އެއާޕޯޓް ހުޅުވާނެ ސީދާ ތާރީހު ހާމަ ކުރަން ގޮވާލައިފި

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު: ރާއްޖޭގެ މައި ވައިގެ ބަނދަރު ހުޅުވާލާނެ ތާރީހެއް ހާމަކުރުމަށް އޭނާ ވަނީ ގޮވާލާފައި -- ފައިލް ފޮޓޯ/ މަޖިލިސް

ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނުމުން ރާއްޖެ ފުރަބަންދު ކުރި ނަމަވެސް ފިޔަވަޅުތައް ލުއި ދެމުން އަންނައިރު ރާއްޖޭގެ މައި ވައިގެ ބަނދަރު ހުޅުވާނެ ސީދާ ތާރީހް އިއުލާނު ކުރުމަށް ގޮވާލައިފި އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާ ގަވާއިދުތަކަކާއެކު ޖުލައި މަހު ޓޫރިޒަމަށް އަލުން ހުޅުވާލާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ސީދާ ތާރީހް އަދިވެސް ހާމަކޮށްފަ އެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ކަންތައްތަކެއް ރަނގަޅަށް ގޮސްފައިވާ ކަމަށެވެ.

ކޮވިޑާއި ބެހޭ ގޮތުން ރާއްޖޭގެ ސިއްހީ މާހިރުންނާއި ރާއްޖޭގައި މިކަމުގައި އުޅުއްވި އެންމެ ބޭފުޅުން އެކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދާއި އިތުބާރު އެ ފަރާތްތަކުގެ އަމިއްލަ ނަފްސަށް ހޯދާފައިވާ ކަން އަބްުދުލްޣަފޫރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ދެން ވިސްނަންވީ ދިވަހި އިގްތިސޯދު ސަލާމަތް ކުރެވޭނެ ގޮތަކާއި މެދު ކަމަށެވެ.

"ޖުމްލަކޮށް ބުނަންޔާ ރާއްޖޭގެ އިގްތިސޯދު މިއޮތީ ގައުމީ ސަލާމަތައް ނުރައްކާވާ ހިސާބުގައި އިއްޒަތްތެރި ރައީސް. ރާއްޖޭގެ އިގްތިސޯދު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް އަވަހަށް ފައްޓަން އެބަޖެހޭ އެކަން ކޮށްގެން އަޅުގަނޑުމެނަށް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ރައްޔިތުންނަށް ފުއްދަ ދިނުމުގައި ދެމިތިބެވޭނީ އިއްޒަތްތެރި ރައީސް. ރާއްޖޭގެ މައި ވައިގެ ބަނދަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް އެބަޖެހޭ މިހާރުން މިހާރަށް އިއުލާނު ކުރަން އިއްޒަތްތެރި ރައީސް. އެއީ ވަރަށް މުހިންމު ކަމެއް،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

ރާއްޖެ އަންނަން ބޭނުންވާ ވަރަށް ގިނަ ފަތުރުވެރިން ތިބިކަން ފާހަގަކޮށް އަބްދުލްޣަފޫރު ވިދާޅުވީ، އެ ފަރާތްތަކަށް ވެސް ރާއްޖެ އައުމުގެ ކަންތައްތައް ފެށޭނީ އެއާޕޯޓް ހުޅުވާލާނެ ތާރީހެއް އިނގުމުން ކަމަށެވެ.

"އެހެންވީމާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން އެބަޖެހޭ. އެކަން ކޮށްގެން އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއަރައިދާނީ އިއްޒަތްތެރި ރައީސް،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

ރިސޯޓުތައް ހިމެނޭ ގޮތަށް ރާއްޖޭގައި ހުރި ބޮޑެތި ކުންފުނިތަކުން އެކުންފުނިތަކުގެ ވިޔަފާރިތައް ހުޅުވުމަށްޓަކައި ތައްޔާރަށް ތިބި ކަމަށް އަބްދުލްޣަފޫރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ރިސޯޓްތައް ހުޅުވިގެން ދާނީ އެއާޕޯޓް ހުޅުވިގެން ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ނެގެހެއްޓުމަށްޓަކައި ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މަޖިލީހުން މިއަދު ކުރަން ޖެހޭ ކަމަށް ވެސް އަބްދުލްޣަފޫރު ވިދާޅުވި އެވެ. އެ ޒިންމާ ސަރުކާރާއި ގުޅިގެން މަޖިލީހުން ނަގައިގެން ނޫނީ ދައުލަތް ދެމެހެއްޓޭނެ ގޮތްތަކެއް ފެންނަމަކުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އޮތް ގޮތަށް އަޅުގަނޑުމެން ދާ ނަމަ ކުރިއަށް މިއޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދަށް 200 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ވަންނާނެ އެއްވެސް ގޮތެއް އަޅުގަނޑުމެނަކަށް ފެންނާކަށް ނެތް އިއްޒަތްތެރި ރައީސް،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

ރާއްޖޭހެ ސީހްހީ ހިދުމަތްތެރިން މި ކްރައިސިސް މެނޭޖް ކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަން އަބްދުލްޣަފޫރު ފާހަގަކުރެއްވި އެވެ.

"އެބޭފުޅުން ވަނީ އެކަން ކޮށްފައި އިއްޒަތްތެރި ރައީސް. އެބޭފުޅުން އެކަން ކުރާނެ. އެބޭފުޅުން އެތިބީ ގަދަ ހިތްވަރާއި އެކު މިކަމުން އަރައިގަތުމުގެ މަސައްކަތުގައި އިއްޒަތްތެރި ރައީސް،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

comment ކޮމެންޓް