މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބަދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އުވާލުމަށް ފަހު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ"ގެ ނަމަށް ރައީސް ސޯލިހު މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.
މި ބަދަލު ގެނައި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ ވަނީ ސިއްހީ ސަބަބުތަކަށްޓަކައި އިއްޔެގެ ވަގުތެއްގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ދެމުން ދާނީ ޕްލޭނިން މިނިސްޓްރީއިން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ކަންތައް ހިންގާފައިވަނީ އެއް މިނިސްޓްރީއެއްގެ ދަށުންނެވެ. މި ސަރުކާރުން ޕްލޭނިން އަދި އިންފްރާސްޓްރަކްޗާގެ ކަންތަކަށް ވަކި މިނިސްޓްރީއެއް އަދި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓަށް ވަކި މިނިސްޓްރީ އެއް އުފެއްދިއެވެ.
ދެ މިނިސްޓްރީގެ މަސައްކަތުގައި ފުށުއެރުންތަކެއް ހުރިކަމަށްބުނެ މީގެ ކުރިންވެސް ވަނީ ދެ މިނިސްޓްރ އެއްކޮށްލަން ޖެހޭ ކަމަށް ބުނެ ވާހަހަ ދެކެވިފައެވެ. މީގެ ކުރިން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުގައިވެސް ހައުސިިން މިނިސްޓަރެއްގެ ގޮތުގައު ހުންނެވީ އަސްލަމް އެވެ.