ކަސްރަތު ކުރަނީ ކޮން އިރަކު؟

މަސައްކަތުގެ ޝެޑިއުލްތައް އޮންނަ ގޮތެއްގެ ސަބަބުން އާންމުކޮށް ކަސްރަތު ކުރުމަކީ މިހާރު ގިނަ ބަޔަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންވީމާ ވަގުުތު ހޯދައިގެން މީހުން އެކި ވަގުތުތަކުގައި ކަސްރަތު ކުރުމުގެ އާދަ އަންނަނީ އަށަގަންނަވަމުންނެވެ.

ނަމަވެސް ކޮންމެ ކޮންމެ ވަގުތެއްގައި ކަސްރަތު ކުރުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ އަދި ކަސްރަތު ކުރާ ނަމަ އެންމެ ފައިދާ ކަން ބޮޑު ވަކި ވަގުތެއް އޮވޭ ހެއްޔެވެ؟

އެންމެ ފުރަތަމަ ވެސް ހަނދާންކުރަން ޖެހޭ އެއް ކަމަކީ ކޮންމެ ގަޑިއެއްގައި ކަސްރަތު ކުރި ނަމަވެސް އެކަން ރަނގަޅު ކަމެވެ. އިންސާނާގެ ހަށިގަނޑަށް ކަސްރަތަކީ މުހިއްމު ކަމެކެވެ. އެކަމަކު ކަސްރަތު ކުރާއިރު ވެސް ވަކި ވަގުތެއްގައި އެ ކަސްރަތު ކުރާ ނަމަ އޭގެ އިފެކްޓިވްނެސް އިތުރު ވާނެއެވެ.

ބައެއް ދިރާސާތަކުން އިޝާރާތް ކުރާ ގޮތުގައި، ހެނދުނު ވަގުތު ކަސްރަތު ކުރާނަމަ އެކަމުން ހަށިގަނޑަށް ފައިދާކުރާ މިންވަރު އިތުރުވާނެއެވެ. އެއީ އޮފީހަށް ދިއުމުގެ ކުރިން ކަސްރަތު ކޮށްލައި ތައްޔާރުވެލުމުން މީހާ ރަނގަޅަށް ހޭލައްވާލައެވެ. އަދި މުޅި ދުވަހު ވެސް އޭގެ ސަބަބުން އިތުރަށް ވަރު ޖެހި އިތުރަށް މަސައްކަތް ކުރެވޭ ގޮތް ވާނެއެވެ.

އޮފީސް ނިންމާލުމަށް ފަހު ކަސްރަތުކުރަން ރާވާނަމަ ގިނަ ފަހަރަށް އެކަންތައް ނުވުން އެކަށީގެން ވެއެވެ. އެއީ ސަބަބަކީ މުޅި ދުވަހު މަސައްކަތުގައި އުޅުމަށްފަހު ގެއަށް ދާއިރު ގައިގައި އެހާ ވަރު ނެތުމުން ދެން އެ ދުވަހު ކަސްރަތު ކުރަން ވަރަށް އުނދަގޫ ވާނެއެވެ.

މެޑިސިން އެންޑް ސައިންސްއިން ސްޕޯޓްސް އެންޑް އެކްސަސައިޒްއަށް އާންމު ކުރި ދިރާސާއަކުން އެނގޭ ގޮތުގައި ހެނދުނު 0700 ގެ ކުރީން ކަސްރަތު ކުރާ ނަމަ ފައިދާކަން ބޮޑެވެ. އޭގެ ތެރޭގައި މީހާގެ ނިދުމުގެ އާދަތަކަށް ބަދަލު އައިސް ރޭގަނޑު ނިދާލުމަށް ފަސޭހަ ވުން ހިމެނެއެވެ.

އާންމުކޮށް ހެނދުނު ކަސްރަތު ކުރުމަށް ދާނީ ހުސް ބަނޑާ ހުރެއެވެ. ހުސް ބަނޑާ ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުން ސަރުބީ ވިރުވާލެވޭ މިންވަރު އިތުރުވާ ކަމަށް މި ދިރާސާގައި އެބަ ހާމަކުރެއެވެ.

އެހެންވީމާ ދިރާސާތަކުން އެންމެ ބުރަ ވަނީ ހެނދުނު ގަޑީގައި ކަސްރަތު ކުރުމަށެވެ. އާންމުކޮށް ކަސްރަތު ކޮށް އުޅެނީ ކޮން އިރަކު ހެއްޔެވެ؟

comment ކޮމެންޓް