ރާއްޖެ އަލުން އަލިވިލޭނީ އަލިގަދަ އިރަކަށް: ސެލްޓާ ވީގޯ

ސްޕެއިނުގެ ސެލްޓާ ވީގޯގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު ސެލަބްރޭޓް ކުރަނީ ---

ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާތީ ރާއްޖެ އިސްތިހާރު ކުރުމަށް ސްޕެއިނުގެ ސެލްޓާ ވިގޯގެ އެންމެ މަގުބޫލު ކުޅުންތެރިންނާ އެކު ރާއްޖެއަށް "އަލުން އަވިގަދަ އިރެއް އަރާނެ" ކަން މުޅި ދުނިޔެއަށް ދައްކާލައިފި އެވެ.

"މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން މިދިޔަ ހޯމަ ދުވަހުގެ ރޭ ޓުއަރިޒަމް މިނިސްޓްރީން ފޭސްބުކް ލައިވްކޮށް ކުރިއަށް ގެންދިޔަ ހަރަކާތައް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.

މި އިވެންޓުގައި ބޭރުގެ އިންފްލުއެންސަރުންނާއި މީގެ ކުރިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިން ރާއްޖޭގެ ރީތިކަމާއި މެހެމާންދާރީއާ ބެހޭ ގޮތުން ދިން ވީޑިއޯ މެސެޖުތަކެއް ދައްކާލައިފައިވެ އެވެ. މި ކެމްޕޭން އެކި ގޮތްގޮތުން، 1.2 މިލިއަނެއްހާ މީހުންނާ ހިސާބަށް ފޯރުކޮށްދެވިފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)އިން ބުނެފި އެވެ.

އަދި މި އިވެންޓުގައި ޓޫރިޒަމް ދާއިރާގެ 200 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުންނަށް އެކި މެސެޖްތައް ދީފަ އެވެ.

މީގެ އިތުރުން ސްޕެއިންގެ ފުޓުބޯޅަ ކްލަބް ސެލްޓަވީގޯގެ ކުޅުންތެރިންނާއި، ޗައިނާގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޖިއަން ޖިއާލިއަން، އަދި ޖަރުމަނުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޓީމޯ ބޯލްވެސް ވަނީ އެ މީހުން ރާއްޖޭގައި ކުރި ތަޖުރިބާ ހިއްސާކޮށްފަ އެވެ.

އަދި ސެލްޓާ ވީގޯއިން ވަނީ އެ ކުލަބުގެ އެންމެ މަގްބޫލު ކުޅުންތެރިން ބޭނުންކޮށްގެން ރާއްޖޭއަށް އަނެއްކާ ވެސް އަވިގަދަ އިރަކަށް އަލިވިލޭނެ ކަމަށް ބުނެ މެސެޖުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އެ ޓީމުގެ އެންމެ އަލިގަދަ ތަރި އިއާގޯ އަސްޕަސްއާއި، ބާސެލޯނާއިން ލޯނު އެއްބަސްވުމުގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ރަފީނާ އަލަކަންޓްރާއާއި، ޑެނިސް ސުއަރޭޒްގެ އިތުރުން ފިޔޮޑޯރ ސްމޮލޮވް ވެސް ވަނީ ވީޑިއޯ މެދުވެރިކޮށް މެސެޖެއް ދީފަ އެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ގިނަ ދުވަސްތަކުގެ މެދުކެނޑުމަކަށް ފަހު ސްޕެނިޝް ލީގު ވެސް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ސެލްޓާ ވީގޯއިން ވެސް އަންނަނީ ފުލް ގިޔަރުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ލީގު މިދިޔަ މާޗު މަހު މެދުކަނޑާލި އިރު އެ ޓީމު އޮތީ ރެލިގޭޝަނުން އެއް ޕޮއިންޓް ކުރީގައި 26 ޕޮއިންޓާ އެކު އެވެ. އެހެން ކަމުން ލީގު އަލުން ފަށާއިރު އެ ޓީމަށް ކުރިއަށް ހުރީ މުހިއްމު މެޗުތަކެކެވެ.

comment ކޮމެންޓް