މާފައްނުގައި ހުންނަ މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) ޒަމާނީ ފެންވަރަށް އިމާރާތްކޮށް ނިންމާލައިފިއެވެ.
ކުރިން ދެ ބުރިއަށް އަޅާފައި ހުރި މަވެޔޮޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރިއަށް ތަރައްގީ ކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އެތަން ތަރައްގީކުރަން ނިންމީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ ބައިވެރިވުމާއެކު، ދައުލަތުން 17 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. އެއީ މިސްކިތުގެ ފަސް ބުރީގެ ތެރެއިން ތިން ބުރިއަށް ވާ ހަރަދެވެ.
ނަމަވެސް މިސްކިތް ހަތް ބުރިއަށް އަޅަން ނިންމަވައި، އެތަނުގެ ހުރިހާ މަސައްކަތެއް ނިންމެވީ ދައުލަތުގެ އެއްވެސް ހަރަދެއް ނުނަންގަވައި، ޖަނާހުގެ އަމިއްލަ ހަރަދުގައެވެ. މިސްކިތުގެ ޑިޒައިނާއި އިމާރާތްކުރުމުގެ މަސައްކަތް ކުރީ އޭނާގެ އެޗްއާރުސީ ކުންފުނިންނެވެ.

މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) މިހާރު ހުންނަ ގޮތް: އެ މިސްކިތް އިމާރާތް ކުރީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހަރަދުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހު މިއަދު "ސަން"އަށް ވިދާޅުވީ، މާވެޔޮ މިސްކިތުގެ މަސައްކަތް ނިމިފައިވާކަން އެ މިސްކިތުގެ ކޮންޓްރެކްޓަރު އަންގާފައިވާ ކަމަށެވެ. ނަމަވެސް، އަދި މިސްކިތް ރަސްމީކޮށް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާ ކަމަށް އަފްރާހު ވިދާޅުވިއެވެ.
ޖަނާ "ސަން"އަށް ވިދާޅުވީ، މިސްކިތުގެ މަސައްކަތް ނިންމާލައި އެތަން ސަރުކާރާ ހަވާލު ކުރުމަށް ސިޓީވެސް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިންވެސް އެ މިސްކިތުގެ މަސައްކަތް އޮތީ ނިމިފައި ކަމަށެވެ.

މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) މިހާރު ހުންނަ ގޮތް: އެ މިސްކިތް އިމާރާތް ކުރީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހަރަދުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ ކުރިން 400 އެއްހާ މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައި ވަނީ ޓެރަހަކާއެކު ހަތް ބުރިއަށެވެ. މިހާރު އެ މިސްކިތުގެ ޖާގަ ވަނީ ގާތްގަނޑަކަށް 2000 އަށް އިތުރުވެފައެވެ. މިސްކިތުގެ އެއް ފްލޯ އަކީ އަންހެނުންނަށް ހާއްސަ ފްލޯއެކެވެ. އެއް ފްލޯއިން އަނެއް ފްލޯއަށް ދިޔުމަށް ލިފްޓުވެސް ބަަހައްޓާފައި ހުރެއެވެ.

މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) މިހާރު ހުންނަ ގޮތް: އެ މިސްކިތް އިމާރާތް ކުރީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހަރަދުގައި -- ފޮޓޯ/ އެޗްއާރުސީ
މީގެ އިތުރުން އެތަނުގައި ބޭސްމަންޓެއް ހުންނަ އިރު ހުރިހާ ފްލޯއެއްގައި ހުންނަނީ އެއާކޮންޑިޝަން ކޮށްފައެވެ. އަދި އެތެރެއާ ބޭރުން ސީސީޓީވީވެސް ހަރުކޮށްފައި ހުރެއެވެ. މިސްކިތުގެ އިންޓީރިއާ ހަދާފައިވަނީ މާބަލް ޖަހައި، އަދި ކާޕެޓުވެސް އަޅައިގެންނެވެ.
ކޮވިޑް-19އާ ގުޅިގެން މިހާރު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އެހެންކަމުން، މާވެޔޮ މިސްކިތް ހުޅުވިގެންދާނީ މާލޭ ސަރަހައްދުގެ ލޮކްޑައުން ނިމުމުންނެވެ.