ދެ ބްލެކް ހޯލް އެކުވި ވަގުތު އުފެދުނު ކަމަށް ބެލެވޭ އައްޔެއް

ސުޕަމެސިވް ބްލެކްހޯލް އެއްގެ ވަށައިގެން ދެ ކުޑަ ބްލެކް ހޯލް ދައުރުވާތަން ދައްކުވައިދީފައިވާ ކުރެހުމެއް -- ފޮޓޯ: ކެލްޓެކް

ދެ ބްލެކް ހޯލް ޖެހި، އެކުވި ވަގުތު އުފެދުނު ކަމަށް ބެލެވޭ އައްޔެއް ފުރަތަމަ ފަހަރަށް ފެނިއްޖެ ކަމަށް އެސްޓްރޮނޮމަރުން ބުނެފި އެވެ.

ކާއިނާތުގެ އެކި ހިސާބުތަކުން ފެންނަ ގޮތް ނޭނގޭ ބްލެކް ހޯލް އުފެދެނީ އިރު ފަދަ ބޮޑެތި ތަރިތަކުގެ އަޖަލު ހަމަވުމުން، އޭގައި ހިމެނޭ މާއްދާތައް މެދަށް ޖަމާވެ، ކުޑަ ކުޑަ ޒައްރެއްގެ މިންވަރަށް ކުޑަވުމުންނެވެ. އެހާހިސާބުން އޭގެ ދަމާބާރު ގަދަވެ، އޭގެ ކައިރިން ދާ ހުރިހާ އެއްޗެއް އޭގެ ތެރެއަށް ދަމައިގަންނަ ވަރަށް ބާރު ގަދަވެ އެެވެ. އެއީ އިރުގެ އަލި ކަމަށްވީ ނަމަވެސް އެވެ. އެހެންކަމުން މީގެ ކުރިން ސައިންސުވެރިން ލަފާ ކުރަނީ ދެ ބްލެކް ހޯލް އެކުވުން ނުވަތަ މާޖް ވާ އިރު އެކަން ހިނގާނީ އަނދިރީގައި ކަމަށެވެ.

ނަމަވެސް އެމެރިކަން މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގެ އެސްޓްރޯފިޒިސިސްޓެއް އަދި އެސްޓްރޮނޮމީ ޕްރޮފެސަރެއް ކަމަށްވާ ކޭއީ ސާވިކް ފޯޑްއާއި އެހެން އެސްޓްރޮނޮމަރެއް ކަމަށްވާ ބެރީ މެކޭނަން ވަނީ ދެ ބްލެކް ހޯލް އެކުވާ އިރު އައްޔެއް އުފެދިދާނެ ގޮތެއް ދިރާސާކޮށްފަ އެވެ.

ފޯޑް ވިދާޅުވި ގޮތުގައި ގިނަ ގެލެކްސީތަކުގެ މެދުގައި 'ސުޕަމެސިވް' ނުވަތަ މާސިންގާ ބްލެކް ހޯލްއެއް އޮވެ އެވެ. އަދި އޭގެ ވަށައިގެން އެނބުރޭ އެކްރީޝަން ޑިސްކޭ ކިޔާ ސަރަހައްދުގައި ތަފާތު ގޭސްތަކާ އެކު އިތުރު، ކުޑަ ބްލެކް ހޯލްތައްވެސް ހިމެނެ އެވެ.

ފޯޑްއާއި މެކާނަން ވިދާޅުވާ ގޮތުގައި ދެ ބްލެކް ހޯލް ގުޅުމުން އަލި ފެންނަނީ، އެކްރީޝަން ޑިސްކު ތެރޭގައި ދެ ބްލެކް ހޯލް ގުޅުމާއެކު ދެން އުފެދޭ ބްލެކް ހޯލް، އެ ޑިސްކުގެ ތެރެއިން ބާރު ސްޕީޑުގައި ދިޔުމުންނެވެ. އަދި އެ ބްލެކް ހޯލް ދަތުރު ކުރާ ސްޕީޑުގެ ސަބަބުން އެކްރީޝަން ޑިސްކުގައި ހިމެނޭ ގޭހަށް ވާ ގޮތަކުން ދުނިޔޭގެ ޓެލެސްކޯޕްތަކަށް ފެންނަ ވަރުގެ ގަދަ އައްޔެއް އުފެދެނީ އެވެ.

