މ. މަޑުއްވަރީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

މަޑުއްވަރީ ފުޓްސަލް ދަނޑު

ކުރީގެ ސަރުކާރުގައި ހަދަން ފަށައި ނުނިމި އޮތް މ. މަޑުއްވަރީގެ ފުޓްސަލް ދަނޑުގެ މަސައްކަތް ބޮޑު ބަދަލުތަކާއެކު ނިންމާލައިފި އެވެ.

އާ ސަރުކާރާއެކު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މަގާމާއި ހަވާލުވުމަށްފަހު މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މ. މަޑުއްވަރީގައި ފުޓްސަލް ދަނޑު ނިންމުމަށް ހަމަޖައްސާފައިވާއިރު، އައުޓްޑޯ ޖިމެއްވެސް ތަރައްގީކުރަން ވަނީ އޭރު ވައުދުވެވަޑައިގެންފައެވެ.

އަދި އެ ރަށުގައި ޕާކެއްގެ އިތުރުން ކައުންސިލްގެ މަޝްވަރާއާއެކު އައުޓްޑޯ ވޮލީ ކޯޓެއް އެޅުމަށްވެސް އޭރު ވަނީ މަޝްވަރާ ކޮށްފަ އެވެ.

އެގޮތުގެ މަތިން އެ ރަށުގައި ކުރީ ސަރުކާރުން އެމްއާރުޑީސީއާއި ހަވާލުކޮށްގެން ހަދަން ފަށައި، ނުނިމި އޮތް ފުޓްސަލް ދަނޑުގެ މަސައްކަތް ބޮޑެތި މަރާމާތުތަކާ އެކު މިހާރު ވަނީ ނިންމާލައިފަ އެވެ. އެ ދަނޑުގެ މަސައްކަތް ނިމުނުކަން އިއުލާން ކުރައްވަމުން މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ރަށުގެ ޒުވާނުންގެ އެދުމާ އެއްގޮތަށް ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތް ނިމުނު ނަމަވެސް އެ ދަނޑުގެ ބޭނުން ހަމައެކަނި ފިރިހެނުންނަށް ކުޅެވޭ ފަދަ ގޮތަކަށް ހެދިފައިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މި ދަނޑުތަކަކީ ދެ ޖިންސުގެ ހުރިހާ އުމުރުފުރާއަކަށް ފުޓްސަލް، ހޭންޑްބޯޅަ ފަދަ ކުޅިވަރުތަކަށް ހާއްސަ ކުރެވިފައިވާ ދަނޑުތަކެއް ކަމަށާއި ސަރުކާރުގެ ސިޔާސަތެއް ކަމަށްވާ "ދުޅަހެޔޮ، ހަށިހެޔޮ" ޕްރޮގުރާމަށް ވެސް މި ދަނޑުތައް ބޭނުން ކުރެވޭނެކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މަޑުއްވަރީގެ ދަނޑާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ކުރީ ސަރުކާރުން އަޅަން ފެށި ދަނޑުގެ މަސައްކަތްކޮށްފައި އޮތީ އެގޮތް މިގޮތަށް ކަމަށާއި، އަދި ވަކި ވަރަކަށް ހެދުމަށްފަހު މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ.

"ކުރިން ދަނޑު އޮތީ ވަރަށް ކުޑަކޮށް. މިހާރު ކައުންސިލްއާއި ޒުވާނުން އެދޭ ގޮތަށް ދަނޑު ބޮޑުކޮށް އަލުން ޓާރފް އަޅާ، ލައިޓް ޖަހާފައި އެހުރީ." ޔޫތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް