ރާއްޖެޓީވީއަށް ފޮޓޯ ފޮނުވައިގެން ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާދޭން އަމުރުކޮށްފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ލ. ގަމު މެޖިސްޓްރޭޓް
ކޯޓާ ގުޅޭ ގޮތުން ގެނައި ރިޕޯޓަކަށް މައުލޫމާތާއި ފޮޓޯ ފޮނުވި ކަމަށް ތުހުމަތުކޮށް، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ކޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަކަށް އަލުން ވަޒީފާ ދޭން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ރާއްޖެ ޓީވީއަށް ފޮޓޯ ފޮނުވި ކަމަށް ތުހުމަތުކޮށް ވަޒީފާ އިން ވަކިކޮށްފައި ވަނީ ލ. ގަން ތުނޑި، އަލިނޫރު އަހްމަދު މައުރޫފް އަލީ އެވެ.

މައުރޫފް އަކީ 1992 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ލ.ގަމު މެޖިސްޓްރޭޓް ކޯޓުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާ ވަޒީފާ އިން ވަކިކުރީ ތިނެއް ޑިސެމްބަރު 2017 ގަ އެވެ.

ވަޒީފާއިން ވަކި ކުރީ، ޓީވީ ޕްރޮގްރާމަކަށް ކޯޓާގުޅޭ މައުލޫމާތު ހިއްސާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ 2017 ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ތަހުގީގު މުއްދަތަށް މުސާރަ ލިބޭ ގޮތަށް ވަޒީފާއަށް ނުކުތުން މަނާކުރުމަށް ފަހު އެއްވެސް ނޯޓިހެއް ދިނުމަކާ ނުލަ އެވެ.

ވަޒީފާ އިން ވަކިކުރުމުން މައުރޫފުގެ ފަރާތުން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް އެ މައްސަލަ ހުށަހަޅައިފަ އެވެ.

ޓްރައިބިއުނަލް އިން މައްސަލަ ބެލުމަށް ފަހު ނިންމީ، ރާއްޖެޓީވީ އަށް މައުލޫމާތު ފޯރުކޮށްދިނުމަކީ މައުރޫފުގެ ބައިވެރިވުމެއްވާ ކަމެއް ކަމަށް މައްސަލަ ރައްދުވި ފަރާތަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.

އަދި މައުރޫފުގެ އެ އަމަލަކީ އާންމު ރައްޔިތުންގެ ކުރިމަތީގައި ކޯޓުގެ ކަރާމާތަށް އުނިކަމެއް ލިބި، ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ހިންގުމަށް ބަޔަކަށް ފުރުސަތު ދެވޭ ފަދަ އަމަލަކަށްވެފައި، އެ އަމަލުގެ ސަބަބުން އެހެން މީހުންގެ ކުރިމަތީގައި ޝަރުއީ ދާއިރާގެ އަގުވެއްޓި، ޝަރުއީ ދާއިރާއަށް ގެއްލުން ވެދާނެކަމަށް ފެންނާތީ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާ އިން ވަކިކުރަން ހުއްދަކުރާ ފަދަ ހާލަތެއް އޮވެގެން ކަމަށް ބުނެ، އެކަންތައްތައް ސާބިތުކޮށްދީފައި ވާތީ، މައުރޫފް އަލީ އެދިފައިވާ ފަދަ އަމުރެއް މައްސަލަ ރައްދުވި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ކުރާނެ ގާނޫނީ ހަމައެއް ނެތްކަމަށެވެ.

މައުރޫފު ވަނީ ޓްރައިބިއުނަލްގެ ނިންމުން ހައިިކޯޓުގަައި އިސްތިއުނާފުކޮށްފަ އެވެ. މައްސަލަ ބެލުމަށް ފަހު ހަައިކޯޓުން ކުރި ހުކުމުގައި، މައުރޫފް ވަޒީފާ އިން ވަކިކޮށްފައި ވަނީ ރާއްޖެ ޓީވީއިން ދެއްކި "ފަށާއިރު" ޕްރޮގްރާމްގައި ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތައް ރާއްޖެ ޓީވީއަށް ފޯރުކޮށްދިނުމުގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވިގެން ކަން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގައި މައުރޫފު 25 އަހަރާއި ހަތަރު މަހާއި ދެ ދުވަހުގެ ދިގު މުއްދަތަކަށް ވަޒީފާއަދާކޮށްފައި ވާއިރު، މައުރޫފުގެ މައްޗަށް އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވިގެން އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅައި ނަސޭހަތެއް ނުވަތަ އިންޒާރެއް
ދީފައިވާކަން އެނގެން ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.

އަދި މީހެއްގެ ހަޔާތުން، ވަޒީފާއެއްގައި 25 އަހަރު ހޭދަކުރުމަކީ އޭގެ ޒާތުގައި ވެސް ލުއި ކަމެއް ކަމުގައި ނުބެލެވޭނެ ކަމަށާއި، އަދި މައުުރޫފް އަލީ އެއްވެސް ބާވަތެއްގެ ހިޔާނާތެއް ވީކަން ހުށަހެޅުނު އެއްވެސް ލިޔުމަކުން ފެންނަން ނެތް އިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ 30 އޮކްޓޯބަރުު 2017ގައި ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ލ.ގަމު މެޖިސްޓްރޭޓް ކޯޓާއި ގުޅޭ ގޮތުން ގެނެސްދިން މައުލޫމާތާއި ފޮޓޯ ހިއްސާކުރި ފަރާތަކީ އޭނާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަކަމެވެ.

އަދި މައްސަލައިގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިއުމަން ރިސޯސް ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީއަކުން ކުރި ތަހުގީގަށް ބަޔާން ދިން، ކޯޓުގެ އެއްވެސް މުވައްޒަފަކު ވެސް ފޮޓޯ ނެގީ މައުރޫފު ކަމަށް ބުނެފައި ނުވާކަމާއި، އެންމެން ވެސް ބުނެފައި ވަނީ ފޮޓޯ ނެގީ މައުރޫފު ކަމަށް "ބެލެވޭ" ކަމަށެވެ.

އެހެންކަމުން މައްސަލަ އުފެދުނު ފޮޓޯ އަކީ ކަނޑައެޅިގެން މައުރޫފް ނެގި ފޮޓޯއެއްކަން އެނގެން ނެތްކަމާއި، އަދި އެފޮޓޯއަކީ މައުރޫފް ނެގި ފޮޓޯއެއް ކަމަށް ބެލި ނަމަވެސް، އޭގެ ޒާތުގައި
އެއީ މަނާކަމެއް ކަމަށް ބެލެވެން ނެތްކަމާއި، ކޯޓެއްގައި ބާއްވާ އިޖުތިމާއީ ކަންކަމާ ގުޅިގެން ކޯޓުގެ އެތެރޭގައި ފޮޓޯ ނެގުން މަނާކުރާ ނަމަ، އެކަން ކުރިއާލާ މުވައްޒަފުންނަށް އަންގަންވާނެކަމާއި، އެކަން މަނާކޮށް ސާފުކޮށް މުވައްޒަފުންނަށް ކުރިއާލާ އަންގައިފައި ނެތް ނަމަ، އެކަމަކީ މަނާ ކަމެއްގެ ގޮތުގައި ފަހުން ބަލައި މުވައްޒަފެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް ބުރަދަން ދެވޭ ކަމެއްކަމަށް އެކަން ވެގެން ނުވާނެ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

ހަމައެއާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ އަސްލަކަށްވީ ކަންތައް ގޯސްނުވެފައި އެމައުލޫމާތު ދިނުން ކުށަކަށްވީ ގޮތެއް ސާފުކޮށް އެކަން ސާބިތުކޮށްފައި ނެތުމުން މައުރޫފް ވަޒީފާ އިން ވަކިކުރި ސަބަބުގައި މައުޟޫއީ އަދުލުވެރިކަން ނެތްކަން އެނގޭ ކަމަށް ވެސް ހައިކޯޓުން ބުނެފައިވެ އެވެ.

އެހެންކަމުން މައުރޫފް ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއްނެތި އަދި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.

އަދި އެ ނިންމުން ބާތިލްކޮށް، މައުރޫފް ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާ އިން ވަކި ކުރި އިރު އޭނާ ހުރި ވަޒީފާ އަލުން ރުޖޫއަ ކޮށްދިނުމަށާއި، އޭރު ހުރި ވަޒީފާގައި ބެހެއްޓެން ނެތް ނަމަ، އެވަޒީފާއާ ގުޅޭ ނުވަތަ އެނޫން ވެސް އޭނާ އަދާކުރަމުން ދިޔަ ވަޒީފާއާ އެއްހަމަ ވަޒީފާއެއްގައި ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް ވަނީ އަމުރުކޮށްފަ އެވެ.

އަދި އޭނާ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން އޭނާގެ ވަޒީފާ އަލުން އަނބުރާ އިއާދަކުރެވޭ ދުވަހަކާ ހަމައަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތަކުން، އެއްވެސް މިންވަރެއް އޭނާއަށް ލިބިދީފައިވާ ނަމަ، އެ މިންވަރެއް އުނިކުރުމަށް ފަހު ބާކީ ދޭން އޮތް މިންވަރެއް ހިސާބުކޮށް އަންނަ މިންވަރެއްގެ ފައިސާ އޭނާއަށް ދިނުމަށް، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، މައުރޫފަށް ލިބިދޭންޖެހޭ ފައިސާއާއި އަދި އޭނާގެ ވަޒީފާގެ ކަންތައްތައް ސަރުކާރު ބަންދު ނޫން ހަތް ދުވަހުގެ ތެރޭގައި ނިންމުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް