ވީޑިއޯކޮށް ޝަރީއަތް ހިންގައި ވަރީގެ މައްސަލަތަކެއް ނިންމައިފި

ފެމެލީ ކޯޓު

ވީޑިއޯކޮށް ޝަރީއަތް ކުރިއަށް ގެންގޮސް ވަރީގެ މައްސަލަތަކެއް ފެމިލީ ކޯޓުން ނިންމައިފި އެވެ.

ވީޑިއޯކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ފެމިލީ ކޯޓުން ފަށާފައި ވަނީ ކޮވިޑް ރޯގާ ފެތުރި މާލެ ލޮކްޑައުން ކުރުމާ ގުޅިގެންނެވެ. ފެމިލީ ކޯޓުން ބުނީ ވަރިއާ ގުޅޭ މައްސަލަތަކެއް ވީޑިއޯ ޝަރީއަތް މެދުވެރިކޮށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވަރިވުމަށް އެދި ހުށަހެޅި އެއް މައްސަލައާއި، ވަރި ސާބިތު ކުރުމަށް އެދި ހުށަހެޅި މައްސަލަތަކެއް ވެސް އެކޯޓުން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ހާލަތު އައިފަހުން ފެމިލީ ކޯޓުގައި ވަރީގެ 19 މައްސަލައެއް ރެޖިސްޓްރީކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ގެވެށިއަނިޔާއިން ރައްކާތެރިވުމުގެ އަވަސް އަމުރަކަށް އެދި ހުށަހެޅި މައްސަލައެއްވެސް ހިމެނެ އެވެ.

ރެޖިސްޓްރީ ކުރި މައްސަލަތައް

  • ގެވެށިއަނިޔާއިން ރައްކާތެރިވުމުގެ އަވަސް އަމުރަކަށް އެދި ހުށަހެޅި އެއް މައްސަލަ
  • ވަރި ސާބިތު ކުރުމަށް އެދި ހުށަހެޅި އަށް މައްސަލަ
  • ވަރިވުމަށް އެދި ހުށަހެޅި ހަ މައްސަލަ
  • ވަރިކުރުމަށް އެދި ހުށަހެޅި އެއް މައްސަލަ
  • އެހެނިހެން ބާވަތްތަކުގެ ތިން މައްސަލަ

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަވަސް އަމުރަކަށް އެދި ހުށަހެޅި މައްސަލާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބާއްވާ ފެމިލީ ކޯޓުން ވަނީ އަމުރު ނެރެދީފަ އެވެ.

ކޮވިޑްގެ ހާލަތުގައި ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުންވެސް ފެމިލީ ކޯޓުން ކުރިއަށް ގެންދެ އެވެ. އެގޮތުން އިއްޔެއާއި ހަމައަށް 42 ކައިވެންޏެއް ވީޑިއޯ ކޮންފަރެންސް ކޮށް ކޮށްދީފައިވާއިރު މިއަދު އިތުރު 10 ކައިވެންޏެއް ވަނީ ކޮށްދީފަ އެވެ. އެއާއެކު ވީޑިއޯކޮށް ކޮށްދިން ކައިވެނީގެ ޖުމްލަ އަދަދު ވަނީ 52 އަކަށް އަރާފަ އެވެ.

comment ކޮމެންޓް