ޑރ. ވަހީދާ ދިމާކުރި މައްސަލާގައި ފިޔަވަޅު އަޅައިދޭން އެމްއާރުއެމްއިން ގޮވާލައިފި

ކުރީގެ ރައީސް ޑރ. ވަހީދު އަދި ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ރައީސް މައުމޫން --- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނާ މީހަކު ދިމާކޮށް އަނގަބަހުން ހަމަލާދިން މައްސަލާގައި ފިޔަވަޅު އަޅައިދޭން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.

ޑރ. ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. ވަހީދުގެ ދެކަނބަލުން ހެނދުނު ކަސްރަތަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް ދިން ހަމަލާ ކުއްވެރި ކުރާ ކަމަށެވެ. އަދި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކޭ ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ ހަށިކޮޅަށް ގެންލުން ދެވޭ ފަދަ ހިސާބެއްގައި ހުރެ ހަޑިހުތުރުބަހުން މުއާމަލާތް ކުރުމަކީ މި ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫނެވެ. މިފަދަ ކަންކަމަކީ މުޖުތަމައުގައި ބިރުވެރިކަމާއި، ރުޅިވެރިކަމާއި، ބައިބައިވުން އުފެދޭނެ ކަންތައްތަކެވެ. އަދި އެއީ ދީމިޤްރާތީ މުޖުތަމައު ތަކުގައި އެއްވެސް ވަރަކަށް ފެނިގެންވާނޭ ކަމެއް ނޫންކަމަށް މިޕާޓީން ދެކެމެވެ." އެމްއާއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހަމަ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއްކަމަށް ވީނަމަވެސް، އެ ހައްގުގެ ބޭނުން ކުރަން ވާނީ އަނެކާގެ ނަފުސު ނުރައްކަލަށް ހުށަހަޅާފައި ނޫން ކަމަށް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.

"މި މައްސަލައިގައި ބަލަންހުރި ކަންކަން ބަލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް މިޕާޓީން ގޮވާލަމެވެ." އެމްއާރިއެމުން ބުންޏެވެ.

ޑރ. ވަހީދަށް އަނގަބަހުން ހަމަލާދިން މައްސަލަ ބަލައިދޭން ފުލުހަށް ވަނީ ހުށަހަޅާފަ އެވެ. ފުލުހުން ބުނެފައިވަނީ އެމައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

comment ކޮމެންޓް