ޕީސީއާރު މެޝިނަކާއެކު ޔޫއޭއީ އިން 77 މިލިއަން ރުފިޔާގެ އެހީ

ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީ އިން ރާއްޖެއަށް 77.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މީގެ ތެރޭގައި ކޮވިޑް ޓެސްޓް ހެދުމަށް ބޭނުން ކުރާ، ރިއަލް ޓައިމް ޕީސީއާރް ސިސްޓަމާއި ޕީސީއާރް އެކްސްޓްރެކްޝަން މެޝިނުގެ އިތުރުން 30،000 ކޮވިޑް ޓެސްޓަށް ހެދޭ ޕީސީއާރް ކިޓް، ޕީޕީއީ (ޑިސްޕޯސަބަލް ކަވަރޯލްސް، ޝޫ ކަވާ، ފޭސް މާސްކް، ފޭސް ޝީލްޑް، މާސްކް އަދި އަންގި ހިމެނޭ ގޮތަށް) އަދި ހޭންޑް ސެނިޓައިޒާ ހިމެނޭ ކަމަށެވެ.

މި ޕީސީއާރު މެޝިނުން ގަޑިއަކު 96 ޓެސްޓް ހެދޭނެ ކަމަށާއި މިއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ސްޕީޑް އަވަސްވެ، ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫއޭއީ އިން ފޯރުކޮށްދިން މި އެހީގެ ތަކެތީގެ ބަރުދަނުގައި 70 ޓަނު ހުރިއިރު، މިތަކެތި މިއަދު ރާއްޖެ ގެނެސްފައިވަނީ މިކަމަށް ހާއްސަކޮށް އެ ގައުމުން ފޮނުވި މަތިންދާބޯޓެއްގަ އެވެ.

ޔޫއޭއީ އިން މިއަދު ރާއްޖެއަށް ހަދިޔާކުރި އެހީގެ ތަކެތީގެ ތަފްސީލް:
- 100،000 ސެނިޓައިޒަރ ފުޅި
- 225،000 ކޭ.އެން 95 މާސްކް
- 2،500،000 ސަރޖިކަލް މާސްކް
- 5000 އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)
- 75،000 ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވަރ އާއެކު)
- 10،000 ފޭސް ޝީލްޑް
- ޕީ.ސީ.އާރް އެކްސްޓްރެކްޝަން މެޝިން
- 30،000 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް
- 2 ރިއަލް ޓައިމް ޕީސީއާރް ސިސްޓަމް

މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ޔޫއޭއީގެ ގެ ފޮރިން މިނިސްޓަރު ޝައިހް އަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތު ޔޫއޭއީ ސަރުކާރަށް އެދުވަހު މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ޔޫއޭއީގެ ވެރިންނާއި، ސަރުކާރާއި އަހުވަންތަ ރައްޔިތުންނަށް މިއަދު ފޮނުއްވި އެހީއަށްޓަކައި ޝުކުރެއް އަދާކުރައްވާފައެވެ.

ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޤާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެއެވެ.

އަދި މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، "ނިއު ނޯމަލް" އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީ އިން މިއަދު ބުންޏެވެ.

އެ މިނިސްޓްރީ އިން ބުނީ ދިވެހި ރައްޔިތުންނަށް ބޭނުމެއް ޖެހޭ ކޮންމެ ހިނދެއްގައި ރާއްޖެއަށް އެހީތެރިވުމަށް ޔޫއޭއީ ސަރުކާރުން ދެމުންދާ ހާއްސަ އަހައްމިއްޔަތުކަމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ.

ޔޫއޭއީގެ ސަރުކާރުން އަންނަނީ 1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އެޤައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ މާޗް މަހުގެ ނުވަ ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫއޭއީ އިން ވަނީ ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2018 ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖެއާ ޔޫއޭއީ އާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަނުން އިތުރަށް ހަރުދަނާވެފައެވެ. މިހާތަނަށް އެމަނިކުފާނު ޔޫއޭއީއަށް ދެ ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވާފައިވެއެވެ.

އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޔޫއޭއީއަށްވެސް ވަޑައިގެންފައިވެއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާފައިވެއެވެ.

comment ކޮމެންޓް