ދުވާއިރު އެންމެ ރަނގަޅީ މާސްކް ބޭނުން ނުކުރުން: ޑރ. އަފްޒަލް

ޖޫން 16، 2020: ލޮކްޑައުން އާ އެކު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދިނުމާއެކު ކަސްރަތުކޮއް ދުވަން މީހުން ނިކުތުން -- ސަަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަބަންދަށް ލިބިގެންދިޔަ ލުއިތަކުގެ ތެރެއިން އެންމެ ގިނަބަޔަކަށް ހިނިތުންވުން ގެނެސްދިން އެއްކަމަކީ ބަންދުވެފައިވާ ގެތަކުން ބޭރުވެ، ހަމަ ނޭވާއެއް ލެވުމާއެކު، ދުވެލައި ކަސްރަތުކޮށްލުމަށް ވެސް ވަގުތުކޮޅެއް ލިބިގެންދިއުމެވެ. ކޮންމެ ދުވަހަކު ވެސް އިރުއޮއްސި ހަޔަކުން ނުވައަކަށް މި ފުރުސަތު އާންމުކޮށް ހުޅުވިފައިވާއިރު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ އެއް ސުވާލަކީ މިވަގުތުތަކުގައި ވެސް މާސްކް ބޭނުންކުރަންޖެހޭނެތޯ އެވެ.

އާންމުކުރެވިފައިވާ ސިއްޚީ ގައިޑްލައިންސްތަކުގައިވާ މައިގަނޑު އެއް ވާހަކައަކީ ގެއިން ބޭރަށް ނުކުންނަ އިރު އަނގަމައްޗާއި ނޭފަތް ފޮރުވޭހެން މާސްކްއެއް ބޭނުންކުރަންޖެހޭނެކަމެވެ. ހާއްސަކޮށް ފިހާރަތަކަށާއި ޚިދުމަތެއް ލިބިގަތުމަށް ދާންޖެހޭ ކޮންމެ ތަނަކަށް ވަންނައިރު ވެސް މި މާސްކް ބޭނުންކުރަންޖެހެ އެވެ.

ޖޫން 16، 2020: ލޮކްޑައުން އާ އެކު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދިނުމާއެކު ކަސްރަތުކޮށް ދުވަން މީހުން ނިކުތުން -- ސަަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންނަމަވެސް ދުވާއިރު، ނުވަތަ ކަސްރަތުކުރުމަށް ޓަކައި ބާރަށް ހިނގާއިރު މިފަދަ މާސްކެއް ބޭނުންކުރުމަކީ ގިނަ ބަޔަކު ބުނާގޮތުން އުނދަގޫ އަދި ވަރަށް އަވަހަށް މީހާ ހާސްވާކަމެކެވެ. އެހެންކަމުން ހަގީގަތުގައި ވެސް މިފަދަ ހަރަކާތެއްގައި ބައިވެރިވެ އުޅޭއިރު މާސްކް ބޭނުންކުރުމަކީ އެދެވިގެންވާކަމެއްތޯ ސުވާލުއުފެ އެެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައިި ޑރ. އިބްރާހިމް އަފްޒަލް -- ފޮޓޯ/އެންއީއޯސީ

އެޕިޑެމޯލޮޖިސްޓް، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވަނީ ކަސްރަތުކުރާއިރު އަދި ހާއްސަކޮށް ދުވާއިރު އެންމެ ރަނގަޅީ މާސްކް ބޭނުން ކުރުމަށްވުރެ ނުކުރުމެވެ. ސަބަބަކީ މިފަދަ ކަސްރަތުތައް ކުރާއިރު ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވުމާ އެކު މާސްކް އަޅައިގެން ހުންނަ ނަމަ ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބިދާނެތީވެއެވެ.

"ދުވަންދާއިރު މީހާގެ ފުއްޕާމެއަށް ނުވަތަ ހަށިގަނޑުގައި އޮކްސިޖަންގެ ޑިމާންޑް ވަރަށްބޮޑަށް އިތުރުވޭ، އެހެންކަމުން އެކަހަލަ ހާލަތެއްގައި އާންމުކޮށް މާސްކެއް އަޅައިން ހުންނަ ނަމަ އެ މިންވަރަށް އޮކްސިޖަން ނުލިބިދާނެ. އަނެއްކަމަކީ ކަސްރަތުކުރާއިރު މީހާ ވަރަށް ބޮޑަށް ދާހިތްލާ އަދި މާސްކްގެ އެފެކްޓިވްނަސް ދަށްވޭ. ތެތްވެފައި ހުންނަ މާސްކަކުން ނޭވާލަން އުނދަގޫވޭ." ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޖޫން 16، 2020: ލަކްޒަރީ ފިހާރަ ކައިރީ މީހުން ވިޔަފާރި ކުރުމަށް ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެއިތުރުން ޑރ. އަފްޒަލް ވިދާޅުވަނީ ހުރިހާ ވަގުތަކު މާސްކް އަޅައިން ހުރުމަށްވުރެ ރަނގަޅީ އެކަމަށް ބޭނުންވާ ވަގުތުތަކުގައި މާސްކް ގެ ބޭނުންކުރުމެވެ.

