ކޮސޯވޯގެ ރައީސްގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ދައުވާ ކުރަނީ

ކޮސޯވޯގެ ރައީސް ހަޝިމް ތާޗީގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ތުހުމަތުކޮށްފަ -- ފޮޓޯ: އޭއެފްޕީ

ޕްރިސްތީނާ (ޖޫން 25): ކޮސޯވޯގެ ރައީސް ހަޝިމް ތާޗީގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ދައުވާ ކުރަން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ކޮސޯވޯ ސްޕެޝަލިސްޓް ޕްރޮސެކިއުޓާސް އޮފިސް (އެސްޕީއޯ)އިން ކޮސޯވޯ ސްޕެޝަލިސްޓް ޗޭމްބާސް (ކޭއެސްސީ)އަށް ހުށަހަޅައިފި އެވެ.

ކޮސޯވޯގެ މިނިވަންކަމަށް 1998 ވަނަ އަހަރު ކުރި ހަނގުރާމައިގެ ތެރޭ ހިނގާ ދިޔަ ކުށްތައް ތަހުގީގު ކުރަމުންދާ އެސްޕީއޯއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ތާޗީއާއި އިތުރު ނުވަ މީހަކާ ދެކޮޅަށް ދައުވާ ކުރަން އެ އޮފީހުން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ކޮސޯވޯގެ ޕާލިމެންޓުގެ ކުރީގެ ރައީސް އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ކަދުރީ ވަސެލީވެސް ހިމެނެ އެވެ.

އެ މީހުންގެ މައްޗަށް ކުރަން އެސްޕީއޯއިން ހުށަހަޅާފައިވާ ދައުވާތަކުގެ ތެރޭގައި އިންސާނިއްޔަތާ ދެކޮޅު ޖަރިމާތައް ހިންގުމާއި މީހުން ގެއްލުވާލުމާއި މެރުމާއި އަނިޔާ ކުރުން ހިމެނެ އެވެ. އަދި އެސްޕީއޯއިން ވަނީ އެ އޮފީހުގެ މަސައްކަތަށް ހުރަސް އަޅަން ތާޗީ އާއި ވަސެލީ މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ކޭއެސްސީން ކުރިއަށް އޮތް ހަ މަސް ތެރޭ ގޮތެއް ނިންމާނެ އެވެ.

ކޮސޯވޯގެ ރައީސްގެ މައްޗަށް އެ ތުހުމަތުތައް ކުރީ އޭނާ އަަންނަ ހޮނިހިރު ދުވަހު ވައިޓްހައުސްއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ. އަދި އެ ތުހުމަތުތައް އިއުލާން ކުރި ފަހުން ރައީސް ތާޗީ ވަނީ އެ ދަތުރުފުޅު ކެންސަލް ކުރައްވާފަ އެވެ.

މީގެ އިތުރުން ކޮސޯވޯގެ ސަރުކާރުން ވަނީ ރައީސާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ސާބިއާގެ ފަރާތުން މިނިވަންވުމަށް ކޮސޯވޯގައި އެއް އަހަރު ވަންދެން ކުރި ހަނގުރާމައިގައި އެގައުމުގެ ލިބަރޭޝަން އާމީ (ކޭއެލްއޭ)ގައި އިސްކޮށް ހުންނެވީ ތާޗީ އެވެ. އަދި އެ ހަނގުރާމައަށް ފަހު އޭނާ ބޮޑުވަޒީރު ކަމަށް އިސްވެ، 2016 ވަނަ އަހަރު ރައީސް ކަމަށް ހޮވުނެވެ.

ކޮސޯވޯއިން 2008 ވަނަ އަހަރު މިނިވަންކަން އިއުލާންކޮށްފައިވީ ނަމަވެސް ސާބިއާއިން އެކަން ބަލައި ނުގަނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް