4000 ހައުސިން ޔުނިޓުގެ މަސައްކަތް ބޯޑަރު ހުޅުވޭއިރަށް ފެށޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ބޯޑަރު ހުޅުވާލާއިރަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް މިއަދު ވިދާޅުވީ މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރީ އެ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކޮންޓްރެކްޓަރުން ރާއްޖެ އަންނަން އޮއްވައި ކަމަށެވެ.

މި 4000 ހައުސިން ޔުނިޓުގެ މަސައްކަތް ބޯޑަރު ހުޅުވުމާއެކު ފެށޭނެ ކަމަށްް ރައީސް ވިދާޅުވިއެވެ.

"4000 ހައުސިން ޔުނިޓުގެ ސޮއިކުރަން ޓީމު އަންނަން އޮތް ދުވަހު ބޯޑަރު ބަންދު ކުރަން ޖެހުނީ. އެހެން ނަމަވެސް މިހާރު މަސައްކަތްކޮށް، ހުޅުވުމާއެކު މި 4000 ހައުސިން ޔުނިޓުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ 4000 ހައުސިން ޔުނިޓަކީ މާލޭގައި އުޅޭ މެދުފަންތީގެ އާއިލާތަކަށް ހާއްސަ 4000 ހައުސިން ޔުނިޓު ކަމަށެވެ.

ރައީސް ވިދާޅުވީ 3000 ހައުސިން ޔުނިޓުގެ ޕްރޮޖެޓެއްގެ މަސައްކަތްވެސް ޗައިނާގެ ދެ ކުންފުންޏަކާއެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅާ 1،700 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ހުޅުވުމާ އެކީގައި އެ 1،700 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

"މާލޭ ސަރަހައްދަށް މި ބޭނުންވާ 10،000 ހައުސިން ޔުނިޓުގެ މަސައްކަތް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ދައުރުގައި ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން އުއްމީދުކޮށްގެން ތިބީ 2022 އަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށް ކަމަށައި ނަމަވެސް މިހާރު 2022 ގެ މެދުތެރެއަށް ނުވަތަ ނިމޭ ހިސާބަށް އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

https://sun.mv/132708

comment ކޮމެންޓް