ތުހުމަތުވާ މީހުން ދޫކޮށްލުމުން ކުށް ތަކުރާރުވުމުގެ މަގު ފަހިވޭ: އެމްއާރްއެމް

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން: މީގެ ކުރިން މައުމޫން އަބްދުލް ގައްޔޫމް އިސްވެ ވަނީ 2 ޕާޓީއެށް އުފައްދަވާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުށުގެ ވެށިން ހައްޔަރުކުރިކަމަށް ބުނެވޭ ދެ ފިރިހެނުން ފުލުހުން ގެންދިޔުމަށްފަހު ދޫކޮށްލުމަކީ މިބާވަތުގެ ކުށުގެ އަމަލުތައް ތަކުރާރުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައިމޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގެ ކުށުގެ ވެށިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކުރިއެވެ. ނަމަވެސް "ބަންދުގައި ބަހައްޓަން އެކަށީގެންވާ ސަބަބެއް ނެތުމުން" އެ ދެމީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.

އެ މައްސަލައާ ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ޖިންސީ އަނިޔާކުރުމާއި ގެވެށިއަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއާރްއެމް އިން ބުނީ މި ބާވަތުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހެންމީހުންގެ ފުރައްސާރަ އާއި ބިރުދެއްކުމާ ކުރިމަތިލާންޖެހި، ނަފްސާނީ ގޮތުން އިތުރު އަނިޔާ ލިބުމަށް މަގުފަހިވާ ކަމަށެވެ.

އެހެންކަމުން، މިބާވަތުގެ ލާއިންސާނީ އަދި ނާތަހުޒީބީ އަމަލުތަށް ދިވެހި މުޖުތަމައުން ނައްތާލުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރުމަށް ޖިނާއީ އަދުލުގެ ނިޒާމު ދަމަހައްޓަން ހަވާލުކުރެވިފައިވާ އެންމެހާ ފަރާތްތަކަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއާރްއެމް އިން ބުނީ އަނިޔާގެ ކަންކަމުގެ ފަރުވާއަކަށް ވާނީ، އަނިޔާ ލިބޭ ފަރާތަކަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުވުން ކަމަށެވެ.

"ވީމާ، އިންސާފު ހޯދައިދިނުމަށްޓަކައި، ގާނޫނު ތަންފީޒުކުރުމަށް މަތިކޮށްފައިވާ އިދާރާތަކުން ވަކި ފަރާތަކަށް ބުރަނުވެ، ހަމައާއި އިންސާފުން މައްސަލަތައް ތަހުގޫގުކޮށް، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް މި ޕާޓީއިން ގޮވާލަމެވެ." އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ބެލެން އޮތް އެންމެ ފުރިހަމައަކަށް އަދި އަވަހަށް މައްސަލަބަލައި އަދުލުވެރިކަމާއެކު ތަހުގީގުކުރުމަކީ، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ އެކުށް ނުކުރާ މީހަކުނަމަ އެމީހަކަށް އިންސާފު ހޯދައިދިނުމަށްވެސް އޮތް އެންމެ ރަނގަޅު މަގު ކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މައްސަލަ ތަހުގީގު ކުރުމަށާއި އަދި މި ލާއިންސާނީ އަމަލު ހިންގިކަމަށް ބެލެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އަނިޔާ ލިބުނު މީހާގެ ހައްގު ހޯދައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް އެމްއާރްއެމް އިން ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް