ފުލުހުންނަށް މަޖިލީހުގެ މަލާމާތް ރައްދުވެ، އުދާސްތައް ބޮޑުވެއްޖެ

ރައްޔިތުން މަޖިލިސް ކުރާ ގޭ ކައިރިން ފުލުހުންތަކެއް ހިނގާފައި ދަނީ -- ސަން ފޮޓޯ

ދިވެހި ފުލުހުންނަކީ ދަށް ބައެއްގެ ގޮތުގައި ސިފަކޮށް، ފުލުހުންގެ ބާރުތައް ކުޑަކޮށް، ޔުނީފޯމަށް ބަދަލުގެންނަން ޖެހޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން، ވަކިވަކި ފުލުހުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މެމްބަރުންގެ ފާޑުކިޔުންތަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު 'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަންފޮޓޯ ފަޔާޒު މޫސާ

"ފުލުހުން ނެރެންވީ ކުރު ސޯޓު ލައްވައި ދަނޑިބުރި ދީފައި"

ބިލަށް ބަހުސްކުރައްވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ފުލުހުންނަކީ އެންމެ ކުރިން ފެށިގެން ވެސް ރައްޔިތުންނަށް އަނިޔާކުރާ ބައެއް ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި އެއްވެސް އަދަބެއް ނުލިބި މިނިވަންކަން މަތީގައި އުޅޭ ބައެއް ކަމަށެވެ.

އެސްއޯ ފުލުހުން ވެސް އުފެއްދީ ކަނޑައެޅިގެން
ރައްޔިތުންނަށް އަނިޔާކުރަން ކަމަށް މެމްބަރު ވިދާޅުވި އެވެ.

"ރައްޔިތުންނަށް އަނިޔާކޮށް، ރައްޔިތުންނަށް ބިރުދައްކައި، ރައްޔިތުންނަށް ހުރިހާ ނޮހޮރުއްޕާނެއްކޮށް، ރައްޔިތުންނަށް ހުރިހާ ޖެއްސުމެއް ކޮށް، ބިރުދައްކައި އެކަންކަން ކުރުމަށް،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރުން ވިދާޅުވީ ފުލުހުންނަށް ބާރެއް ދީފިނަމަ، މާ ނުބައި ކަންތައްތަކެއް ވެގެންދާނެ ކަމަށާއި އެހެންކަމުން ފުލުހުންނަށް "ސްނައިޕަރާއި، އޭކޭ ފޯޓީ ސެވަންއާ އެއްޗެހި" ދޭނެ ކަމެއް ނެތް ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ޔުނީފޯމުވެސް ވީހާވެސް ހުތުރުކުރަން މެމްބަރު ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) --- ފޮޓޯ/ މަޖިލިސް

އެގޮތުން ބައެއް ގައުމުތަކުގައި ކުރު ސޯޓުބުރި ލައްވައި، ދަނޑިބުރިއެއް ދީފައި މަގުމައްޗަށް ނެރެފައި ތިބޭ ސަރުދާރުން ގޮތަށް ފުލުހުންގެ ޔުނީފޯމު ބަދަލުކުރަން މެމްބަރުން ހުށަހެޅުއްވި އެވެ.

"ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިއްތިއްބާކަށް ނުޖެހޭ. ސަރުދާރުންގެ ގޮތުގައި ނެރެންވީ ކުޑަ ދަނޑިބުރިއެއް ދީފަ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ފުލުހުންނަކީ ސްމާޓްކޮށް ޔުނީފޯމު އަޅުވާފައި ބައިތިއްބަންޖެހޭ ވަރަށް ވުރެ އަހްލާގީ ފެންވަރު ދަށް ބައެއް ކަމަށެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން ވެސް، ވީހާވެސް އަވަހަކަށް ފުލުހުންގެ ޔުނީފޯމު ބަދަލުކުރަން މެމްބަރު ގޮވާލެއްވި އެވެ.

"އަޅުގަނޑު ގޮވާލަން، ހަމަ މިހާރުން މިހާރަށް ވެސް ހަމަ މި ކޮމިޓީގައި އެ ބޭފުޅުންގެ ޔުނީފޯމަށް ވެސް ކުޑަކޮށް ބަދަލެއް ގެންނަން. ކާކީ ކުލައިގެ ސޯޓު ބުރިއެއް ލައްވާފައި، ތަންކޮޅެއް ދިގު ސްޓާކީނެއް ލައްވާފައި، ހަންގަނޑެއް ކަހަލަ ބޫޓު ގަނޑަކަށް އަރުވައިގެން މާލެތެރޭގައި ގެންގުޅެންވީ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރުގެ ވާހަކަތަކާ ގުޅިގެން، ބައެއް ފުލުހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ފުލުހުންގެ އޮފިސަރަކު ބުނެފައި ވަނީ ބަޔަކަށް ގަބޫލުކުރަން ދަތިވިޔަސް، ފުލުހުންނާއި ސިފައިންނަކީ ސްމާޓް ތަމްރީނެއް ހަދައިގެން، ސްމާޓްކޮށް ތިބޭނެ ބައެއް ކަމަށެވެ.

އަގުބޮޑު، މޮޅު ގަމީސް ލައިގެން ޓައީ އަޅައިގެން ބޮޑު ގޮނޑީގައި އިނުމަކުން މީހާ މީހަކަށް ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިތުރު ފުލުހަކު ބުނެފައި ވަނީ، ފުލުހުންގެ ޔުނީފޯމު ބަދަލުކުރުމުން، ފުލުހުން ގައުމާއި ރައްޔިތުންގެ ހައްގުގައިވާ ގުރުބާނީ ފޮހެނުލެވޭނެ ކަމަށެވެ. އަދި ފުލުހުންްގެ މުއައްސަސާގެ ހިންގުމުގައި މައްސަލައެއް އުޅޭނަމަ، އެއީ މަޖިލީހުން ހަދާފައިިވާ ގާނޫނުތަކުގެ މައްސަލައެއް ކަމަށް ވެސް ބުނެފައިިވެ އެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް ވެސް ވަނީ ފުލުހުންގެ ދިފާއުގައި ނުކުމެވަޑައިގެންފަ އެވެ.

ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް، އަބްދުﷲ ނަވާޒް -- ސަން ފައިލް ފޮޓޯ

"ފުލުހުންނަށް ކެރޭނެ ތިމަ މަޖިލީހުން ނިންމައިފިއްޔާ ސޯޓު ވެސް ލާން. އެކަމަކު އަޅުގަނޑަށް ހީވަނީ މިހާރު ސޯޓު ލައްވާފަ ދިގު އިސްޓާކީނަށް އަރުވަންވީ ތިމަ މަޖިލީހުގެ މެމްބަރުން ހެން،" ނަވާޒް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވީ ފުލުހުންނާ މެދު މަޖިލިސް މެމްބަރުން ނުރުހުން ވެގެން އުޅެނީ، ބޭނުންވާ ކަމެއް ނުވުމުން، އެހެން މީހުން ދެކެ ރުޅި އަންނަ އުސޫލުން ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އިރު، މެމްބަރުން ވިދާޅުވާ ފަދަ ކުށް ކުރާ މީހުން ފުލުހުންގެ ތެރޭގައި ތިބިނަމަ، އެ ބަޔަކާ މެދު ފިޔަވަޅު އެޅުން އަވަސް ކުރަން ނަވާޒް އެދިވަޑައިިގަތެވެ.

"ތާއަބަދު ފުލުހުންނާ ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ކަންނުކުރައްވާ، ގެންނަން ވިދާޅުވި ރީފޯމް ގެނައުމުން ތިޔަ މައްސަލަ ހައްލުވާނެ ކަމަށް ފެނޭ. ކޮންމެ ސަރުކާރެއް އޮތަސް ފުލުހުންނަކީ ހިދުމަތުގައި ދެމިތިބޭނެ ބަޔަކު ކަމުގައި ދަންނަންވާނެ،" ނަވާޒް ވިދާޅުވި އެވެ.

ފުލުހުންގެ ޝުއޫރުތައް މިފަދަ ގޮތަކަށް ހުރި އިރު، އެކަމަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ބައެއް ފުލުހުންނަށް ހީވަނީ އެމީހުންނަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ.

އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން، ނަޝީދު ވިދާޅުވީ ތަޅުމުގައި މެމްބަރުން ދެއްކެވި ވާހަކަތަކުން ދޭހަވަނީ، އެހެން ފުލުސް އޮފީހަކާއި، އެހެން ނަމަކާއި އެހެން ކުލައެއް ވެސް ބޭނުންކަމަށެވެ.

"އަދި އެ ތަން ހުންނަންވީ، މައި މަރުކަޒުވެސް ހުންނާންވީ އެހެން ތަނެއްގައޭ. މިދިޔަ ހުރިހާ ދުވަހަކު އެ ދިޔަ ތަން ނިމުނިއްޔޭ. މުޅިން އާ ބާބެއް ފެށެނިއްޔޭ،" ނަޝީދު ވިދާޅުވި އެވެ.

މެމްބަރުންްގެ ވާހަކަތަކާ ގުޅިގެން ބައެއް ފުލުހުން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަ އިރު، ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރީފޯމް ކުރެވޭނެ ކަމަށާއި، އެކަން ކުރަން ފުލުހުންނަށް ހަޖޫޖަހަން ނުޖެހޭ ކަމަށެވެ.

comment ކޮމެންޓް