ހެކި ނެތިގެން ހިޝާންއަށް ދައުވާ ނުކުރަން ނިންމައިފި

ޖެނުއަރީ 23، 2020: ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ އަހުމަދު ހިޝާން ސަންއަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު ކ. މާލެ، ގ. ނީރުވީކް، އަހުމަދު ހިޝާން އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކި ނެތިގެން އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

ހިޝާން ކުޑަކުދިންތަކަކަަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކޮށް ދައުވާ ކުރަން މީގެ ކުރިން ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފަައެވެ. އެއީ ހަތް ކުޑަކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކުރި ކަމަށް ތުހުުމަތު ކުރެވޭ މައްސަލަތަކެެކެވެ.

ޕީޖީ އޮފީީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ހިޝާންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވި ގޮތުގައި، ހިޝާން ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލާއިރު ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވެއެވެ.

އަދި ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގައި ހިޝާން ކުރި ކަމަށް ބުނާ ކުށުގެ ހާދިސާތައް ހިނގިތާ ގިނަދުވަސްތަކެއް ވެފައިވާތީ ޖިނާއީ ދައުވާކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދައުވާ ނުކުރި ނަމަވެސް، ހިޝާން ގޯނާކޮށްފައިވާ އިތުރު ކުދިން އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއްކަމަށް ފެންނާތީ އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވޭތޯ ސާފުކުރުމުގެ ގޮތުން "ޕަބްލިކް ޕްލެޖް އެނައުންސްމެންޓެއް" ކުރުމަށް ޕީޖީއިން ފުލުހުންނަށް ލަފާ ދީފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ އަށް އަހަރު ތެރޭގައި ހިޝާންގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާކަމަށް ކިޔައިދޭ ވިކްޓިމްއެއް ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ހެއްކާއި ގަރީނާއާއެކު ޕީޖީ އޮފީހަށް ފޮނުވުމަށް ލަފާ ދީފައިވެއެވެ.

މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ސްރީލަންކާއަށް ދިއުމަށްޓަކައި ފްލައިޓަށް އަރައި ހުއްޓާ ފުލުހުން ގޮސް އޭނާ ފްލައިޓުން ވަނީ ބާލުވެފައިވެއެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރަން ފެށިއެވެ.

ހިޝާން އަކީ މިދިޔަ ސަރުކާރުގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައިވާ މީހެކެވެ. އޭނާއަށް ދިން އިނާމު އަތުލަން މީގެ ކުރިން ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ. މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ހިޝާން ބުނީ އެ އިނާމު އަމިއްލައަށް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް