އާޖެންޓީނާގެ ޔުވެންޓަސް ތަރި ޕައޮލޯ ޑިބާލާ ސްޕެއިނުގެ ބާސެލޯނާއަށް ކުޅުމަށް ޝައުގުވެރިވާ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޝިކާރައަކަށްވެ، ގިނަ ދުވަސްތަކެއް ވަންދެން ކަރަންޓީނުގައި ހުރުމަށް ފަހު ޔުވެންޓަސްގެ ޓީމް ޓްރެއިނިންގައި ޑިބާލާ ވަނީ ބައިވެރިވާން ފަށައިފަ އެވެ. ޑިބާލާ އާ ދާދި އެއްކޮށް ކަހަލަ ގޮތަކަށް، ކޮވިޑް ޖެހުނު ޔުވެންޓަސްގެ ޑިފެންޑަރު، ޑެނިއަލް ރުގާނީ އާއި މިޑްފީލްޑަރު ބްލޭސް މަޓްއީޑީ ވެސް ވަނީ ކޮވިޑް-19 ޖެހި ރަނގަޅުވެފަ އެވެ.
ޑިބާލާ، 26 މިހާރު ޔުވެންޓަސްއާ އެކު ފަރިތަކުރުންތަކުގައި ފުރިހަމައަށް ބައިވެރިވާން ފަށާފައިވާ އިރު 2022ގެ ނިޔަލަށް އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ދިގު ދަންމާލުމަށް ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އެކަމަކު އޭނަގެ ގައުމުގެ ޓީމް މޭޓް މެސީއާ އެކު ބާސެލޯނާގައި ކުޅެލަން ބޭނުންވާ ކަމުގެ އިޝާރާތެއް ޑިބާލާގެ އެންމެ ފަހުގެ އިންޓަވިއުގައި ވަނީ ބުނެފަ އެވެ.
އޭނާ ބުނީ، ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށެވެ. އަދި މެސީ އެ ޓީމުގައި ހުރުމުން ޓީމުގެ ހައިބަތު އިތުރަށް ބޮޑުވެފައިވާ ކަމަށް ޑިބާލާ ވަނީ ބުނެފަ އެވެ.
"ބާސެލޯނާއަށް ކުޅެލުމަކީ ވަރަށް ސަޅި ކަމަކަށް ވާނެ. އެކަމަކު ޔުވެންޓަސް އަކީ ވެސް ހަމަ އެފަދަ ބޮޑު ކުލަބެއް. ބުފޮން އަދި ރޮނާލްޑޯ ޓީމުގައި ހިމެނޭތީ ކުލަބުގެ ހައިބަތު ވަރަށް ބޮޑު. ސްކޮޑުގައި ހުރި ކޮލިޓީއަށް ބަލައި، އެންމެ މަތީ ފަންތީގައި ވާދަކޮށްލެވޭނެ ދެ ޓީމު ޔުވެންޓަސްއިން ނެގޭނެ." ޑިބާލާ ބުންޏެވެ.
ބާސެލޯނާއަށް ދިއުމުގެ ޝައުގުވެރިކަން ހުރިކަން ޑިބާލާ ހާމަކުރި ނަމަވެސް އޭނާ މިވަގުތު އިންތިޒާރު ކުރަމުންދަނީ ޔުވެންޓަސްގެ އައު ކޮންޓްރެކްޓަކަށެވެ.
"މިވަގުތު ކޮންޓްރެކްޓުގެ ވާހަކައަށް ނުދައްކަން. ކޮރޯނާ ވައިރަހުގެ ސަބަބުން ކުލަބަށް މާލީ ގޮތުން ލިބިފައިވާ ގެއްލުން ތަސައްވަރު ކުރަން ވެސް އުނދަގޫ. އަދި ބާކީ ދޮޅު އަހަރު އެބައޮތް. ޔުވެންޓަސްއިން ގޮތެއް އަވަހަށް ނިންމާނެ ކަމަށް އުންމީދު ކުރަން."
ޑިބާލާ ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން އިޓާލިއަން ލީގު މެދު ކަނޑާލުމުގެ ކުރިން 34 މެޗު ކުޅެ 13 ގޯލު ޖަހައިފަ އެވެ.