"ލެގް ޑޭ" މަތިން ހަނދާން ނައްތައިނުލާތި!

ފައިގެ މަސުލް ވަރުގަދަ ކުރުމުގެ ސަބަބުން ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖިމް ތަކަށް ދާ ގިނަ ބަޔަކު އާންމުކޮށް ދައްކާ ވާހަކައިގެ ތެރޭގައި "ލެގް ޑޭ" ހިމެނޭނެއެވެ. ލެގް ޑޭގައި އާންމުކޮށް ފައިގެ ތަފާތު ކަސްރަތުތައް ކުރާނެއެވެ. ފައިގެ ބާރު ގަދަކޮށް މަސުލް އިތުރު ކުރުމަށް ލެގް ޑޭގައި މަސައްކަތް ކުރާނެއެވެ. މިއީ ހިތުގެ ދުޅަހެޔޮ ކަމާ ގުޅިފައިވާ ކަމެއް ކަމަށް ސައިންސުވެރިން ވަނީ ހާމަކޮށްފައެވެ.

ދާދި ފަހުން ޕްރާގުގައި ކުރިއަށް ދިޔަ "ހާޓް ފެއިލިއާ 2023 ސައިންޓިފިކް ކޮންގްރެސް"ގައި އާންމުކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި އާންމުކޮށް ކަސްރަތު ކުރުމުގެ މުހިއްމުކަން ހާމަަވެއެވެ. އަދި، ޒުވާން ދުވަސްވަރުގައި އާންމުކޮށް ކަސްރަތު ކުރުމުގެ ސަބަބުން ދުވަސް ވާއިރު އޭގެ ސަބަބުން ވާ ފައިދާ ބޮޑު ވާ ކަމަށް ދިރާސާއިން ދައްކައެވެ.

މަސުލްގެ މާސް އަކީ ދުވަސް ވަމުން ދާ ވަރަކަށް ކުޑަ ވާ އެއްޗެކެވެ. އެއާ އެކު ކާޑިއޯވަސްކިއުލާ ސިއްހަތަށް ކޮންމެ ވެސް ވަރަކަށް އަސަރު ކުރާ ކަމަށް ފާހަގަކުރެއެވެ. މިއާ އެކު ފައިގެ މަސުލް ވަރުގަދަކޮށް އާންމުކޮށް ފައިގެ ކަސްރަތު ކުރާ މީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ކުޑަ ވެއެވެ.

ޖަޕާނުގެ ކިޓަސާޓޯ ޔުނިވާސިޓީ ސްކޫލު އޮފް އެލައިޑް ހެލްތު ސައިންސްގެ ރިހެބިލިޓޭޝަން ޑިޕާޓްމެންޓްގެ ރިސާޗަރެއް ކަމަށްވާ ޑރ. ކެންޓަރޯ ކާމިޔާ ބުނަނީ ހާޓް އެޓޭކެއް ޖެހުމާ އެކު ކާޑިއެކް ރިމޮޑެލިން ނަމަކަށް ކިޔާ ކަމެއް ހިތަށް ދިމާވާ ކަމަށެވެ. މިއީ ހިތުގެ ވަށައިގެން ޓިޝޫތަކެއް އުފެދުމަށް ދިމާވާ ކަމެކެވެ.

ނަމަވެސް އާންމުކޮށް ކަސްރަތު ބޭނުންކޮށްގެން ރިހެބިލިޓޭޓް ވާ ނަމަ ހިތުގެ ދުޅަހެޔޮކަން އިތުރުވާ ކަމަށް އޭނާ ފާހަގަކުރިއެވެ. ފައި ފަދަ ތަންތަނުގައި ހިމެނޭ މަސުލް ފައިބާތަކުން ދޫކުރާ ޕެޕްޓައިޑްގެ އެހީގައި ހިތުގެ ދުޅަހެޔޮކަން ދަމަހައްޓަން ފުރުސަތު ލިބޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

comment ކޮމެންޓް