އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލެވުނު ރިޕޯޓު، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޮރުވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ.
މެމްބަރު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި ސިންގަޕޫރުގައި ރަޖިސްޓްރީކުރި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ރާއްޖޭން ބޭރުގައި ހިންގި ވަގު ވިޔަފާރިއާއި މަނީ ލޯންޑްރިންގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށް އަށެއް ޖޫން 2010 ގައި ބޭރުގެ އެކައުުންޓިން ކުންފުންޏަކާ ހަވާލުކޮށް، ރިޕޯޓެއް ތައްޔާރުކޮށް ބައިނަލްއަގުވާމީ ޝަރުއީ ނިޒާމުގެ ތެރެއިން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ، ޑރ. ވަހީދު ވެރިކަމަށް ވަޑައިގެން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަ ނުދިނުމުގެ ގޮތުން، ދިވެހި ދައުލަތުގެ ނަމުގައި ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ރިޕޯޓު ތައްޔާރުކުރި އެކައުންޓިން ކުންފުނިން އެ ރިޕޯޓު ބައްލަވައިގަނެ އެ ރިޕޯޓު ފޮރުވާފައިވާ ކަމަށެވެ.
މައްސަލަ ހުށަހަޅުއްވާފައި ވަނީ އަދުގެ ސަރުކާރުން އެ ރިޕޯޓު އޮތް ތަނަކުން ހޯއްދަވާ ރައްޔިތުންގެ މަޖިލީހަށް ރައްދު ކުރުމަށް އެދި އެވެ. މެމްބަރު ހުށަހެޅުއްވި މައްސަލައިގައި 18 ކަމެއް ފާހަގަކޮށްފައިވެ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި މަައްސަލައިގައި ބުނެފައި ވަނީ، ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ވެސް އެ ރިޕޯޓު ދައުލަތަށް ބައްލަވައިގަތުން ކަމަށެވެ.
އަދި އެ ރިޕޯޓު ބައްލަވައިގެންފައި ވަނީ ވަރަށް ބޮޑު އަގުގައި އެތައް މިލިއަން ޑޮލަރެއް ދައްކަވައިގެން ކަމަށެވެ. އަދި އެކަން ކުރައްވާފައި ވަނީ އެކަމަށް ހޭދަކުރީ ކިހާ ފައިސާއެއް ކަން އާންމުކޮށް އެނގެން ނެތް ގޮތަށް ވަރަށް ސިއްރުން ކަމަށެވެ.
އެ ރިޕޯޓު ބައްލަވައިގަތުމުގެ މަސައްކަތް ނިމިފައި ވަނީ 2012 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކަަމަށާއި، ދައުލަތަށް ރިޕޯޓު ލިބުމާއެކު ރިޕޯޓު ގެއްލިފައިވާ ކަމަށެވެ. ހަމައެއާއެކު ފާއިތުވި 12 އަހަރު ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ރިޕޯޓު ފެނިފައި ނުވާކަމަށާއި މިހާރުވެސް ފެންނަން ނެތް ކަމަށެވެ.
އެހެން ނަމަވެސް އެ ރިޕޯޓު ބައްލަވައިގެންފައި ވަނީ ދައުލަތުގެ ފައިސާއިން ކަމަށް ވާއިރު، އެ ރިޕޯޓަކީ ދައުލަތުގެ މިލްކެއް ކަމަށާއި، އެ އޮންނަން ވާނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދައުލަތުގެ އިދާރާއެއްގައި ކަމަށް ވެސް ބުނެފައިިވެ އެވެ.
މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އެ ރިޕޯޓު ދައުލަތުގެ ބެލުމުގެ ދަށުގައިި، ދައުލަތުގެ އިދާރާއެއްގައި އޮތުމުގެ ބަދަލުގަައި ވަކި މީހެއްގެ އަތުގައި ރިޕޯޓު ފޮރުވާފައި އޮތުމަކީ ވައްކަމުގެ އަމަލެއް ކަމަށާއި، އެ ރިޕޯޓު ދައުލަތަށް ބައްލަވައިގަތީ ރައީސްގެ ހައިސިއްޔަތުން ޑރ. ވަހީދުގެ ސީދާ އެންގެވުމާއި ބެއްލެވުމުގެ ދަށުން ކަމަށެވެ.
