އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ގދ. މާވަރުލުގައި އަޅާފައިވާ އެއާޕޯޓުގެ ހިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފި އެވެ.
މާޗު މަހުގެ 10 ވަނަ ދުވަހު މަސައްކަތް ނިންމާލި މާވަރުލު އެއާޕޯޓުގެ ދަތުރުތައް ފަށަން އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މާޗު 20 ވަނަ ދުވަހުގަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދަތުރުތައް ފެށުން މާޗު 30 ވަނަ ދުވަހަށް ފަސްކުރި އެވެ.
ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރެއް ނޫން ދަތުރެއް ނުކުރުމަކީ ސަރުކާރުން އިލްތިމާސްކުރުމުން އަދި، އައިލެންޑް އޭވިއޭޝަންގެ ދަތުރުތައް ވެސް ވަރަށް ބޮޑުތަން މަދުކުރުމާ ގުޅިގެން، އެ އެއާޕޯޓަށް ދަތުރުތައް ފެށުން އިތުރަށް ލަސްވެގެން ދިޔަ އެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ޓެސްޓް ފްލައިޓް ޖައްސާ ނިމިފައިވާ މާވަރުލު އެއާޕޯޓުގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ފެށިގެންދާނެ ކަމަށެވެ.
މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރި އެ އެއާޕޯޓަށް މާޗު މަހުގެ 11 ވަނަ ދުވަހު ވަނީ ޓެސްޓު ފްލައިޓު ޖައްސައިފަ އެވެ.
ގދ. މާވަރުލުުގައި އެއާޕޯޓެއް ތަރައްގީކޮށްފަައިވާ އިރު އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި އެންމެ ގިނަވެގެން 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމެވެ.