ދުވަސްވީ މީހުންނަށް އީދެއް، އުފަލުގެ ކޮޅެއް ނެތް!

މާލޭ ސިޓީގެ ފުރަބަންދަށް ގެނައި ލުޔާއެކު ދުވަސްވީ މީހުންނަށް ހެނދުނު ކަސްރަތު ކުރަން ނުކުތުމުގެ ހުއްދަ ލިބުމާއެކު ގިނަ އަދަދަކަށް މީހުން ނިކުމެ ---- ސަން ފޮޓޯ : ފަޔާޒް މޫޒާ

ވެރިރަށް މާލެއިން ކޮމިއުނިޓީ ސްޕްރެޑެއް ފެނި ސިޓީ އެއްކޮށް ފުރަބަންދަކަށް ގެނައުމާއެކު ހުރިހާ އެންމެން ގޭ ބަންދުވި އެވެ. އެއާއެކު އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއް ބަޔަކީ ދުވަސްވީ މީހުންނެވެ. ނަމަވެސް ކޮވިޑް-19ގެ ކޭސްތައް މަދުވުމާ ގުޅިގެން ފުރަބަންދަށް ދިން ކުޑަކުޑަ ލުޔާއެކު ދުވަސްވީ މީހުންނަށް ވަނީ ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބިފަ އެވެ. ބޭރަށް ނިކުމެލާ ސާފު ވައި ޖައްސާލައި ކަސްރަތުކޮށްލާ ފަތިހު ފިންޏަށް ހިނގާލުމުގެ ފުރުސަތު އެ މީހުންނަށް ވަނީ ދޭން ފަށައިފަ އެވެ. އެ ފުރުސަތާއެކު ދުވަސްވީ މީހުންނަށް އީދެއް އައި ކަހަލަ އެވެ.

މާލޭ ސަރަހައްދުގެ ފުރަބްނަދަށް ދޭން ފެށި ލުއިތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމަށް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބޭރަށް ނުކުތުމުގެ ހުއްދަ އަންނަނީ ދޫކުރަމުންނެވެ.

އެއާއެކު މާލޭގެ "ކޮތަރު ކޮށި" ތަކުގައި ތާށިވެ ފިކުރު ބޮޑުވެފައި ތިބި އެތައް ބަޔަކަށް ކުޑަ ނަމަވެސް ހިތް ހަމަޖެހިލުމެއް ލިބިއްޖެ އެވެ. ގޭގައި ތިބެން ޖެހުމުގެ ހާސްކަމަށް ފިނި ކަމެއް ލިބި، ކަސްރަތު ކޮށްލުމުގެ ނަސީބު އެ މީހުންނަށް ލިބިއްޖެ އެވެ. ކުރިން ފަތިސް ނަމާދުކޮށްލައިގެން މާލެ ތެރޭ ހިނގާލާފައި ގެއަށް އައުމަށް އާދަވެފައި ތިބި އެތައް ކާފައިންއަކަށް އަލުން އެ ދުވަސްތައް ލިބުނު ކަހަލަ އެވެ.

މާލޭ ސިޓީގެ ފުރަބަންދަށް ގެނައި ލުޔާއެކު ދުވަސްވީ މީހުންނަށް ހެނދުނު ކަސްރަތު ކުރަން ނުކުތުމުގެ ހުއްދަ ލިބުމާއެކު ގިނަ އަދަދަކަށް މީހުން ނިކުމެފައިވޭ ---- ސަން ފޮޓޯ : ފަޔާޒް މޫސާ

"ސަން"އާ ވާހަކަ ދައްކަމުން ދ. ރިނބުދޫއަށް އުފަން، އުމުރުން 53 އަހަރުގެ މުހައްމަދު ރަޝީދު ބުނީ، އޭނާ މާލެ އައިސްފައިވަނީ ވިޔަފާރީގެ ކުޑަ މަސައްކަތެއް ކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް މާލެ އައުމާއެކު ފުރަބަންދު އިއުލާނުކުރުމުން ރަޝީދު މާލޭގައި ތާށިވީ އެވެ.

"ފުރަބަންދު އިއުލާނުކުރި އިރު ފިހާރައެއްގައި މަސައްކަތެއް ކުރަން ހުރީ. އެތަނުގައި އެތައް ދުވަހެއް ވަންދެން ތާށިވެފައި ހުރެފައި އަދި ކިރިޔާ ނިކުމެލެވޭ ވަރު މިވީ،" ރަޝީދު ބުންޏެވެ.