ފޯޑްއާއި މެކާނަންގެ އެ ތިއަރީ ޓެސްޓު ކުރުމަށްޓަކައި އެމީހުން ކެލިފޯނިއާގެ ޕަލޯމާ އޮބްޒަވޭޓަރީގައި ހުންނަ ޒުވިކީ ޓްރާންޒިއެންޓް ފެސިލިޓީގެ ޕްރޮޖެކްޓް ސައިންޓިސްޓެއް ކަމަށްވާ މެތިއު ގްރަހަމްއާ ގުޅިގެން މަސައްކަތް ކުރި އެވެ. އެ ފެސިލީޓި އަކީ ޖައްވުން ފެންނަ، އަލިކަން ބަދަލުވާ ތަކެތި ސާވޭ ކުރަމުންދާ ފެސިލީޓީއެކެވެ. އެ ފެސިލިޓީގެ ރެކޯޑުތަކުން ތިން ސައިންސުވެރިން ހޯދީ، މިދިޔަ އަހަރު ދެ ބްލެކް ހޯލްއެއް ގުޅުނު ވަގުތާއި ތަނާ ދިމާވާގޮތަށް، އެ ޓެލެސްކޯޕުން އައްޔެއް ފެނިފައިވޭތޯ އެވެ.

އެގޮތުން މިދިޔަ އަހަރުގެ މެއި މަހު ސައިންސުވެރިންނަށް ފާހަގަ ކުރެވުނު ދެ ބްލެކް ހޯލްއެއް ގުޅުނު ވަގުތާއި ތަނާ ގާތްކޮށް، އެ ޓެލެސްކޯޕަށް އައްޔެއް ފެނިފައިވާކަން ސައިންސުވެރިންނަށް ހޯދުނެވެ.

"އެ އަލިގަނޑު އުފެދުނީ [ދެ ބްލެކް ހޯލް ގުޅުނު] ގްރެވިޓޭޝަނަލް ވޭވް އިވެންޓުގެ ގަޑިއާއި ތަނާ އެއްގޮތްވާ ގޮތަކަށް. އަޅުގަނޑުމެންގެ ދިރާސާގައި އަޅުގަނޑުމެން ނިންމީ އެ އަލި އުފެދުނީ ބްލެކް ހޯލްތަކެއް ގުޅުމުން ކަމަށް، ނަމަވެސް އެއީ އެހެން ސަބަބަކާ ހެދި އުފެދުނު އައްޔެއް ނޫންކަން ޔަގީންކޮށް އަދި ބުނެވެން ނެތް،" ގްރަހަމް ވިދާޅުވި އެވެ.

ނަމަވެސް ފޯޑް ވިދާޅުވީ އެ އަލި އުފެދުނީ އެކްރީޝަން ޑިސްކުގައި ދެ ބްލެކް ހޯލް ގުޅުމުން ކަމަށް އެމީހުންނަށް 99 ޕަސެންޓު ޔަގީންކަން އޮތް ކަމަށެވެ.

އެސްޓްރޮނޮމަރުން ބުނަނީ އެ އައްޔާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަކީ ބްލެކް ހޯލްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބޭނެ ކަމެއް ކަމަށެވެ. އެ ދިރާސާ މިހާރު ވަނީ ސައިންޓިފިކް ޖާނަލް، ފިޒިކަލް ރިވިއު ލެޓާސްގައި ޝާއިއުކޮށްފަ އެވެ.

comment ކޮމެންޓް