ރައީސް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް ސޯލިހު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: ރައްޔިތުންނަށް އުންމީދުން ފުރިގެންވާ މެސެޖްތަކެއް ދެއްވި -- ފޮޓޯ ރައީސް އޮފީސް

މިއަދު ހަވީރު 04:30 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް، ރައީސް އޮފީހުން ބުނެފިއެވެ.

މިއީ ރާއްޖެއިން ކޮވިޑް19 ފެނުނުފަހުން، ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ދެވަނަ ފަހަރެވެ. ކޮރޯނާވައިރަސް އާ ގުޅިގެން ފުރަތަމަ ފަހަރަށް ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވީ މާޗު މަހުގެ 25 ވަނަ ދުވަހުއެވެ.

އޭގެ ފަހުން މެއި މަހުގެ ހަތަރު ވަނަ ދުވަހާއި 20 ވަނަ ދުވަހު ރައީސް ވަނީ ގައުމާ މުހާތަބުކުރައްވައި، އިގްތިސޯދާ ގުޅޭ ކަންކަމާއި ރާއްޖޭގެ ހާލަތު ހިއްސާކުރައްވައިފައެވެ.

ރައީސް މިއަދު ގައުމާ މުހާތަބުކުރައްވާ އިރު، ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ފަތުރުވެރިންނަށް އަލުން ރާއްޖެ ހުޅުވާލާ ތާރީހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މައި ގޭޓު ބަންދުކުރި ފަހުން ތިން މަސް ވާން ކައިރިވެފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖުލައި 16 ގައި ބޯޑަރު ހުޅުވާލަން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޖުލައިމަހުގެ ތެރޭގައި ބޯޑަރު ހުޅުވާލާނެކަން އިއުލާނު ކުރިނަމަވެސް، ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ޖުލައި އެއްވަނަ ދުވަހު ބޯޑަރު ހުޅުވާލި ނަމަވެސް ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ރާއްޖޭގެ މައި ގޭޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮތީ ތައްޔާރަށެވެ.

comment ކޮމެންޓް