"މަގުމަތީގައި އާންމުކޮށް އުޅޭއިރު، މާސްކް އެޅުން ރަނގަޅު އެކަމަކު އެއީ މަޖުބޫރުކަމެއް ނޫން. މާސްކް ބޭނުން ހަގީގަތުގައި މިޖެހެނީ އެހެން މީހަކާ މުއާމަލާތު ކުރާއިރު. ސަބަބަކީ މި ބައްޔަކީ ވައިގެ ތެރޭގައި އުޅޭ ބައްޔެއް ނޫން. ހުރިހާ ވަގުތެއްގައި މާސްކް އަޅާކަށް ނުޖެހޭ. އެކަމަކު މީހަކާ ވާހަކަދައްކާ އިރު، އަދި މަޑުކޮށްގެން ކިއުއެއްގައި ހުންނައިރު އެހެން މީހަކާއި ކައިރީގައި ހުންނައިރު މާސްކް އެޅުން މުހިންމު."

ހަމައެއާއެކު މާސްކް ބޭނުންކުރުމުގައި އަމަލުކުރެވޭ މައިގަނޑު ތިން ހާލަތެއް ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. މިގޮތުން މާސްކް އެޅުން ކޮންމެހެންވެސް މަޖުބޫރު ހާލަތްތަކަކީ؛

  • އެއްވެސް ޚިދުމަތެއް ހޯދަން އިމާރާތެއްގެ ތެރެއަށް ވަންނަނަމަ ނުވަތަ ފިހާރައަކަށް ވަންނަ ނަމަ
  • ފިހާރައެއްގެ ބޭރުގައި ނުވަތަ ޚިދުމަތެއް ހޯދަން ކިއުއެއްގައި މަޑުކުރަން ޖެހޭނެމަ މާސްކް އެޅުމާއެކު ގައިދުރުކަން ބެހެއްޓުމަށް މަޖުބޫރުވާނެ
  • ގޭތެރޭގައި ވެސް ބަލި ހާލުގައި ހުރި މީހެއް ހުރެއްޖެނަމަ ނުވަތަ އުމުރުން ދުވަސްވީ މީހެއް ހުރެއްޖެނަމަ އެމީހަކަށް ޚިދުމަތްދޭ މީހާވެސް އަދި ބަލިމީހާ ވެސް މާސްކް އަޅަންޖެހޭނެ

މީގެއިތުރުން ދެއަހަރުން ދަށުގެ ކުޑަކުދީންނާއި އަދި އުމުރުން ދުވަސްވެ އަމިއްލަ އަށް މާސްކް ނޭޅޭ މީހުންގެ އިތުރުން މާސްކް ނޭޅޭ ކަހަލަ ބަލިހާލަތު ހުންނަ މީހުންނަށް ވެސް އެދެވިގެންވަނީ މާސްކް ބޭނުންނުކުރުމެވެ. މިސާލަކަށް ނޭވާލަން ބޭނުންވާވަރަށް އޮކްސިޖަން ނުލިބޭފަދަ ފުއްޕާމޭގެ ބައްޔެއް ހުންނަ މީހުންނަކީ މާސްކް އެޅުމުން ދުރުހެލިވާންޖެހޭ ފަރާތްތަކެވެ. ހަމައެއާއެކު، ގިނަ ވަގުތުތަކުގައި މާސްކް އަޅައިން ހުރުމަކީ ސްކިން މައްސަލަތައް ހުންނަ ފަރާތްތަކަށްވެސް ދަތިތަކެއް ހުރެދާނެކަމެއް ކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ.

މިފަދަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެހެން ފަރާތްތަކުން މާސްކް އެޅުމަށް ސަމާލުކަންދޭން ޖެހެއެވެ.

ޖޫން 16، 2020: ލޮކްޑައުން އާ އެކު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދިނުމާއެކު ކަސްރަތުކޮއް ދުވަން މީހުން ނިކުތުން -- ސަަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީން ލިބެން ހުންނަ ސާރޖިކަލް މާސްކް މިވަގުތު އާންމުކޮށް ލިބުން ދަތިވެފައިވާއިރު، ގިނަ ބަޔަކު ބޭނުންކުރަމުންދަނީ އަމިއްލަ އަށް ފަހައިގެން ބޭނުންކުރާ ފޮތި މާސްކްތަކެވެ. މިފަދަ ފޮތި މާސްކްތައް ފެހުމުގައި ފޮތީގެ ދެ ލޭޔާރު ކޮންމެހެންވެސް ހުންނަންޖެހޭއިރު، ފަސޭހައިން ފެންޖެހުމުން ތެމޭ ފަދަ ފޮއްޗެއް ބޭނުން ނުކުރުން ވެސް އެދެވިގެންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި މާސްކް އަޅާއިރު އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެހެން އަނގަމައްޗާއި ނޭފަތް ދަތްދޮޅިއާއެކު ނިވާކުރުން މުހިންމެވެ.

comment ކޮމެންޓް