13.4 ބިލިއަން ރުފިޔާގެ ލޯނު ފަސްކޮށް، ރިލީފް ޕެކޭޖުން 1800އަށް ވުރެ ގިނަ ފަރާތަކަށް ލޯނު ދޫކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށާއި އެކި ކަންކަމަށް އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގެ ދަށުން 13.4 ބިލިއަން ރުފިޔާގެ ލޯނު ފަސްކޮށްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލޯނު ފަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެެރެއިން ފަސް ކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީ އަދި ރާއްޖޭގައި ހިންގާ އަށް ބޭންކަކުން ނަގާފައިވާ ލޯނުތަކެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ބޭންކުތަކުން ނަގާފައި ހުރި ލޯނުތައް ފަސް ކުރަން މިހާތަނަަށް 22،973 ފަރާތަކުން އެދިފައިވާ ކަމަށެވެ. އެއީ 16.7 ބިލިއަން ރުފިޔާގެ ލޯނެވެ.

ލޯނުތައް ފަސް ކުރަން އެދުނު ފަރާތްތަކުގެ ތެރެއިން 16،501 ފަރާތެއްގެ ލޯނު މިހާތަނަށް ފަސްކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ގާތްގަނޑަކަށް 13.4 ބިލިއަން ރުފިޔާގެ ލޯނެވެ.

އޭގެ އިތުރުން، ސަރުކާރުގެ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ދޫކުރި ލޯނު އެހީއާ ގުޅޭ މައުލޫމާތުވެސް މިއަދު ރައީސް ހާމަކުރެއްވިއެވެ. ރިލީފް ޕެކޭޖުގެ ދަށުން ފައިސާ ދޫކުރަން ފެށީ މިދިޔަ އޭޕްރިލް މަހުގެ ފަހު ކޮޅުއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބީއެމްއެލް މެދުވެރިކޮށް 244 ފަރާތަކަށް މިހާތަނަށް ލޯނު ދޫކޮށްފައިވެއެވެ. ބީއެމްއެލް މެދުވެރިކޮށް ލޯނު ދޫކުރަނީ މިދިޔަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަތިން އާންމުންދަނީ ލިބުނު ކުންފުނިތަކަށެވެ.

"ބީއެމްއެލް މެދުވެރިކޮށް ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން 244 ފަރާތަކަށް 305 މިލިއަން ރުފިޔާއާއި 5 މިލިއަން ޑޮލަރުގެ އެހީ އަޅުގަނޑުމެން މިހާތަނަށް ދީފިން،" ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު 10 މިލިއަނަށް ވުރެ މަދުން ފައިދާވި ރިސޯޓުތައް ނޫން އަމިއްލަ ކުންފުނިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ހޯދަން ހުށަހެޅި 2370 ފަރާތުގެ ތެރެއިން 1356 ފަރާތަކަށް ޖުމްލަ 245 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 981 ވިޔަފާރިއަކާއި 375 ފަރުދަކަށެވެ.

އަމިއްލަ މަސައްކަތް ކުރާ 238 މީހަކަށް ޖުމްލަ ހަތް މިލިއަން ރުފިޔާގެ ލޯނު މިހާރު ދޫކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެގައި މިއުޒިޝަނުންނާއި ޓެކްސީ ޑްރައިވަރުންނާއި ގޭގައި ތިބެގެން އެހެނިހެން މަސައްކަތް ކުރާ މީހުން ހިމެނެއެވެ.

"މިއީ މިހާތަނަށް އަޅުގަނޑުމެންނަށް އާންމު ފަރާތްތަކާއި ވިޔަފާރިތަކަށް ވެދެވުނު އެހީތެރިކަން. އަދި ކުރިއަށް އޮތްތަނުގައި މިކަހަލަ އިތުރު ފެސިލިޓީސްތައް އަޅުގަނޑުމެން ފޯރުކޮށްދެވޭތޯ ބަލަމުން މިދަނީ. އަޅުގަނޑު ހިތުން މިއީ އެކަށީގެންވާ އަދަދެއް ނޫން. އެކަމަކު ހަމަނޭވާ ލުމަށް ޓަކައި އަޅުގަނޑު ހިތުން ކޮންމެވެސް އެއްޗެއް ދިއްކޮށްލުމުގެ ގޮތުން ބަޖެޓު ތެރެއިން ކޮށްދެވެން އޮތް ވަރެއް މި ކޮށްދިނީ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް