ރައީސް ވަހީދަށް ފުރައްސާރަކުރަން ނަޝީދު ހިތްވަރުދެއްވައިފި

7 ފެބުރުއަރީ 2012 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ މައިދާނުގައި --- ސަންފައިލް ފޮޓޯ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މިއަދު ހެދުނުގެ ވަގުތެއްގައިި މީހަކު މަގުމަތިން ދިމާކޮށްލައި، ފުރައްސާރަކުރި ކުރުން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިފާއުކުރައްވައިފިއެވެ.

ޑރ. ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ރިޕޯޓުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން، އެމްޑީޕީގެ ސަޕޯޓަރުން އަންނަނީ އެކަން ދިފާއުކުރަމުންނެވެ. އަދި ޑރ. ވަހީދަށް މާލޭގެ މަގުމަތީގައި މިނިވަންކަމާއެކު އުޅެވޭތީ ޝުކުރުކުރަންޖެހޭ ކަމަށާއި މަގުމަތިން ފެނިއްޖެއްޔާ އެއްޗެހި ކިޔާނެ ކަމަށް ވެސް އެމްޑީޕީގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޑރ. ވަހީދަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން، ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ދިފާއުކުރައްވައި ވާހަކަދައްކަވައިފައެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް، 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ބަޣާވާތަކުން ބަދަލުކުރައްވައި، އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށް، އެމަނިކުފާނު ދެކިވަޑައިިގަންނަވާ ކަމަށެވެ.

"އެހެންކަމުން ވަރަށް ގިނަ ދިވެހީންނަށް ކުރީގެ ނައިބު ރައީސް ފެނުމުން "ބާޣީ" އޭ ގޮވޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފޯނުން ގުޅުވައި، ވަހީދާއި އަނބިކަނބަލުންގެ ހާލުބައްލަވައިފައެވެ.

އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއިި، ޖުމްހޫރީ ޕާޓީއާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވެސް ވަނީ އެކަން ކުށްވެރިކުރައްވައިފައެވެ.

އޭރުގެ އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ، 7، 2012 ގައެވެ. އެމަނިކުފާނާއި އެމްޑީޕީން ސިފަ ކުރައްވާ ގޮތުން އެއީ ބަޣާވާތެކެވެ.

އެ މައްސަލަ ބެލުމަށް އޭރުގެ ޑރ. ވަހީދުގެ ސަރުކާރުން އެކުލަވާލި، ރިޔާސީ ކޮމިޝަންގެ ކޯނީ ރިޕޯޓުގައި ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ރިޕޯޓު ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.

ނަޝީދު އަދިވެސް އަންނަނީ ހަތެއް ފެބްރުއަރީގައި 2012 ގައި އެމަނިކުފާނުގެ ސަރުކާރު ވެއްޓުނު ގޮތް ތަހުގީގު ކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

comment ކޮމެންޓް