ޓްރަމްޕްގެ ކްރިޕްޓޯ ކުންފުނީގެ ބޮޑު ހިއްސާއެއް އަބޫދާބީގެ ޝައިޚަކަށް ވިއްކާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫއޭއީގެ ނައިބު ރައީސް ޝެއިޚް ތަހްނޫން ބިން ޒައިދު އަލް ނަހްޔާން -- ފޮޓޯ: ޑެނިއަލް ޓޮރޮކް/ވައިޓް ހައުސް/އެމެރިކަން ފޮޓޯ އާކައިވް/އަލަމީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލީ ކްރިޕްޓޯ ކަރަންސީ ވިޔަފާރި ކަމަށްވާ "ވޯލްޑް ލިބަޓީ ފައިނޭންޝަލް"ގެ 500 މިލިއަން ޑޮލަރުގެ ހިއްސާ، އަބޫދާބީގެ ޝާހީ އާއިލާގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ ޝައިޚް ތަހުނޫން ބިން ޒައިދު އަލް ނަހްޔާންއަށް ވިއްކާލައިފިއެވެ.

ޔޫއޭއީގެ ރައީސްގެ ކޮއްކޯފުޅު އަދި އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝައިޚް ތަހުނޫން، މި ކުންފުނީގެ 49 އިންސައްތަ ހިއްސާ ގަތުމަށް އެއްބަސްވެވަޑައިގަތީ، ޓްރަމްޕް އެމެރިކާގެ ވެރިކަމުގެ ހުވާކުރެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ހެދި ސިއްރު ޑީލެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ތެރެއިން 187 މިލިއަން ޑޮލަރު ސީދާ ޓްރަމްޕްގެ އާއިލީ އެކައުންޓުތަކަށް ޖަމާކޮށްފައިވާއިރު، ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްގެ އާއިލާއަށް 31 މިލިއަން ޑޮލަރު ލިބުނު ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވެއެވެ.

މި ވިޔަފާރީގެ މުއާމަލާތާ ގުޅިގެން މަސްލަހަތު ފުށުއެރުމުގެ ސުވާލުތައް އުފެދިފައިވަނީ، ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔޫއޭއީއަށް ވިއްކުން މަނާކޮށްފައި އޮތް އެމެރިކާގެ އެންމެ ޒަމާނީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޗިޕްތައް، ޓްރަމްޕްގެ ސަރުކާރުން ޔޫއޭއީއަށް ދޫކުރުމަށް ހުއްދަ ދިނުމާ ގުޅިގެންނެވެ.

ޓްރަމްޕް ސަރުކާރުގެ މި ހުއްދައިގެ ދަށުން އަހަރަކު އެންމެ ޒަމާނީ 500،000 ޗިޕް ޔޫއޭއީއަށް ލިބޭނެއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ދޫކުރުމަށް ހަމަޖެހިފައިވަނީ ސީދާ ޝައިޚް ތަހުނޫންގެ އަމިއްލަ އޭއައި ކުންފުނި ކަމަށްވާ "ޖީ42" އަށެވެ.

މީގެ އިތުރުން ވެސް ޝައްކު އުފެދޭ އެހެން ކަންތައްތަކެއް ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ވޯލްޑް ލިބަޓީއަށް އިންވެސްޓްކުރި ޗައިނާގެ ވިޔަފާރިވެރިޔާ ޖަސްޓިން ސަންއާ ދެކޮޅަށް ހިންގަމުންދިޔަ ތަހުގީގެއް ހުއްޓާލުމާއި، ޝައިޚް ތަހުނޫންއާ ގުޅުންހުރި ކުންފުންޏަކުން ބައިނޭންސްގައި އިންވެސްޓްކުރި ފަހުން ބައިނޭންސްގެ ފައުންޑަރަށް ޓްރަމްޕް މާފު ދެއްވުން ހިމެނެއެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ޔޫއޭއީއަށް އަހަރަކު އެންމެ ޒަމާނީ 500،000 އޭއައި ޗިޕް ފޯރުކޮށްދިނުމަށް އެއްބަސްވެފަ -- ފޮޓޯ ކްރެޑިޓް: ޑެނިއަލް ޓޮރޮކް/ވައިޓް ހައުސް/އެމެރިކަން ފޮޓޯ އާކައިވް/އަލަމީ

މި ތުހުމަތުތަކާ ގުޅިގެން ވޯލްޑް ލިބަޓީ ފައިނޭންޝަލްގެ ތަރުޖަމާނު ބުނެފައިވަނީ، ޝައިޚް ތަހުނޫންގެ އިންވެސްޓްމަންޓާއި ސަރުކާރުން ޗިޕްތައް ދޫކުރުމަށް ނިންމި ނިންމުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޓްރަމްޕް ކުންފުނީގެ ވިޔަފާރީގެ ކަންކަމުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.

"ވޯލްޑް ލިބަޓީ ފައިނޭންޝަލް" އަކީ ޓްރަމްޕްގެ ދެ ދަރިކަލުން ކަމަށްވާ އެރިކް އަދި ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އިސްވެ ތިއްބަވައިގެން، މިދިޔަ އަހަރު އިފްތިތާހުކުރި ޑިސެންޓްރަލައިޒްޑް ފައިނޭންސް (ޑީފައި) މަޝްރޫއެކެވެ.

މި ކުންފުންޏަށް ފެށުނީއްސުރެ މާލީ އަދި ސުލޫކީ ގިނަ ސުވާލުތަކެއް އަމާޒުވެފައިވާއިރު، ޝައިޚް ތަހުނޫންއަކީ އަބޫދާބީގެ 1.3 ޓްރިލިއަން ޑޮލަރުގެ ސޮވެރިން ވެލްތު ފަންޑު ބަލަހައްޓަވާ އަދި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިންވެސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެމެރިކާއިން މީގެ ކުރިން ޔޫއޭއީއަށް އެންމެ ޒަމާނީ އޭއައި ޗިޕްތައް ވިއްކުން ހިފަހައްޓާފައި އޮތީ، ޝައިޚް ތަހުނޫންގެ "ޖީ42" ކުންފުނިން ޗައިނާއާ ގާތް ގުޅުމެއް ބާއްވާތީ، އެމެރިކާގެ ޓެކްނޮލޮޖީ ޗައިނާގެ އަތްމައްޗަށް ހިނގައިދާނެ ކަމުގެ ބިރަށެވެ.

އެމެރިކާގެ ރައީސަކު މަގާމުގައި ހުންނަވައިގެން ބޭރު ގައުމެއްގެ އިސް ވެރިއަކާއެކު މިހާ ބޮޑު ވިޔަފާރީގެ މުއާމަލާތެއް ހިންގުމަކީ ތާރީޚުގައި ވެސް ނުހިނގާ ފަދަ ކަމަކަށްވާއިރު، މިއީ މަސްލަހަތު ފުށުއެރުމުގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރެއެވެ.

comment ކޮމެންޓް