ފުޓުބޯޅަ ކޯޗިންގްގެ އެންމެ މަތީ ލައިސަންސް މޯހަން ހާސިލްކޮށްފި

10 މާޗް 2018: އެސްޓީއޯ މާލޭ ލީގުގައި މިއަދު އީގަލްސްއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން : އީގަލްސްއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ކޯޗިން ލައިސަންސް (އޭއެފްސީ ޕްރޯ ލައިސެންސް) ހޯދި ދެވަނަ ދިވެހި ކޯޗަށް އީގަލްސްގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވެއްޖެ އެވެ.

ޔޫއެފާގެ ޕްރޯ ކޯޗިން ލައިސެންސާ އެއް ފެންވަރުގެ މި ލައިސެންސް ހާސިލު ކުރި ރާއްޖޭގެ ފުރަތަމަ ކޯޗަކީ މިހާރު ޓީސީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އޭނާ ޕްރޯ ލައިސެންސް ހާސިލު ކުރީ މިދިޔަ އަހަރު އެވެ. ޝާޒްއަށް ފަހު މޯހަން ވެސް އިންޓަނޭޝަނަލް ފުޓްބޯޅަ ކޮންފެޑްރޭޝަންތަކުން ހިންގާ ކޯޗިންގެ އެންމެ މަތީ ލެވަލްގެ ފާހުގެ ކޮޕީއެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ވަނީ ޓްވީޓް ކުރައްވާފައެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ޕްރޯ ލައިސަންސް ކޯޗިން ކޯހުގެ ފުރަތަމަ ބައި މޯހަން ފުރިހަމަކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ތައިލެންޑުގަ އެވެ. އެއަށްފަހު ކޯހުގެ ދެވަނަ ބައި ޖަޕާނުގައި ފުރިހަމަ ކުރި އިރު ބާކީ ދެ ބައި ވަނީ މިދިޔަ އަހަރެއްހާ ދުވަހު މޯހަން ފުރިހަމަ ކޮށްފަ އެވެ.

އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.

މޯހަންގެ ކާމިޔާބީއާ އެކު އެފްއޭއެމްގެ ރައީސްއާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ އޭނާއަށް މަރުހަބާ ކިޔައިފަ އެވެ. ބައްސާމް ވިދާޅުވީ، މޯހަންގެ މި ކާމިޔާބީއާ އެކު މިއަދަކީ ފުޓުބޯޅައިގެ އާއިލާއަށް އައި އުފާވެރި ދުވަހެއް ކަމަށެވެ.

ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރި މޯހަން ވަނީ، ރާއްޖޭގެ ގައުމީ ޓީމަށާއި، ކުލަބު ފުޓުބޯޅައިގައި ވެސް ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މޯހަންގެ ކޯޗު ކަމުގެ ދަށުން ނިއު ރޭޑިއަންޓުން 2012 ވަނަ އަހަރު ދިވެހި ލީގްގެ ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

comment ކޮމެންޓް