އެލައިޑްގެ އައްޑޫ އޮފީހުގެ ހިދުމަތްތައް އަލުން ފަށައިފި

އެލައިޑް އިންޝުއަރެންސްގެ އައްޑޫ އޮފީސް-- ފޮޓޯ/އެލައިޑް

އެލައިޑް އިންޝުއަރެންސްގެ އައްޑޫ އޮފީސް އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

އެލައިޑް އިން ބުނީ އެކުންފުނީގެ އައްޑޫ އޮފީސް ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރުފަހު 2:00އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ކޮވިޑް19ގެ ލޮކްޑައުންއާ ގުޅިގެން އެލައިޑްގެ އޮފީސްތައް ބަންދުކުރި ނަމަވެސް އެކުންފުނިން ދެމުން އައި ހިދުމަތްތައް އެއްވެސް ހުއްޓުމެއް ނެތި އޮންލައިންކޮށް ކަސްޓަމަރުންނަށް ވަނީ ފޯރުކޮށްދީފަ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ލޮކްޑައުންއަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ސަރުކާރުން ގެނައުމާއެކު ބައެއް ކުންފުނިތަކުގެ އޮފީސްތައް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވާފަ އެވެ.

އެލައިޑްއިން ބުނީ އައްޑޫ އޮފީސް ހުޅުވުމާ އެކު ކުރިން ދެމުން އައި ހުރިހާ ހިދުމަތެއް ވެސް ލިބޭނެ ކަމަށެވެ. އަދި ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުން މާސްކު އެޅުމަށާއި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ވެސް އެކުންފުނިން އިލްތިމާސްކުރެ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެލައިޑްގެ އޮފީސްތަކުން އެޗްޕީއޭގެ ރައްކާތެރިކަމުގެ ގަވާއިދުތައް ތަންފީޒު ކުރަމުންދާނެ ކަމަށާއި މުވައްޒަފުން ވެސް މާސްކު އަޅައި އަދި އޮފީހުގައި ސެނިޓައިޒް ކުރެވޭނެ ގޮތް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް