އެމެރިކާގެ މިނެސޯޓާ ސްޓޭޓްގައި ފެޑެރަލް އިމިގްރޭޝަން އޮފިސަރުން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަން ހުއްޓުވުމަށް އެ ސްޓޭޓްގެ އޮފިޝަލުން ކޯޓަށް ހުށަހެޅި މައްސަލަ އެމެރިކާގެ ފަނޑިޔާރަކު ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ކެތަރިން މެނެންޑޭޒް ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ، މި އޮޕަރޭޝަން ހުއްޓުވައިފިނަމަ، ފެޑެރަލް އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.
"އޮޕަރޭޝަން މެޓްރޯ ސާޖް" ގެ ނަމުގައި ޓްރަމްޕްގެ ސަރުކާރުން ހިންގާ މި ހަރަކާތުގައި، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި 3،000 އާ ގާތްކުރާ އަދަދަކަށް އައިސް އަދި ސީބީޕީގެ އޭޖެންޓުން ވަނީ މިނެސޯޓާއަށް ފޮނުވާފައެވެ.
މިއީ ގަވާއިދާ ޚިލާފަށް އެމެރިކާގައި އުޅޭ މީހުން ހޯދައި ހައްޔަރުކޮށް، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް (ޑީޕޯޓްކުރުމަށް) ރައީސް ޓްރަމްޕްގެ އަމުރުފުޅަށް ހިންގާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގެ ތެރޭގައި ފެޑެރަލް އޭޖެންޓުންގެ އަތުން އެމެރިކާގެ ރައްޔިތުންތަކެއް މަރުވުމާ ގުޅިގެން މުޅި އެމެރިކާގައި ވަނީ މުޒާހަރާތައް ފެށިފައެވެ. އޭގެ ތެރޭގައި ރެނީ ގުޑް އަދި އެލެކްސް ޕްރެޓީ މަރާލެވުނު ހާދިސާ ހިމެނެއެވެ.
މައްސަލަ ނިންމަވަމުން ފަނޑިޔާރު މެނެންޑޭޒް ފާހަގަކުރެއްވި ގޮތުގައި، ފެޑެރަލް އޭޖެންޓުންގެ ފަރާތުން ނަސްލީ ތަފާތުކުރުމާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުން ފަދަ އަމަލުތައް ހިންގާފައިވާކަމުގެ ހެކި އެބަހުއްޓެވެ. އަދި މި އޮޕަރޭޝަނުގެ ސަބަބުން މިނެސޯޓާގެ ރައްޔިތުންނަށް ހިތާމަވެރި އަސަރުތަކެއް ކޮށްފައިވާކަމަށްވެސް ފަނޑިޔާރު ގަބޫލުފުޅުކުރެއްވިއެވެ. ނަމަވެސް، މުޅި މައްސަލައަށް ބަލާއިރު، އޮޕަރޭޝަން ހުއްޓުވުމުގެ އަމުރެއް ނެރުމަށް ގާނޫނީ ގޮތުން ތަން ނުދޭކަމަށް ފަނޑިޔާރު ނިންމެވިއެވެ.
ކޯޓުގެ މި ނިންމުމާ ގުޅިގެން މިނިއާޕޮލިސްގެ މޭޔަރު ޖޭކަބް ފްރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، އާންމު މަސްލަހަތު ގެއްލޭ އޮޕަރޭޝަނެއް ކަމަށާއި، ކޯޓުގެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
އެހެންނަމަވެސް، އެމެރިކާގެ ބަންޑާރަ ނައިބު ޕަމް ބޮންޑީ ވަނީ މި ނިންމުމަށް ތައުރީފު ކުރައްވާފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، މިއީ ޓްރަމްޕްގެ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ބޭކާރު ދައުވާތަކާއި ސްޓޭޓްތަކުގެ އަމިއްލަ ސިޔާސަތުތަކަށް، ފެޑެރަލް ގާނޫނު ތަންފީޒުކުރުން ނުހުއްޓުވޭނެ ކަމަށެވެ.