ޖުލައި މަހު ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރިސޯޓު ހުޅުވޭނެ: މިނިސްޓަރު އަލީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރިސޯޓު ހުޅުވާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، ބޯޑަރު ހުޅުވާލާނެ ތާރީހު އިއުލާނު ކުރުމުގެ ކުރިން ވެސް ޖުލައި މަހު ރިސޯޓު ހުޅުވަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން 41 ރިސޯޓަކުން ދީފައިވާ ކަމަށެވެ.

"ބޯޑާ އިއުލާނު ކުރުމުގެ ކުރިން މިނިސްޓްރީން ސާކިއުލާއެއް ނެރުނިން. އޭރު އެ ތާރީހު ކަށަވަރު ނުވާއިރު ވެސް، 41 ރިސޯޓެއް ޖުލައިގައި ހުޅުވާނެކަމުގެ ޔަގީންކަން މިނިސްޓްރީއަށް ދީފައި އޮތީ. ތާރީހު ލިބުމާއެކު ޑިސައިޑް ކުރަން އިތުރު 30 ރިސޯޓުން ބޭނުންވާކަމުގެ މައުލޫމާތު ދީފައިވަނީ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ ބޯޑަރު ހުޅުވާލާނެ ތާރީހެއް ހަމަޖެހުމާއެކު ރިސޯޓުތައް ހުޅުވޭނެ ތާރީހުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އަލުން ހުށަހެޅުމަށް މިނިސްޓްރީން ސާކިއުލާއެއް ނެރެފައިވާ ކަމަށެވެ.

ބޯޑަރު ހުޅުވޭނެ ތާރީހެއް އިއުލާނު ކުރުމާއެކު ކުރިން ނުހުޅުވާ މަޑު ޖައްސާލަން ނިންމައިގެން ތިބި ރިސޯޓުތައް ވެސް އަވަހަށް ހުޅުވޭނެ ކަމަށް މިނިސްޓަރު ލަފާކުރެއްވި އެވެ.

"ރާއްޖޭގައި 150 ވަރަކަށް ރިސޯޓު އޮޕަރޭޓު ކުރަމުން މިދިޔައީ. އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރިސޯޓު ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް އަންނާނެ، އިންޑަސްޓްރީގެ ފަރާތުން ދަނީ މަސައްކަތް ކުރަމުން. ބާކީ ހުރި ގިނަ ރިސޯޓުތައް އޮގަސްޓް މަހު އަންނާނެ. މަދުން ނަމަވެސް އެބަހުރި ސެޕްޓެމްބަރު، އޮކްޓޫބަރާ ހަމައަށް ވެސް ތާރީހު ދީފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތާރީހު ލިބުމާއެކު ކުރިން ލަހުން ހުޅުވަން ހުރި ރިސޯޓުތަކުގެ ތާރީހުތައް ވެސް އަވަސްވާނެ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ޖުލައި މަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނުކުރައްވާފަ އެވެ. އަދި އެއާއެކު ޓޫރިޒަމް އަލުން ފަށައިގެން އަމަލުކުރާނެ ގައިޑްލައިން ވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

comment ކޮމެންޓް