އަލްހާން ދިން ދެ ލައްކަ ރުފިޔާގެ މައްސަލާގައި ހައިލަމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

އޮކްޓޯބަރ 31، 2018: ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމްގެ އެކައުންޓަށް ދެ ލައްކަ ރުފިޔާ ޖަމާކުރެއްވި މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުވާން ހައިލަމަށް އަންގައިފިއެވެ.

ހައިލަމްގެ އެކައުންޓަށް އަލްހާން ދެ ލައްކަ ރުފިޔާ ޖަމާކުރި މައްސަލާގައި އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފުލުސް އޮފީހަށް ވެސް ފޮނުވިއެވެ.

ފުލުހުސް އޮފީހުން ހައިލަމަށް ފޮނުވި ޗިޓްގައިވާގޮތުން އޭނާ ހާޒިރުވާންޖެހޭ ގަޑިއަކީ އަންގާރަ ދުވަހުގެ ރޭ 20:00 އެވެ.

އެ ޗިޓްގައި ބުނެފައި ވަނީ މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ލިބިފައިވާ މައުލޫމާތުތަކުގެ ރިޕޯޓަށް ބެލިބެލުމުން ހައިލަމަށް އަލްހާން މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ދެ ލައްކަ ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ފުލުސް އޮފީހުގެ ސަމާލުމަކަށް އެ ޔުނިޓުން ގެނެސްފައިވާ ކަމަށް ވެސް އެ ޗިޓްގައިވެއެވެ.

އެ މުއާމަލާތަކީ މަނީލޯންޑަރިންއަށް ތުހުމަތު ކުރެވޭގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުސް އޮފީހުން ހައިލަމަށް ފޮނުވި ޗިޓްގައިވެއެވެ.

އެ ޗިޓް ސޯޝަލް މީޑިއާށް ދޫކޮށްލައްވަމުން ހައިލަމްް ވިދާޅުވީ، އޭނާގެ ރަހްމަތްތެރިއެއް ކަމަށްވާ އަލްހާން އަތުން އަނބުރާ ދައްކާ ގޮތައް ހޯދި ދެލައްކަ ރުފިޔާ ފާޅުކަން ބޮޑު ގޮތެއްގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކުރުމުން، މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އަދި ނިންމާލައްވަމުން ހައިލް ވިދާޅުވެފައިވަނީ 'ބިރެއް ނުދެއްކޭނެ' ކަމަށެވެ.

އެކަމާ ގުޅިގެން އަލްހާން ފަހްމީ ވަނީ ސުވާލެއް އުފައްދަވައި ޓްވީޓެއް ކުރައްވާފަ އެވެ. އަލްހާން ވިދާޅުވީ، ފައިސާ ޓްރާންސްފާ ކުރެއްވީ އޭނާ ކަމަށާއި އެހެންކަމުން ފައިސާ ލިބުނު މީހާ މަނީލޯންޑަރ ކުރާކަމަށް ތުހުމަތުވާ ގޮތަކީ ކޮބާ ކަމަށެވެ.

އެ ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދަރަންޏަށް ފައިސާ ނެގުމަކީ ކުށެއް ނޫން ކަން ފާހަގަކޮށް އަލްހާން ވިދާޅުވީ މަނީލޯންޑަރ ކުރާގޮތް މިފަހަރު ކިޔައިދެއްވާނެ ކަމަށެވެ.

comment ކޮމެންޓް