މާލޭ ސިޓީގެ ފުރަބަންދަށް ގެނައި ލުޔާއެކު ދުވަސްވީ މީހުންނަށް ހެނދުނު ކަސްރަތު ކުރަން ނުކުތުމުގެ ހުއްދަ ލިބުމާއެކު ގިނަ އަދަދަކަށް މީހުން ނިކުމެފައިވޭ ---- ސަން ފޮޓޯ : ފަޔާޒް މޫސާ

އޭނާ ބުނީ ފުރަބަންދަށް ލުއި ލިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން އޭނާ ބުނިގޮތުގައި މިހާރު ލިބިފައިވާ ލުޔާއެކު ކޮންމެ ދުވަހެއްގެ ހެނދުނުގެ ވަގުތު ކަސްރަތުކޮށްލުމަށް ބޭރަށް ނިކުމެވޭތީ ވަރަށް ހިތް ހަމަޖެހެ އެވެ.

ރަޝީދުގެ އިތުރުން ފުރަބަންދުގެ ލުޔާ އެކު ފަތިހު ފަތިހާ މާލޭގެ މަގުތަކަށް ނިކުންނަ ދުވަސްވީ އެހެން މީހުންގެ ހިޔާލުތައްވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ.

މާލޭ ސިޓީގެ ފުރަބަންދަށް ގެނައި ލުޔާއެކު ދުވަސްވީ މީހުންނަށް ހެނދުނު ކަސްރަތު ކުރަން ނުކުތުމުގެ ހުއްދަ ލިބުމާއެކު ގިނަ އަދަދަކަށް މީހުން ނިކުމެފައިވޭ ---- ސަން ފޮޓޯ : ފަޔާޒް މޫސާ

ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭތާ 30 އަހަރުވެފައިވާ ދެމަފިރިން ކަމަށްވާ ޝަމީމާ އިބްރާހީމް އާއި ޝަރީފް އަލީ އަކީ މީގެ ކުރިން ހެނދުނު ހެނދުނާ ކަސްރަތަށް ބޭރަށް ނިކުމެ އުޅޭ ދެމަފިރިންނެވެ. އެހެން ނަމަވެސް ފުރަބަންދާ އެކު އެކަމަށް ނިމުމެއް އައިސް އެ މީހުންގެ ހަޔާތުގެ އެ އާދައަށް ހުއްޓުން އައީ އެވެ. ނަމަވެސް އެޗްޕީއޭއިން ދޭން ފެށި ލުޔާ އެކު، އެ ދެމަފިރިން ކޮންމެ ދުވަހަކު ހެނދުނު މާލެ ތެރެއަށް ނިކުމެލާ ކަސްރަތަށް މާލެ ވަށައި ހިނގާލަ އެވެ.

"މާލޭގައި ކުޑަ ތަންކޮޅެއްގެ ތެރޭގައި މިއުޅެނީ. އެހެންވީމަ އެއްވެސް ކަހަލަ ކަސްރަތެއް ނުވަތަ އެނޫންވެސް ކަމެއް ނުވެއް ކުރެވޭ،" ޝަމީމާ ބުންޏެވެ.

މާލޭ ސިޓީގެ ފުރަބަންދަށް ގެނައި ލުޔާއެކު ދުވަސްވީ މީހުންނަށް ހެނދުނު ކަސްރަތު ކުރަން ނުކުތުމުގެ ހުއްދަ ލިބުމާއެކު ގިނަ އަދަދަކަށް މީހުން ނިކުމެފައިވޭ ---- ސަން ފޮޓޯ : ފަޔާޒް މޫސާ

ޝަމީމާ އިތުރަށް ބުނީ ފުރަބަންދުގެ ދުވަސްތަކުގައި އެއްވެސް ވަރަކަށް ކަސްރަތު ނުކުރެވި އެ ބުރަކަން އިހުސާސްވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ކޮންމެ ދުވަހެއްގެ ފަތިހު ފަހެއް ޖަހާއިރު ދެމަފިރިން އެކީގައި ކަސްރަތުކޮށް ހިނގާލަން ދާ ކަމަށް އޭނާ ބުންޏެވެ.

ޝަމީމާ އިތުރަށް ބުނީ، މިހާރު އެންމެ ބޮޑަށް އުއްމީދުކުރަނީ ފުރަބަންދަށް މިހާރަށް ވުރެ ބޮޑު ލުޔެއް ލިބޭނެ ދުވަހަކަށް ކަމަށެވެ.

