި އެންމެ ފުންވެގެން ހިއްކޭނެ ފުންމިނުގެ ތްރެޝްހޯލްޑެއް ސަރުކާރުން ކަނޑައަޅަން ވެސް ކޮމެޓީން ވަނީ ހުށަހަޅައިފަ އެވެ.

މަޝްރޫއުގެ ފީސިބިލިޓީ ކަނޑައެޅުމުގައި، މަޝްރޫއުގެ ސަބަބުން ހަލާކުވެގެންދާ ވެށީގެ އަގަކީ މަޝްރޫއުގެ އަގުގެ ތެރޭގައި ހިމެނުމަށް އީއައިއޭގެ ޓާމްސް އޮފް ރެފަރެންސްގައި ހިމެނުމަށް ވެސް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

އަދި އީއައިއޭގައި ކަނޑައަޅާ ލަފައަށް އަމަލުނުކުރުމާއި، މޮނިޓަރިން ޕްރޮގްރާަމްތައް ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އެޅުމަށް ބުނެފައިވެ އެވެ.

މީގެ އިތުރުންް ކަނޑު ހޫނުވުމުގެ ސަބަބުން، މުރަކަ ހުދުވާ ނުވަތަ މުރަކަ ބިސް ދޫކުރާ އިވެންޓެއް ހިނގަމުންދާ ނުވަތަ ހިނގާނެކަމަށް އިހުއްސުރެ ފާހަގަވެ، އެނގިފައިިވާ ދުވަސްވަރެއްގައި، ކަނޑު، ފަޅު، ފަރު އަދި ރަށްރަށުގެ ގޮނޑުދޮށަށް އެއްވެސް އަސަރެއް ކޮށްފާނެ ފަދަ، ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތައް ނުހިންގުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް ކޮމިޓީގެ ހުށަހެޅުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ވޯޓާއެކު އެ ރިޕޯޓު މިއަދު ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް