އޭރު ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާހިރާ ކުރި މީހުން މިއަދު ފެންނަން ނެތްކަމަށާއި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ވެސް މިހާރު ނިދާފައި ތިބިކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ތުހުމަތުވާ މީހުން ދޫކޮށްލުމާ ގުޅިގެން ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުންމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވެސް ވަނީ ތާވަލުކޮށްފައެވެ.
ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެން ފުލުހުން ވަނީ އިއްޔެ ދޫކޮށްލާފަ އެވެ.
ރޭޕް މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުން ފުލުހުން ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހުން ދޫކޮށްލާފައިވަނީ، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެކަމާ ގުޅިގެން ކުރީގެ މިނިސްޓަރު ޝިދާތާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޝިދާތާގެ ވަޒީރުކަމުގައި ކުޑަކުދިންނާ އަންހެނުންނާއި އިންސާނީ ކަރާމާތާ ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑަ ކޮމިޓީގެ މުގައްރިރު "ދެފައި އެއްތާ ނުޖަހާ" ކަމަށެވެ.
އަދި ފެބުރުއަރީ ފަސް ވަނަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވެސް އެފަދަ މައްސަލަ ތަކުގައި މެމްބަރުންގެ އުދާސްތަކާއި ރުޅިވެރިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވޭ ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން" މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގި ހުރެ އެކަން ސިއްރުކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އެވެ.
އެ މައްސަލަ ހޫނުވެ، ޝިދާތާ މިނިސްޓަރު ކަމުގައި ހުންނަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވެސް ފާސްކުރިއެވެ.
"އޭރު ކަންބޮޑުވުން ފާޅުކުރި މައްސަލައިގެ ހިމެނޭ ޑިސެބިލިޓީ އެންބެސެޑަރުވެސް ދޫވެއްޖެ. އެފަދަ އެތައް މަސައްލައެއް މައްސަލަޔަކަށް ނުވެ ހިގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ،" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު "ފުނޑާލަން" ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިދަކު ހަގީގީ ހެޔޮ ބަދަލެއް ނާންނާނެ ކަމަށާއި މިއަދުވެސް ފެންނަނީ އޮޑީގެ މިސްރާބު ގޯހުން ގޯހަށް ދާތަން ކަމަށެވެ.
"އޭރު އަޅުގަޑުގެ އޮފީސް ދޮށުގަ މުޒާހިރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް. މީޑިއާ ތަކުގަ މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާމީހުން ޝިދާތާގެ އިސްތިއުފާ ޔާ އެކު ނިދިއްޖެ،" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ހެޔޮ ނިޔަތުގައި އެދުވަހުވެސް ތެދުވެ ތިބިނަމަ މިއަދުވެސް އެމަންޒަރު އެގޮތަށް ނުފެންނާނެ ކަމަށެވެ.
ޝިދާތާގެ އިސްތިއުފާއަށް ގޮވަައި، މުޒާހަރާކޮށްފައި ވަނީ ހިޝާންގެ މައްސަލައިގެ އިތުރުން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް، އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެވެ.
އެ މުޒާހަރާތަކުގެ ތެރެއިން މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ގޮވާލުމުން އޭނާ ވިދާޅުވެފައި ވަނީ، އޭނާ އިސްތިއުފާ ދީގެން ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ހުއްޓޭނެކަމުގެ ޔަގީންކަން ދޭނަމަ، އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ޝިދާތާ ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވީ ފެންމަތިވަމުން ދިޔަ މައްސަލަތަކުގައި އިހުމާލެއް އޮތުމުން ނޫން ކަމަށާއި ނަމަވެސް، އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.