ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ކޯރަމް ނުލިބިގެން ޖަލްސާއެއް ބޭއްވޭގޮތް ނުވުމަކީ ފަހަކަށް އައިސް މަޖިލީހުގައި އާދައިގެ ކަމެކެވެ. މަޖިލީހުގެ ޖަލްސާތަކަށް ބޭނުންވާ ކޯރަމް ނުލިބުމުގެ މައްސަލަތައް ކުރިމަތިވާން ފެށީ މިހާރު އަމަލުކުރެވޭ ޤާނޫނުއަސާސީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުގެ ދައުރުތަަކުގައެވެ. އޭރު މަޖިލީހުގެ މެންބަރުންގެ އަދަދަކީ 50 އެވެ. ޤާނޫނުއަސާސީ އިޞްލާޙްކުރެވުނު އިރު ކޯރަމްގެ އުނދަގުލެއް ނެތި ޖަލްސާތައް ކުރިޔަށް ގެންދެވޭނެ އެކަށީގެންވާ އަދަދަކާމެދު ވަރަށް ބޮޑަށް ޑުރާފްޓިންގ ކޮމިޓީގައި ވާހަކަ ދެކެވުނެވެ. ވަރަށް ދިގުކޮށް ބަހުސްކުރުމަށް ފަހު ކޮމިޓީން ހުށައެޅުއްވިގޮތަށް މަޖިލީހުންވެސް އެ މާއްދާވަނީ ފާސްކުރައްވާފައެވެ.

މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ކޯރަމްގެ މައްސަލަ ނުކުމެއެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 77 މެންބަރުންނެވެ. މަޖިލީހުގެ ކޯރަމަކީ 20 މެންބަރުންނެވެ. މިވަގުތަށް އެއްފަހަރާ މަޖިލީހުގައި ބޭއްވޭކަމަށްވަނީ ތިން ކޮމިޓީއެވެ. ކޮމިޓީއެއްގައި ޢާއްމުކޮށް ތިއްބަވާކަމަށް ވަނީ 11 މެންބަރުންނެވެ. އެއް ކޮމިޓީއެއްގައި 13 މެންބަރުންވެސް ތިއްބަވާކަމަށްވެއެވެ. މަޖިލީހުގެ ޖަލްސާ ހިނގަމުންދާއިރު އެއްފަހަރާ ތިން ކޮމިޓީއާއި 7 މެންބަރުންގެ ސަބްކޮމިޓީ އެއް ބޭއްވުނަސް އެމަސައްކަތުގައި އުޅުއްވާނީ 40 މެންބަރުންނެވެ. ޗުއްޓީއާއި، ޒަރޫރީ ބޭނުންތަކާއި ކުށުގެ ބަންދެއްގައި 10 ވަރަކަށް މެންބަރުން ތިއްބަވާފާނެކަމަށް ބެލިއަސް ބާކީ 27 މެންބަރުން ތިއްބަވާނެއެވެ. ދަންނަވަން މިއުޅެނީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާމަކުރެވިގެންދިޔަފަދައިން، މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ކޯރަމް ނުލިބެނީ މަޖިލީހުގެ މައި ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުންތައް އެއްވަގުތެއްގައި ހިނގަމުންދާތީވެ ނޫންކަމެވެ. މެންބަރުން ޖަލްސާއަށް ޙާޒިރުވެ ވަޑައިނުގަންނަވަނީއެވެ. މަޖިލީހުގެ ޢާއްމު ޖަލްސާތައް ހިނގަމުންދާއިރު ކޯރަމް އަށް ދަތިވެދާނެގޮތަކަށް އެމެންބަރެއް ހޮވިފައިވާ ދާއިރާއެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވެސް ވަޑައިގެންނެވިގެން ނުވާނެއެވެ. އަދި ވަޑައިގެންނެވުމަށް ފުރުޞަތު އެރުވުމަކީ ވެސް ރައްޔިތުންނަށް ގެއްލުމާއި ކުރިމަތިލާންޖެހޭނެ ކަންކަމެވެ. މަޖިލީހުގެ މުހިއްމު މަސައްކަތްތައް ކުރިޔަށް ނުގޮސްގެންނެވެ. މަޖިލީހުގެ ޖަލްސާއެއްގެ ކޯރަމް ހަމަނުވެގެން ކޯރަމް ރަނގަބީލުޖެހުމާއި އެކު ކޮމިޓީގައި ތިއްބެވި މެންބަރުންވެސް ވަގުތުން މައި ޖަލްސާއަށް ޙާޒިރުވެވަޑައިގަންނަވަން ޖެހެއެވެ. އެއީ އެކަން އޮންނަ ގޮތެވެ. އޮންނަންޖެހޭ ގޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެހެން ރަސްމީ ވަޒީފާއެއް އަދާ ނުކުރެއްވޭގޮތަށް ޤާނޫނުއަސާސީން ހަމަޖައްސާފައިވަނީ ވެސް އެބޭފުޅުންގެ ފުރިހަމަ ވަގުތު މަޖިލީހުގެ މަސައްކަތްތަކަށް ލިބޭނެގޮތް ހަމަޖެއްސުމަށެވެ. އެހެންނަމަވެސް އަމަލީގޮތުން އެކަން އެގޮތަށްކުރެވޭ ތަނެއް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކުން އަދިއެއް ނުފެނެއެވެ.

މި ސަރަހައްދުގެ ބައެއް ޤައުމުތަކުގައިި އޮންނަ ގޮތަށް ޖަލްސާގެ ކޯރަމް ގެއްލިފައިވާ ކަމަށް މަޖިލީހުގެ މެންބަރަކު މައްސަލަ ޖެއްސެވުމުން، ޖަލްސާގެ ކޯރަމް ހަމަކުރުމުގެ ކަންތައް ކުރިޔަށް ގެންދާގޮތަށް ރާއްޖޭގައި އަދި ހަމައެއް ނުޖެހޭނެއެވެ. މިބާވަތުގެ ކަންކަމުގައި މަޖިލީހުގެ މެންބަރުން ގެންގުޅުއްވާ ސުލޫކީ މިންގަނޑުންނެވެ. އަދި މީގެ އިތުރަށް މިފަދަ ގޮތަކަށް ބަދަލުކުރުމަށް ޤާނޫނުއަަސާސީގެ އެ މާއްދާ އިޞްލާހްކުރަންޖެހޭނެއެވެ. އެހިސާބަށް އަޅުގަނޑުމެން ދާންއެބަޖެހޭތޯއެވެ. ރައްޔިތުން އެމީހުންގެ ޙައްޤުތަކަށް މަސައްކަތް ކުރެއްވުމަށް އިތުބާރާއިއެކު ހޮއްވަވާފައި ތިއްބެވި މެންބަރުން ޒިއްމާދާރުކަމާއި އެކު އެބޭފުޅުންގެ މަސްއޫލިއްޔަތު އުފުއްލަވާނަމަ މިހިސާބަށް ދާކަށް ނުޖެހޭނެއެވެ. ސިޔާސީ ޕާޓީތައް ހިނގުމަށް ސަރުކާރުގެ މާލިއްޔާއިން ބޮޑު އަދަދެއްގެ ފައިސާ ހޭދަކުރައްވައެވެ. އޭގެ މާނައަކީ ޕާޓީ ތަކަކީ ވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ބައެކެވެ. އަޅުގަނޑުގެ މިވިސްނުމުގައި މިބަލަނީ ހަމައެކަނި މަޖިލީހުގައި މެންބަރުކަމުގެ ގޮނޑި ލިބިފައިވާ ޕާޓީތަކެވެ. (އަޅުގަނޑު އަބަދުވެސް ޤަބޫލުކުރާގޮތުގައި މާލިއްޔާގެ މާލީ އެހީ ލިބެންވާނީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާ ޕާޓީތަކަށެވެ. ކާމިޔާބުކުރާ ގޮނޑީގެ ނިސްބަތުންނެވެ. ފައިސާ ދޫކުރެވޭއިރު އެ ގޮނޑިއަކަށް އެސަރަހައްދަކުން ލިބިފައިވާ ވޯޓުގެ އަދަދަށް ރިޢާޔަތްކުރުމަކީ ވެސް ރަގަޅުކަމެކެވެ. މިކަމާއި އެއްބަސްވެވަޑައިނުގެންނެވިދާނެއެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ.) ސަރުކާރުން ކުރައްވާ ހޭދައަށް އެންމެ ކުޑަމިނުގެ ފައިދާއެއް ވާނީވެސް މަޖިލީހުގެ ޖަލްސާތައް ހިނގާނެ ގޮތަކަށް ކަންތައް ކުރެވިގެންނެވެ. ވެރިކަންކުރާ ޕާޓީ އާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ ނުވަތަ އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރައްވައިފި ނަމަ މި ނަތީޖާ ނެރެވޭނެއެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ކޯރަމް، 20 މެންބަރުން ތިއްބެވޭނެގޮތަށް ހަމަޖެއްސެވޭފަދަ ބާރު ރައީސުލްޖުމްހޫރިއްޔާ އަށްވެސް ލިބިވަޑައިގެންފައިވެއެވެ. ތެދުފުޅެކެވެ. މިކަން އެމަނިކުފާނު ކުރައްވާކަށް ނުޖެހެއެވެ. ދިވެހި ރައްޔިތުންގެ އިތުރަށް ޖަލްސާއެއް ނުބޭއްވުމުގެ ގެއްލުން އެންމެ ބޮޑަށް ތަހައްމަލުކުރައްްވަންޖެހޭނީ އެމަނިކުފާނަށެވެ. އެމަނިކުފާނުގެ ޤާނޫނީ އެޖެންޑާ ލަސްވާނެތީވެއެވެ. ކޮންމެހެން ބޭނުންވާ ޤާނޫނުތައް ފާސްނުކޮށް ލަސްވުމުން އެކަމުގެ ދަތި އުފުލަންޖެހޭނީ މުޅި މުޖުތަމަޢެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީވެސް މިހާެރު މުސާރައާއި ޢިނާޔަތުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ވެސް އެކަށީގެންވާ އުޖޫރައާއި ޢިނާޔަތްތައް ލިބޭ މަޖިލީހެކެވެ. މަޖިލީހުގެ މެންބަރުން އެއްވެސް މަޤްބޫލު ޢުޒުރައެއް ނެތި ޖަލްސާ އަށް ޙާޒިރުވެ ވަޑައިނުގަތުމުން އެއީ މަސައްކަތަށް ނުކުމެ ވަޑައި ނުގަންނަވާ ދުވަހެއްކަމަށް ބެލެންވީއެވެ. މަސައްކަތަށް ނުނުކުންނަނަމަ އެއްވެސް ފަރާތަކަށް މަސައްކަތުގެ އުޖޫރަ ޙައްޤެއް ނުވާނެއެވެ. މިކަން މިހާެރު މިގޮތަށް ކުރެވިދާނެތޯއެވެ. އެއް ޖަވާބަކީ ނުކުރެވޭނެއެވެ. އަނެއްޖަވާބަކީ ޕާޓީތަކުން ސީރިޔަސްކަމާއި އެކު މަސައްކަތްކޮށްގެން ހައްލެއް ނެރެވޭނެއެވެ. އަޅުގަނޑުމެންގެ މައިގަނޑު މައްސަލައަކީ ބަހާއި އަމަލާ ދިމާނުވުމެވެ. ކަންތައްކުރުމަށް ޢަޒުމެއްނެތުމެވެ. ހަމައެކަނި ތުންފަތުގެ ޚިދުމަތަކުން ހުރިހާކަމެއް ފުއްދާލުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ދިމާވާ ކޯރަމްގެ މައްސަލައަކީ ކުރިޔަށް އޮތް ޢާއްމު އިންތިޚާބުގައި ނެގޭ މައްސަލައަކަށް ވާންވީއެވެ. ރިޔާސީ އިންތިޚާބުގައި ވެސް ކުރެވޭ ވަޢުދުގެ ލިސްޓަށް މަޖިލީހުގެ ކޯރަމްގެ މައްސަލަ އިތުރުވާންވީއެވެ. ޤަސްދުގައި ޖަލްސާ "ކަޓު" ކުރައްވައިފިނަމަ އެދުވަހެއްގެ މުސާރަ "ކަޓު" ކުރެވޭ ގޮތަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް