ވަކި ޖަމާއަތް ހަދައިގެން ފަޅު ރަށެއްގައި ބަޔަކު ހިންގާ ހަރަކާތްތަކާ ދެކޮޅަށް އޮޕަރޭޝަނެއް

ރ. މަޑުއްވަރީގައި މިއަދު ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން -- ސަން ފޮޓޯ

ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު ޖަމާއަތް ހަދައިގެން ވައްކަން ކުރުމާ މުދަލަށް ގެއްލުން ދިނުމުގެ ކަންކަން ރާވައި، ކުށް ކުރަމުން އަންނާތީ، އެ އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ފަށައިިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭކަމުގެ މައުލޫމާތު ލިބިފައިިވާ ކަމަށެވެ.

އެމީހުން ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންކޮށް، މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން އެ އަތޮޅުގައި ފުލުހުން ހަރަކާތެއް ހިންގަމުން އަންނަ ކަމަށެވެ.

އެ އޮޕަރޭޝަންގެ ދަށުން ފުލުހުންނާއިި ސިފައިން އަންނަނީ މަޑުއްވަރީގަައި ހަރަކާތްތެރިވަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ފުލުހުންނާއި ސިފައިން ގުޅިގެން އެ ރަށުގައި އޮޕަރޭޝަނެއް ހިންގި އެވެ. އެ ފަހަރުވެސް ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ގެތައް ބަލައި ފާސްކޮށް ހަ މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފަ އެވެ.

މީގެ އިތުރުން ދަރިންނަށް ވެކްސިން ޖަހައި ސްކޫލަށް ފޮނުވަން އިންކާރު ކުރި މައިންބަފައިންނަށް ނަސޭހަތް ދީ ވެކްސިންވެސް ޖައްސުވާފައިވެ އެވެ.

އެ އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ހައްދުފަހަނަ އެޅި ފިކުރުމުގެ ބަޔަކު ވަނީ ޓޫރިސްޓުންތަކަކަށް ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން "ސަން" އަށް ޔަގީންކަން ދިން ގޮތުގައި މިއަދު ފުލުހުންނާއި ސިފައިން އެ ރަށުގައި ހިންގާ އޮޕަރޭޝަންގައި ފާސްކުރަމުން ދަނީ މީގެ ކުރިން ވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފާސްކުރިގެ އެކެވެ.

comment ކޮމެންޓް