ވެރިކަން ވައްޓާލީ ތެޔޮ ރިޕޯޓް އާންމުކުރަން އޮތް ދުވަހު: މަޖިލިސް ރައީސް

ރައީސް ނަޝީދު އަދި ރައީސް ވަހީދު --

ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހަކީ، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓު އާންމުކުރަން އޮތް ދުވަސް ކަމަށް، އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ ދުވަހު ވެރިކަން ބަދަލުވެ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގަތުމަށް ފަހު ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު ފޮރުއްވާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ.

މެމްބަރު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި ސިންގަޕޫރުގައި ރަޖިސްޓްރީކުރި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ރާއްޖޭން ބޭރުގައި ހިންގި ވަގު ވިޔަފާރިއާއި މަނީ ލޯންޑްރިންގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށް އަށެއް ޖޫން 2010 ގައި ބޭރުގެ އެކައުުންޓިން ކުންފުންޏަކާ ހަވާލުކޮށް، ރިޕޯޓެއް ތައްޔާރުކޮށް ބައިނަލްއަގުވާމީ ޝަރުއީ ނިޒާމުގެ ތެރެއިން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ، ޑރ. ވަހީދު ވެރިކަމަށް ވަޑައިގެން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.

އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަ ނުދިނުމުގެ ގޮތުން، ދިވެހި ދައުލަތުގެ ނަމުގައި ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ރިޕޯޓު ތައްޔާރުކުރި އެކައުންޓިން ކުންފުނިން އެ ރިޕޯޓު ބައްލަވައިގަނެ އެ ރިޕޯޓު ފޮރުވާފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް، އަދި އޭރުގެ ރައީސް، ރައީސް ނަޝީދު މިއަދު ވިދާޅުވީ 2008 ވަނަ އަހަރު ސަރުކާރު ބަދަލުވެ، ސަރުކާރުގައި ހިނގާފައިވާ ނާޖާއިޒް އަމަލުތަކާއި ވައްކަމުގެ އަމަލުތައް ބަލާ ތަހުގީގުކުރަން 2009 ވަނަ އަހަރު ބޭރުުގެ ބަޔަކާ ހަވާލުކުރެވުނު ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ ކުންފުންޏާ ދިވެހި ސަރުކާރާ އޭރު ވެވުނު އެއްބަސްވުމަކީ އެ ކުންފުނީގެ ފަރާތުން ހިލޭ ސާބަހަށް އެ މަސައްކަތް ހިންގުމަށްފަހު، އެ ކުންފުނިން ހިންގާ މަސައްކަތުން ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ފެނުމުން، އެ ފައިސާގެ 10 ޕަސެންޓު އެ ކުންފުންޏަށް ދޭގޮތަށް ކަމަށެވެ.

އަދި އެނޫން ގޮތަކަށް އެ ކުންފުނީގެ މަސައްކަތް ހުއްޓާލާނަމަ، ދިވެހި ދައުލަތުން އެ ކުންފުންޏަށް 10 މިލިއަން ޑޮލަރު އެ ދޭން ޖެހޭ ގޮތަށް ކަމަށެވެ.

"މި ކުންފުންޏާ އެކު އެއްބަސްވުން ހެދުނު އިރުގައި އަޅުގަނޑުގެ ހިތަށް ވަން، ކާކު ބާއޭ މި ހުއްޓާލަން ވެގެން މި އުޅެނީ، ހުއްޓާލައިފިއްޔާ 10 މިލިއަން ޑޮލަރު ދޭން ޖެހޭނެ ވާހަކަ މީގަ މި އަޅަމުން މި ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ކުންފުންޏާއެކު އެގްރީމަަންޓް ކުރެވުނީ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ހިންގާފައި ވާކަމަށް ތުހުމަތު ކުރެވޭތީ، ވަރަށް ބޮޑު އުންމީދަކާ އެކުގައިކަމަށެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސްފައި ވަނީ ރާއްޖެއަށް އެތެރެކުރާ ތެލަށް ވުރެ ރާއްޖެއިން ބޭރުކުރާ ތެޔޮ ބޮޑުތަނުން އިތުރުވެފައި އޮތުމުން ކަމަށެވެ.

"އެކަން ބެލުމަށް އޭރުގެ ސަރުކާރުން ކޮންޓްރެކްޓު ކުރެވި އެ މަސައްކަތް ހިންގުނީ. ހަގީގަތުގައި ހަތެއް ފެބުރުއަރީ ވަނަ ދުވަހަކީ އެ ރިޕޯޓު ނެރެން އޮތް ދުވަސް،" ނަޝީދު ވިދާޅުވި އެވެ.

https://sun.mv/138972

comment ކޮމެންޓް