މާލޭ ސިޓީގެ ފުރަބަންދަށް ގެނައި ލުޔާއެކު ދުވަސްވީ މީހުންނަށް ހެނދުނު ކަސްރަތު ކުރަން ނުކުތުމުގެ ހުއްދަ ލިބުމާއެކު ގިނަ އަދަދަކަށް މީހުން ނިކުމެފައިވޭ ---- ސަން ފޮޓޯ : ފަޔާޒް މޫސާ

މިއަދު ހެނުނު މުޅީން އަލަށް ކަސްރަތު ކުރަން ނިކުތް ދުވަސްވީ ފަރާތެއް ކަމަށްވާ، އައިމިނަތު އަލީ ބުނިގޮތުގައި ގެއިން ބޭރަށް ނިކުމެވުމާއެކުވެސް ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ދިޔަ ކަމަށެވެ.

"މި ހުރިހާ ދުވަހު ގޭގައި މަޑުކުރަން ޖެހުނީމަ އަސްލު ވަރަށް އުނދަގޫވި. އެއްވެސް ވަރަކަށް އަނެއްހެން ކަސްރަތެއް ނުކުރެވޭ. ދެން މިއަދު ފައިގައި ރިއްސާތީ މި އައީ ކުޑަކޮށް ކަސްރަތުކޮށް ހިނގާލަން،" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ފުރަބަންދަށް ލުއި ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މި ވަގުތަކީ ކަސްރަތުކުރުމަށް ވަރަށް ރަނގަޅު ވަގުތެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

ދުވަސްވީ މީހުން ގޮވައިގެން އެ މީހުންގެ ދަރިން ފަތިހު ފަތިހާ ބޭރަށް ނިކުމެ އުޅޭ އުފާވެރި މަންޒަރު ވެސް ފުރަބަންދުގެ ލުޔާ އެކު ފެނިއްޖެ އެވެ. ދަރިން އެ މީހުންގެ މުސްކުޅި މައިންބަފައިން ގޮވައިގެން ބޭރަށް ނިކުމެ ހިނގާލާ އެ މީހުން އުފާކޮށްދޭ މަންޒަރަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރަކެވެ. އެކަމަކު ފަތިހުގެ ވަގުތު މާލޭގެ މަގުމަތިން އެ މަންޒަރު ވެސް މިހާރު ފެންނަން ފަށައިފި އެވެ.

މާލޭ ސިޓީގެ ފުރަބަންދަށް ގެނައި ލުޔާއެކު ދުވަސްވީ މީހުންނަށް ހެނދުނު ކަސްރަތު ކުރަން ނުކުތުމުގެ ހުއްދަ ލިބުމާއެކު ގިނަ އަދަދަކަށް މީހުން ނިކުމެފައިވޭ ---- ސަން ފޮޓޯ : ފަޔާޒް މޫސާ

ކޮންމެއަކަސް މި ފުރަބަންދަށް ގެނައި ލުޔާއެކު ދުވަސްވީ މީހުންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ލުއި ކަމެއް ވަނީ ލިބިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ލުއި ތަކެއް ލިބޭނެ ކަމުގެ އުއްމީދުގައި ދުވަސްވީ މީހުން ތިބީ ނިއު ނޯމަލް އަށްވެސް ތައްޔާރަށެވެ.

"އަޅުގަނޑަށް އިނގޭ އަލަށް ދެން ލުއި ލިބުނަސް ކުރިއެކޭ އެއްގޮތަކަށް ކަންތައް ނުވާނެ ކަން. އެހެންވި ނަމަވެސް ކޮންމެ ލުޔަކީވެސް ބޮޑު ކާމިޔާބީއެއް،" ހެނދުނު އާންމުކޮށް ކަސްރަތު ކުރުމަށް ނިކުމެ އުޅޭ އަންހެނެއް ކަމަށްވާ ނަޝީދާ އަބްދުލް ގާދިރު ބުންޏެވެ.

ގޭގައި ބަންދުވެ ތިބި ދުވަސްވީ މީހުންނަށް ލިބުނު ކުޑަކުޑަ މިނިވަންކަމަކީ، އެ މީހުންނަށް ބޮޑު އުފަލެކެވެ. އެ މީހުންނަށް އީދެއް އައިސްފައިވާ ކަހަލަ އެވެ. މިއީ އެ މީހުންގެ ސިއްހީ، ނަފްސާނީ ދުޅަހެޔޮ ކަމަށް ލިބުނު ދުލެކެވެ. މި ލުއި ލިބެން އެންމެން ވެސް ތިބީ އެދިއެދި އެވެ.

comment ކޮމެންޓް