މޭއާ ހަމައަށް ރިސޯޓްތަކުގެ ދިވެހި މުވައްޒަފުންގެ ހިއްސާ 51 ޕަސެންޓަށް ހެދޭނެ: މިނިސްޓަރު

އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަސް، މެއި މަހުގެ ފުރަތަމަ ދުވަސް އަންނަންވާ އިރަށް، ރިސޯޓުތަކުގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް 51 ޕަސަންޓަށް ހެދުމަށް ސާކިއުލާ އިސްލާހު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މީގެ އަށެއްކަ އަހަރު ކުރިން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސާކިއުލާ އޮތް ގޮތުން ކޮންމެ ރިސޯޓަކުން ވެސް ވަޒީފާގައި ދިވެހިންގެ 45 ޕަސަންޓު މުވައްޒަފުން ހިމެނުމަކީ މަޖުބޫރު ކަމެކެވެ. އަދި ބިދޭސީ މުވައްޒަފުންގެ ޕަސަންޓަކީ 55 އެވެ.

ރޭ ދަރުބާރުގޭ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވީ، ކޮވިޑަށް ފަހު ޓޫރިޒަމް އަލުން ފެށުމަކީ، ސިނާއަތުގައި ދިވެހިން އިތުރުކުމުގެ މަސައްކަތް ފެށުމަކަށް ހައްދަވާނެ ކަމަށެވެ. އަދި އެކަމުގެ ސިނާއަތުގެ ބޭފުޅުންނާ އެކު މަޝަވަރާތައް ފެށި ކޮންސަލްޓެންސީ ފާމަކާ އެކު ދިރާސާތައް ހެދުމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ސާކިއުލާ އިސްލާހު ކުރުން. ސާކިއުލާ އާވެގެން ދާއިރު އަޅުގަނޑުމެންގެ އަމާޒަކީ، ދިވެހިންގެ ނިސްބަތް 51 ޕަސަންޓަށް، މެޖޯރިޓީއަށް ވާސިލުވުން،" އަލީ ވަހީދު ވިދާޅުވި އެވެ.

އެ ބަދަލާ އެކު 5،000 ދިވެހިން މި ސިނާއަތަށް އިތުރު ކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އަންނަ އަހަަރުގެ މަސައްކަތްތެރިންގެ ދުވަސް އަންނަވާ އިރު ޓޫރިޒަމްގެ މާސްޓާ ޕްލޭން ވެސް އެކުލަވާލެވި ދިވެހިން އިތުރުކުރުމަށް ހަދާ ދިރާސާ ވެސް ނިމޭނެ ކަމަށެވެ.

"އެ ރިސާޗުތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިއައަށް ވުރެ މައްޗަށް [ދިވެހިންގެ ހިއްސާ އިތުރުކުުރުމަށް]. އޭގެ މާނައަކީ 55 އިންސަތައް އަށް، އަދި އޭގެ ވެސް ދުރަށް ދިޔުމަށްޓަކައި މި ސިނާއަތަށް ދިވެހިން އިތުރު ކުރުން. އެކަމުގެ ތެރޭގައި ދިވެހިން މަތީ މަގާމުތަކަށް ގެނެވޭނެ އުސޫލުތަކާއި ދިވެހިން މި ދާއިރާއަށް ތަމްރިނުކުރުމަށް އިންޑަސްޓްރިއާއި ސަރުކާރާ ގުޅިގެން އަދި ކަމާ ބެހޭ އެހެން މިނިސްޓްރީތަކާ ގުޅިގެން ވެސް މިދަނީ [ މަސައްކަތް] ކުރަމުން،" އަލީ ވަހީދު ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

އޭނާ ވިދާޅުވީ، ރިސޯޓުތަކުގައި ދިވެހިންގެ ވަޒީފާ އަދާ ކުރާ ނިސްބަތް 55 ޕަސަންޓަށް އިތުރު ކުރުމާ އެކު، ޓޫރިޒަމް ސިނާއަތުގައި 9،000 ދިވެހިން ވަޒީފާ އަދާކުރާނެ ކަމަށެވެ.

"މިއަންނަ މަސައްކަތްތެރިންގެ ދުވަހަށްދާ އިރު، މި ސާކިއުލާތައް ރިވައިޒްކޮށްގެން ޓްރައިޕާޓީކޮށް މަޝްވަރާކޮށްފި ނަމަ، އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ދައުރު މެދަށްދާއިރު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި 51 ޕަސެންޓަށް ދިވެހީން [ދިވެހިން ވަޒީފާއަދާކުރާ ނިސްބަތް] ގެންދެވޭނެ. އަޅުގަނޑުމެން އެކަން ކުރާނަން. އަކަމުގެ ޔަގީންކަން އެބަ އޮތް،" އަލީ ވަހީދު ވިދާޅުވި އެވެ.

ރިސޯޓުތަކުގައި ދިވެހީން އުޅޭ ނިސްބަތާ ގުޅޭ ގޮތުން އެ މިނިސްޓްރީ އިން ކުރިން ހެދި އޮޑިޓް ތަފްސީލު ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި އެވެ. އެގޮތުން 59 ރިސޯޓުގައި ދިވެހިން ތިބޭ ނިސްބަތް ހުރީ 40 ޕަސަންޓަށް ވުރެ ދަށް ކޮށެވެ. އަދި އެ އަދަދު 45-50 ޕަސަންޓާ ދެމެދު 46 ރިސޯޓު އޮތް އިރު، 35 ރިސޯޓުގައި ދިވެހިން ވަޒީފާ އަދާ ކުރާ އަދަދު 55 ޕަސަންޓަށް ވުރެ މަތި ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.

އަލީ ވަހީދު ވިދާޅުވީ، އެ އޮޑީޓްގެ އަލީގައި އެކަމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސާކިއުލާއަށް ނުފެތޭ 16 ރިސޯޓަކަށް ކަންކަން އިސްލާހު ކުރުމަށް މިދިޔަ އަހަރު ތެރޭ ދަންނަވާފައިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭގެ ތެރެއިން 15 ރިސޯޓަކުން ކަންކަން އިސްލާހު ކުރައްވާނެ ކަމުގެ ޔަގީންކަމާއި އެ ޕްލޭން މިނިސްޓްރީއާ ހިއްސާކުރައްވާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އެއް ރިސޯޓުން އެ ރެސްޕޮންޑް ނުކޮށްވަނީ. އެ ރިސޯޓަށް ދީފައިވާ ފަހު ފުރުސަތު މާދަމާއަށް [ޖޫން، 25] ހަމަވާނެ. އެ ފުުރުސަތު ހަމަވުމަށް ފަހު، އިސްލާހުނުކޮަށްފި ނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެ ރިސޯޓާދޭތެރޭ އަޅާނަން." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ކަންކަން އިސްލާހުކޮށްގެން ކަންކަން ރަނގަޅުމަގަށް އެޅުވުން ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 15 ގަ އެވެ. އެދުވަހު ތިން ފްލައިޓެއް އައުމަށް ހަމަޖެހިފައިވާ އިރު، ޓޫރިޒަމް ހުޅުވާލުމުގެ ތާރީހު އިއުލާނު ކުރުމުގެ ކުރިން 41 ރިސޯޓަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އަލީ ވަހީދު ވިދާޅުވީ، އަންނަ މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ އިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރިސޯޓު ހުޅުވާލެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން އޮޕަރޭޓް ކުރަމުން އައި ރިސޯޓުތަކުގެ އަދަދަކީ، 150 އެވެ.

comment ކޮމެންޓް