ހިޔާ ފްލެޓު: ބޮކި ފަންކާ ހަރުކޮށް މުށި ޖެހުން އަމިއްލަ އަށް

ހިޔާ ފްލެޓުތައް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިޔާ ފްލެޓުގެ އެގްރިމެންޓު އެކުލަވާލި އިރު ފިނިޝިންގެ މަސައްކަތްތައް ކުރަން އޮތީ ސަރުކާރުން ބޭނުއްވެއްޖެނަމަ ވަކިން ފައިސާ ދައްކައިގެން ކުރާގޮތަށް ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީ އިން މިއަދު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލައިފައެވެ. 570 އަކަފޫޓުގެ ކޮންމެ ފްލެޓެއްގައި އެޓޭޗްޑް ފާހާނާއާއެކު ދެ ކޮޓަރި ހުންނަ އިރު ކޮޓަރިއެއްގެ ބޮޑުމިނަކީ 10.5 ފޫޓު، 9.5 ފޫޓެވެ. ސިޓިން ރޫމާއި ބަދިގޭގެ ބޮޑުމިނަކީ 217 އަކަފޫޓެވެ. ބޭރަށް ވާގޮތަށް އިންނަ ބެލްކަންޏަކީ ދޮންނަ މެޝެން ބެހެއްޓުމަށް ހާއްސަ ކޮށްފައިވާ ތަނެވެ. އެތަނުގެ ފުޅާމިނުގައި ހުންނަނީ ގާތްގަނޑަކަށް ދެ ފޫޓު ބައެވެ.

ގިނަ ފްލެޓުތަކުގެ ތަޅުން އެޅުމާ، ބޭރު ދޮރު ހަރުކޮށް ފާރުގައި ޕްރައިމާ ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. 7000 ފްލެޓުގެ ތެރެއިން މިހާރު މަސައްކަތް ނުނިމި ހުރީ 40 ޕަސެންޓް ފްލެޓުގައި ކަމަށް އެޗްޑީސީ އިން ބުންޏެވެ. ފްލެޓު ތަކުގެ ޖުމްލަ މަސައްކަތަށް ބަލާއިރު ގާތްގަނޑަށް 90 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން މިއަދު ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު ހިޔާ ފްލެޓުތަކުގެ އެގްރީމެންޓު އެކުލަވާލާފައިވާގޮތުން އިންޓީރިއާގެ މަސައްކަތުގެ ގޮތުގައި ހިމެނޭ ބޮކި ފަންކާ ހަރުކޮށް ބަދިގޭ ކަބާޑު ބެހެއްޓުމާއި ކުލަ ލުން އަދި މުށި ޖެހުން ފަދަ މަސައްކަތް ކުރަން އެގްރިމެންޓުގައި އޮތީ ސަރުކާރުން ބޭނުންވެއްޖެ ނަމަ ވަކިން ފައިސާ ދައްކައިގެން ކުރާގޮތަށެވެ.

މީގެ އިތުރުން ކޭބަލް ޓީވީ ސިސްޓަމް، އިންޓަނެޓު، ވޭސްޓް ވޯޓާ ޑިސްޓްރބިއުޝަން ސިސްޓަމް، ސަބްސްޓޭޝަން މަސައްކަތްތައް އަދި ލޯންގް ޑިސްޓެންސް ޓްރާންސްމިޝަން ސިސްޓަމް އޮފް ވޯޓާ މީޓާ ޑޭޓާ ފަދަ މަސައްކަތްތަކަކީވެސް ކޮންޓްރެކްޓުގެ ބޭރުން ވަކިން ފައިސާ ދައްކައިގެން ކުރަން ހިމަނާފައިވާ މަސައްކަތްތަކެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހިޔާ ފްލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި އެތަންތައް ހަވާލުކުރާއިރު ފިނިޝިންގެ މަސައްކަތް ނިންމާފައި ނުހުންނާނެެ ކަމަށެވެ.