އަދި އެ ރިޕޯޓު ދައުލަތަށް ބައްލަވައިގަތުމުގައި، ރިޕޯޓު ތައްޔާރި ކުންފުންޏާ ކުރެއްވި ހުރިހާ މުއާމަލާތެއް ކުރެއްވީ އޭރުގެ ބަންޑާރަ ނައިބު، އާޒިމާ ޝުކޫރުގެ ސީދާ ބައިވެރިވެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން ރިޕޯޓު ބައްލަވައިގަތުމަށް ދައްކަން ޖެހޭ އަގު ކަނޑައަޅާ އެއްބަސްވެފައި ވަނީ އެ ރިޕޯޓު ތައްޔާރުކުރި ކުންފުންޏާއެކު ވާހަކަދައްކައިގެން އޭރުގެ ބަންޑާރަނައިިބު އާޒިމާ ކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅޭ ލިޔެކިޔުންތައް ރައީސް އޮފީހާއި ބަންޑާރަނައިބުގެ އޮފީހުގައި ހުންނަންޖެހޭނެ ކަމަށާއި، ދައުލަތުގެ ބަޖެޓުން ފައިސާ ދައްކައިގެން ރިޕޯޓު ބައްލަވައިގަތުމަށް އަންގަވައި، ފައިސާ ދެއްކުމުގެ ހުއްދަ ދެއްވާފައި ވަނީ ރައީސްގެ ހައިސިއްޔަތުން ޑރ. ވަހީދު ކަމަށާއި، އެ ފައިސާ ދައުލަތުގެ ބަޖެޓުން ކޮންޓިންޖެންސީ ހަރަދުގެ ތެރެއިން ހަމަޖައްސަން މަސައްކަތް ކުރީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ ސީދާ ބެއްލެވުމާއި އެންގެވުމުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން މިނިސްޓަރީ އޮފް ފިނޭންސްގައި ވެސް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުންނަން ޖެހޭނެ ކަމަށާއި، ރިޕޯޓު ބައްލަވައިގަތުމަށް ފައިސާ ދެއްކުމުގެ ހުރިހާ އަމަލީ މަސައްކަތެއް ހިންގާފައި ވަނީ ފިނޭންސް މިނިސްޓްރީން އަންގައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމަށް ވެސް ބުނެފައިވެއެވެ.
އަދި އެ މުއާމަލާތު އެމްއެމްއޭގެ ތެރެއިން ހިންގާފައި ވަނީ އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބުގެ ސީދާ ބައިިވެރިވުމާ ބެއްލެވުމުގެ ދަށުން ކަމަށާއި، ފިނޭންސް މިނިސްޓްރީން އެކަން ކުރަން އެންގި ލިޔެކިޔުންތަކާއި، އެމްއެމްއޭއިން ބޭރުގެ ބޭންކުތަކާއެކު މިކަމާ ގުޅޭގޮތުން ކޮށްފައިވާ މުއާމަލާތްތަކުގެ ލިޔެކިޔުންްތައް އެމްއެމްއޭގައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ޑރ. ވަހީދާއި، އާޒިމާ ޝުކޫރާއި، އަބްދުﷲ ޖިހާދާއި، ފަޒީލް ނަޖީބަށް މި މުއާމަލާތުގެ ތަފްސީލް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެ ފަރާތްތަކާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާ ގުޅުއްވައިގެން މި ހިނދުން މި ހިނދަށް ރިޕޯޓު ހޯއްދެވުމަށްފަހު މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލައިިފައެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މައްސަލައަށް ބަހުސްކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.