"ފުރަތަމަ ޑިވިޝަންގެ ކުލަބުތައް ހަރުދަނާ ކުރެވިއްޖެ"

އެފްއޭއެމްގެ ރައީސް ބައްސާމް ފުުރަތަމަ ޑިވިޝަން ކުލަބުތަކުގެ މެނޭޖްމެންޓާ އެކު ---

އެފްއޭއެމްގެ ރައީސް ކަމުގައި މި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބުތަކެއް ވެސް ބޮޑުތަނުން ހަރުދަނާ ކުރެވިއްޖެ ކަމަށް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް އިން ގެނެސްދެމުން އައި "ލެޓްސް ޓޯކް ފުޓްބޯލް"ގެ ވަދާއީ ޝޯގައި ވާހަކަ ދައްކަމުން އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުލަބުތަކުގެ މެނޭޖްމެންޓާއި، އެފްއޭގެ ހިންގުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އަދި އެކަން ހާސިލް ކުރުމަށް ކުލަބުތަކާއި، އެފްއޭއަށް ބޮޑެތި ބަދަލުތަކެއް ވެސް އެ މުއްދަތުގައި ގެނެވިފައިވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އާ ވާދަކޮށް އެފްއޭއެމްގެ ރައީސްގެ މަގާމަަށް އަދީލް ޖަލީލް އިންތިހާބުވެ ވަޑައިގަތީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެއަށް ފަހު ބައްސާމްގެ ބެލުމުގެ ދަށުގައި ރާއްޖޭގެ ފުޓުބޯޅަ ގިނަ ގޮތްގޮތަކުން ކުރި ހޯދި އިރު ގިނަބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.

އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ސަސްޕެންޑް ކުރުމުންނެވެ. އެ ދެ ކުލަބު ވެސް ސަސްޕެންޑް ކޮށްފައި ވަނީ އެ ދެކުލަބުން ބައްސާމްގެ ތާއީދު ނެތްކަމަށް ބުނެ އޭނާ ބޭރު ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެހެން ނަމަވެސް އެ ފިޔަވަޅަކީ އެހެން ކުލަބުތަކަށް މިސާލު ލިބި، ހަރުދަނާވާން ލިބުނު ފުރުސަތެއްކަމަށް ބައްސާމް ވަނީ މީގެ ކުރިން ފާހަގަ ކޮށްފަ އެވެ.

"އަޅުގަނޑު ދަންނަވާނީ މިހާރު ހަމަގައިމު ވެސް ފަސްޓް ޑިވިޝަނުގެ ހުރިހާ ކުލަބަކީ ވެސް ވަރަށް ހަރުދަނާކޮށް މަސައްކަތް ކުރަމުންދާ މެނޭޖްމަންޓްތަކެއް. އޭގައި ތަފާތުތަކެއް އަދި ވެސް ހަމަ އެބަހުރި. އެހެންނަމަވެސް ކުރިއަށް އޮތްތާ އެ ތަފާތުތައް ކުޑަކޮށް އެއްވަރު ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭ،" ބައްސާމް ރޭގެ ޝޯގައި ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، ދިވެހި ކްލަބުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މާލީ ހީނަރުކަން ކަމަށާއި އެކަން ހައްލުކޮށް މާލީ ގޮތުން ކްލަބުތައް ބާރުވެރި ކުރުމުގެ ގޮތުން ކްލަބުތަކަށް ވިޔަފާރީގެ ތެރެއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް މަގުފަހި ކުރެއްވޭތޯ އެފްއޭއެމް އިން މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކޮންމެ ފަރާތެއްގެ ވެސް އެންމެ މުހިއްމު ކަމަކަށް މިވަނީ ފައިސާ ހޯދުން، ނުވަތަ ދިރިއުޅުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ޓަކައި އާއްމުދަނީއެއް ހޯދުން. މިވަގުތު އަޅުގަނޑު ދަންނަވާނީ ގިނަ މެނޭޖްމެންޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަކީ އެބޭފުޅުންގެ ހަމަ ޕެޝަންއަށް، ފުޓުބޯޅައަށް އޮންނަ ލޯބީގެ ބޮޑުކަމުން ކުރަމުންދާ މަސައްކަތްތަކެއް. އެހެން ނަމަވެސް ފައިސާ ހޯދަން ޖެހޭތީ ހަމަ އެބޭފުޅުންނަށް އެންމެ އެކަށީގެންވާ ވަގުތު ފުޓުބޯޅައަށް ނުދެވިދާނެ."

ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އެފްއޭއެމް އިން ދުރު ރާސްތާ ޕްލޭން އެއްގެ ދަށުން ކުރަމުން އަންނަ މަސަތްކަތްތަކަކީ ފެށުމެއް ކަމަށާއި މީގެ ފައިދާ ފެންނާނީ ގާތްގަނޑަކަށް ތިން ހަތަރު އަހަރު ފަހުން ކަމަށް ބައްސާމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

"ވިޔަފާރި އުސޫލުން ކްލަބްތައް ހިނގަމުންދާނަމަ މެނޭޖްމަންޓުގައި މަސަތްކަތް ކުރާނެ ވަރަށް ގިނަ ފަރާތްތައް ލިބިގެންދާނެ. މިހާރު މެނޭޖްމަންޓްގައި މަސަތްކަތް ކުރާ ގިނަ ބޭފުޅުންނަކީ ފުޓްބޯޅަ އަށް އޮންނަ ލޯތްބެއްގެ ސަބަބުން އެކަން ކުރައްވާ ބައެއް. އެހެންކަމުން ވިޔަފާރި މޮޑެލް އަކަށް ކްލަބްތައް ބަދަލުކޮށްފި ނަމަ މެނޭޖްމަންޓްގައި އުޅުއްވާ ބޭފުޅުންނަށް ވެސް މުސާރަ ލިބޭނެ. އެއާއެކު އެ ބޭފުޅުން ފުޓްބޯޅަ އަށް އެ ދެއްވާ ވަގުތު ގިނަވެ މިހާރަށް ވުރެ ވެސް ފުރިހަމައަށް ކްލަބްތައް މެނޭޖް ކުރުމުގެ މަގުފަހިވެގެންދާނެ."

comment ކޮމެންޓް