ހިޔާ ފްލެޓުތަކަކީ ދިރިއުޅެން ކަމުދާނެތަނެއްކަމަށް 80 ޕަސެންޓް މީހުން ގަބޫލެއް ނުކުރާނެ: ރައީސް ސޯލިހް

ފެބްރުއަރީ 23، 2020: ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަސްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓުތަކަކީ ދިރިއުޅެން ކަމުދާނެތަނެއްކަމަށް 80 ޕަސެންޓް މީހުން ގަބޫލެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓުގެ 7000 ފްލެޓަކީ މީހުން ދިރިއުޅެން ރަނގަޅުތަނެއް ނޫން ކަމަށެވެ.

"އެތަނަށް ވަންނަ މީހުންގެ ތެރެއިން ހަމަ ގިނަ މީހުން އެތަން ދޫކޮށްފައި ނިކުންނާނެ. ދެން އެހެން ގޮތެއް ނެތިއްޔާ އެތާ އެތެރޭ ތިބޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ހިޔާ ފްލެޓުތަކަކީ މީހުން ދިރިއުޅޭން އެކަށީގެންވާ ތަނެއް ނޫނެވެ.

ހިޔާ ފްލެޓުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހިޔާ ފްލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

"މިހާރު ނުނިމި ހުރީ ވަރަށް މަދު މަސައްކަތްތަކެއް. އެތަން ނިމޭއިރުގައި އެތާ އެތެރެއަކު ނުހުރޭ ޓައިލްސް އެއް ޖަހާފަ. އެތާ އެތެރެއަކު ދޮރުތަކެއް ނުހުރޭ ލާފައެއް. އެއީ ނިމުނުކަމަށް އޭރު ނިންމާފަ އޮތްގޮތް. އޭރު އަޅުގަނޑުމެން ވިސްނިން އިތުރަށް ފައިސާ ހޯދައިގެން ޓައިލްސް ޖަހާ، ދޮރުތައް ހަރުކުރަން ކޮޓަރިތަކާ ފާހާނާ ތަކުގައި. އެއީ ގާތްގަނޑަކަށް 43 މިލިއަން ޑޮލަރު. އެކަން ކުރަންޏާ ބޭނުންވޭ ވަގުތު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ނިންމާފައި އޮތީ، އެތަންތަން ހުރިގޮތަށް، ހައްގުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރަން ކަމަށެވެ.

"އެހެންނަމަވެސް ގަބޫލު ކުރައްވައްޗޭ، އެތަނަށް ވަންނައިރު ކޮޓަރިއަކު ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސް އެއް އެއްޗެއް ނޯންނާނެ. އެ ހާލަތުގައި އެތަން ހުންނާނީ،" ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކަށް 23،000 މީހުން ކުރިމަތިލީ ކަމަށާއި ފްލެޓުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވި ކަމަށެވެ. ކޮވިޑުގެ ކަންތައް ކުރިމަތިވީ ހިޔާގެ 7000 ފްލެޓު ލިބޭ މީހުން ކަނޑައެޅުމާ ގުޅޭ މަސައްކަތުގެ 90 ޕަސެންޓު ނިމިފައިވަނިކޮށް ކަމަށާއި މިހާރު ކުރަމުންދަނީ ގޭގެއަށް ގޮސް، ފްލެޓު ހައްގުވާ މީހުން ބެލުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުގެ ހިތެއް ނުބުނޭ އެތަނަށް ވަދެފައި، އޭގެ ތެރެއިން 80 ޕަސެންޓު މީހުންވެސް އެތަނުގައި ދިރިއުޅެން ކަމުދާނެކަމަށް ގަބޫލު ކުރާނެއޭ. އަދިވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވެ އަޅުގަނޑުމެން އުޅުނީ އެތަނަށް ބަދަލުތަކެއް ގެންނަން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން އެއިން ކޮންމެ ޓަވަރެއްގައި ހުރީ އެންމެ ތިން ލިފްޓު ކަމަށާއި، އޮފީސް އަދި ސްކޫލަށް ދާ ގަޑީގައި ލިފްޓު ބޭނުން ކުރުމަށް ދެ ގަޑިއިރު ކުރިން ކިޔު ޖައްސަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއިން ޓަވަރެއްގައި އުޅޭނެ 5000 އަށް ވުރެ ގިނަ މީހުން. ތިން ލިފްޓު އޭނދީ މީހުން އަރާފައިބާން،" ރައީސް ވިދާޅުވިއެވެ.

ދެ ގަޑިއިރު ކުރިން ކިޔު ޖައްސައިގެން ނޫނީ ގަޑިއަކަށް އޮފީހަށް ނުދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް އެ ފްލެޓުތަކުގައި ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެ ފްލެޓުތައް މިހާރު ހުރި ގޮތަށްވެސް ކޮސްޓް ޕްރައިޒްގައި ޖެހެނީ 11،000 ރުފިޔާ އަށް ކަމަށާއި އެއީ ދެކޮޅު ޖެހޭގޮތަށް ކޮށްފައި ހުރި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅަށް ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓު ހޯދުމަށް 22،000 މީހަކު ހުށަހަޅާފައިވާއިރު ކުރީ ސަރުކާރު ނިމުމުގެ ކުރިން ފްލެޓު ލިބޭ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފްލެޓު ދިނުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް ހިޔާ ފްލެޓުތައް ދީފައިވާގޮތް ބެލުމަށް ވަނީ ކޮމެޓީ އެއް އެކުލަވާލައިފަ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް އޭގެ ހައްގުވެރިންނާ މިއަހަރު ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ފްލެޓު ދޭނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށްވެސް ރައީސް ވަނީ ފަހުން ވިދާޅުވެފަ އެވެ.

comment ކޮމެންޓް