ބަދަލުދީފި ކަމަށް ބުނެ ދައުވާ ނަގާފައި އޮއްވާ އަނެއްކާވެސް އަލްހާންގެ މައްޗަށް ހުކުމެއް

އަލްހާން (ވ) އާއި އޭނާގެ ދެ ކޮއްކޮ: ތިން ބެއިންގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ވަނީ ފަށާފައި --

ޕޮންޒީ ސްކީމްގައި ގެއްލުނު ލިބުނު މީހުން ބަދަލުދީ ނިމިފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދައުލަތުން ނަގާފައިވަނިކޮށް، ބައި މިލިއަނެއްހާ ރުފިޔާ، ހަމަ އެ ސްކީމާ ގުޅިގެން ގެއްލުންވެފައިވާ ބަޔަކަށް ދޭން، އަލްހާންއާއި އޭނާގެ ދެކޮއްކޮ، އަދި ކިންގްސް ކެޕިޓަލްގެ މައްޗަށް ހުކުމެއް ކޮށްފިއެވެ.

ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ހިންގުމުގެ ނަމުގައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި ޓެކުމުގެ ކުށުގެ 13 ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައި އެކަން އިއުލާން ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅެވެ.

އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން އޭރު ބުނީ، އެ ދަޢުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދަޢުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 (ތޭރަ) ފަރާތަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ދަޢުވާލިބޭ ފަރާތްތަކުން ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލުލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން އޮކްޓޫބަރު މަހު 30 ވަނަ ދުވަހު އާއްމުކޮށް އިއުލާންކޮށްފައިވެއެވެ.

އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ޕީޖީން އިއުލާންކޮށްފައިވަނިކޮށް، ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ، ހއ. ހޯރަފުށީ މީހެއްގެ އަތުން އެ ސްކީމަށް ނެގި ފައިސާތަކެއް ދައްކާށެވެ.

ބުރާސްފަތި ދުވަހު، ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތަރު ކުރި ހުކުމުގައިވާ ގޮތުން، ކޯޓަށް ހާޒިރުވާން އަލްހާން އަދި އޭނާގެ ދެ ކޮއްކޮއަށް އާއްމުކޮށް އަންގައި އިއުލާންވެސް ކުރިއެވެ.

އެކަމަކު ކޯޓަށް ހާޒިރުނުވުމުން މައްސަލަ ނިންމީ އެ ފަރާތްތަކުގެ ގައިރު ހާޒިރުގައެވެ.

ގައިރު ހާޒިރުގައި ނިންމި މައްސަލައިގައި ހުކުމްކޮށްފައިވަނީ 587،466 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ފައިސާގެ ތެރޭގައި ޕޮންޒީ ސްކީމަށް އިންވެސްޓް ކުރި ފައިސާއާއި، ފައިދާގެ އިތުރުން ވަކީލުފީވެސް ހިމެނެއެވެ.

comment ކޮމެންޓް