ވޮޝިންޓަން (ޖޫން 24): އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ގާތްގަނޑަކަށް ކަށަވަރު ކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ ކެމްޕޭނުގައި ކުރީގެ ރައީސް ބަރަކް އޮބާމާ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފި އެވެ.
އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ކަމަށް ބައިޑެންއަށް ތާއިދު ކުރައްވާކަން އޮބާމާ އިއުލާން ކުރެއްވީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އަދި އިއްޔެ އޭނާ ވަނީ ބައިޑެންއާ އެކު ކެމްޕޭނަށް ފައިސާ އެއް ކުރުމަށް ބޭއްވި އޮންލައިން އިވެންޓެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެ ފަންޑްރެއިޒާގައި އޮބާމާ ވަނީ އޭނާގެ ދައުރުގައި ކުރެއްވި މަސައްކަތްތައް ކުރިއަށްގެންދަވަން އެންމެ ރަނގަޅު ބޭފުޅަކީ ބައިޑެން ކަމަށް ވިދާޅުވެފަ އެވެ. އަދި ބައިޑެންއަކީ ގައުމުގެ ރައްޔިތުން ތަޖުރިބާ ކުރަމުންދާ އިގުތިސާދީ އަދި އެހެނިހެން ދަތިތައް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.
"މި ގައުމުގެ ހާލަތު ރަނގަޅު ކުރަން އަޅުގަނޑުގެ ގާތް އެކުވެރިޔާ ޖޯ ބައިޑެންއަށް ވުރެ ބޮޑަށް އަޅުގަނޑު އިތުބާރު ކުރާ މީހެއް ނެތް. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ޖޯ ބައިޑެން އެނގޭ އަދި އޭނާއަށް އިތުބާރު ކުރޭ،" އޮބާމާ ވިދާޅުވި އެވެ.
އެ ފަންޑްރެއިޒާއަށް 11 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެއީ ބައިޑެންގެ ފަންޑްރެއިޒާއަކަށް އެއް ފަހަރާ އެހާވަރަށް ގިނަ ފައިސާ ލިބުނު ފުރަތަމަ ފަހަރެވެ.
ރޮއިޓާސްގައިވާ ގޮތުން ބައިޑެންއާއި ޑިމޮކްރެޓުން ވަނީ މިހާތަނަށް އޭނާގެ ކެމްޕޭނަށް 122 މިލިއަން ޑޮލަރު އެއްކޮށްފަ އެވެ. އެއާ އަޅާ ބަލާއިރު ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނުން ވަނީ މިދިޔަ މަސް ނިމުނު އިރު 265 މިލިއަން ޑޮލަރު އެއްކޮށްފަ އެވެ.
އޮބާމާ އާއި ބައިޑެން ވަނީ 2009އިން 2017އަށް ރައީސް ކަމާއި ނައިބު ރައީސްކަން ކުރައްވާފަ އެވެ.