"މިހާރު ނުނިމި ހުރީ ވަރަށް މަދު މަސައްކަތްތަކެއް. އެތަން ނިމޭއިރުގައި އެތާ އެތެރެއަކު ނުހުރޭ ޓައިލްސް އެއް ޖަހާފަ. އެތާ އެތެރެއަކު ދޮރުތަކެއް ނުހުރޭ ލާފައެއް. އެއީ ނިމުނުކަމަށް އޭރު ނިންމާފަ އޮތްގޮތް. އޭރު އަޅުގަނޑުމެން ވިސްނިން އިތުރަށް ފައިސާ ހޯދައިގެން ޓައިލްސް ޖަހާ، ދޮރުތައް ހަރުކުރަން ކޮޓަރިތަކާ ފާހާނާ ތަކުގައި. އެއީ ގާތްގަނޑަކަށް 43 މިލިއަން ޑޮލަރު. އެކަން ކުރަންޏާ ބޭނުންވޭ ވަގުތު،" ރައީސް ވިދާޅުވި އެވެ.

https://sun.mv/138981

އެމަނިކުފާނު ވިދާޅުވީ މިހާރު ނިންމާފައި އޮތީ، އެތަންތަން ހުރިގޮތަށް، ހައްގުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރަން ކަމަށެވެ.

"އެހެންނަމަވެސް ގަބޫލު ކުރައްވައްޗޭ، އެތަނަށް ވަންނައިރު ކޮޓަރިއަކު ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސް އެއް އެއްޗެއް ނޯންނާނެ. އެ ހާލަތުގައި އެތަން ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ ފްލެޓުތައް ހައްގުވެރިންނާ ހަވާލު ކުރުމަށްފަހު، ފިނިޝިން އަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް އެ ފަރާތްތަކަށް މުއްދަތެއް ދޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ މަސައްކަތަށް ޗައިނާގެ އެގްޒިމް ބޭންކުން ވަނީ 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. އެއީ އެވްރެޖުކޮށް ބަލާނަމަ ފްލެޓަކަށް 62،000 ޑޮލަރެވެ.

މި އަދަދުގެ ބޭރުން، ފްލެޓުތަކުގެ ފިނިޝިން މަަސައްކަތް ކުރުމަށް އިތުރު 43 މިލިއަން ޑޮލަރު ހޯދުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރިނަމަވެސް ލޯނު ހަމަނުޖެހި، އެކަމަށް ވަގުތު ނަގާތީ މިހާރު ސަރުކާރުން ނިންމާފައިވަނީ ފްލެޓު ލިބޭ މީހުން އަމިއްލަ އަށްް ފިނިޝިންގެ މަސައްކަތް ކުރުމަށް ފްލެޓުތައް ދޫކޮށްލުމަށެވެ.

"މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަޅުގަނޑުމެން އިންނާނެ ކޮންޓްރެކްޓަރާ އެކީ އެގްރިމެންޓެއްވެސް ހަދާފައި ފިނިޝިން މަސައްކަތް ކުރަން ލޯނު ހޯދަން ވެގެން. ނަމަވެސް އެ ލޯނު ރިއަލައިޒް ވާ ގޮތެއް ނުވޭ އެހެންވެ އެކަމުގައި ގިނަ ދުވަސްދާތީ ސަރުކާރުން މިހާރު ނިންމެވީ އޮރިޖިނަލް ކޮންޓްރެކްޓުގައި އޮތްގޮތަށް މަސައްަތް ނިންމާފައި ހަވާލު ކުރަން،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އިިން ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ނިންމޭނެ ދުވަހެއް ބަލައި، އެކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައިވަނީ 2017 ގެ ޑިސެމްބަރު 17 ގައެވެ. 2 އަހަރު ނުވަތަ 730 ދުވަހުގެ ތެރޭ ނިންމާގޮތަށް ހަވާލު ކުރި މި މަސައްކަތް ކޮންޓްރެކްޓުގައިވާގޮތުން ނިންމަން ޖެހެނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.

ފަންސަވީސް ބުރީގެ 16 ޓަވަރުގައި ހުމެނެނީ ދެ ކޮޓަރި އާއި ފާހާނާ އެވެ. ޖުމްލަ 7000 ފްލެޓުގެ ކޮންމެ ފަންގިފިލާ އަކު 20 ފްލެޓު ނުވަތަ އެޕާޓްމެންޓް ހުރެއެވެ. މީގެ ތެރެއިން ގްރައުންޑް ފްލޯގެ އެޕާޓްމެންޓުތައް ކޮމާޝަލް މަސައްކަތްތަކަށް ހާއްސަކޮށްފައިވާއިރު، މީހުން ދިރިއުޅެން ހުންނާނީ 6720 ފްލެޓު ނުވަތަ އެޕާޓްމެންޓެވެ. ކޮންމެ ޓަވަރަކު މީހުން އަރާ ފޭބުމަށް 114 މީހުންގެ ޖާގައިގެ ހަތަރު ލިފްޓު ހުރެއެވެ.

comment ކޮމެންޓް