މިނިމަމް ވޭޖަށް 4000 އާއި 8500 ރުފިޔާއާ ދެމެދުގެ އަދަދުތަކެއް

މެމްބަރު އިލްޔާސް ލަބީބް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ކެޓަގަރީއެއްގެ ވިޔަފާރިތަކަށް އެންމެ ދަށް އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށާއި އަދި އެ ކެޓަގަރީތަކަށް އުޖޫރައިގެ ގޮތުގައި ދެވިދާނެ ތަފާތު އަދަދުތައް މިއަދު މަޖިލީހުގައި ހާމަކުރައްވައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވައި ދެއްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަަތްކުރާ ފަރާތްތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އިތުރަށް ތަފްސީލް ކުރުމަށާއި، އެ ގާނޫނުގައި ބުނާ ވަޒީފާއާ ގުޅޭ އެހެނިހެން ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައަޅަން ގާނޫނުގައި ބުނެފައި އޮތް ނަމަވެސް، މިހާތަނަށް އެކަން ކުރެވިފައި ނުވަނީ މިނިމަމް ވޭޖު ދޭނެ އުސޫލެއް، އަދި މިނިމަމް ވޭޖް ދޭނެ ގޮތެއް ބުނެފައި ނެތުމުގެ ސަބަބުން ކަމަށް މެންބަރު ވިދާޅުވި އެވެ.

"އެހެންކަމުން މި ބިލުގެ އެންމެ މުހިންމު އެއް މަގުސަދަކީ މިނިމަމް އެންމެ ކުޑަ އުޖޫރަ ދޭނެގޮތް ސާފުކޮށް ކަނޑައަޅާ އިތުރަށް ތަފްސީލް ކުރުން،" މެންބަރު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ މިނިމަމް ވޭޖުގެ އަދަދުތަކާ ގުޅޭގޮތުން ބިލުގެ ބަހުސް ކުރަމުންދާއިރު ގޮތްތަކެއް ކަނޑައެޅޭނެ ކަމަށެވެ. އެހެން ނަމަވެސް މިނިމަމް ވޭޖުގެ ގޮތުގައި ތިން ކެޓަގަރީއަކަށް މިނިމަމް ވޭޖުގެ ކަނޑައެޅިދާނެ އުޖޫރަތައް މެމްބަރު ވަނީ ހިއްސާކުރައްވައިފަ އެވެ.

ފުރަތަމަ ކެޓަގަރީ: 8000ރ އާއި 8500ރ އާދެމެދު

ދެވަނަ ކެޓަގަރީ: 6000ރ އާއި 6500ރ އާދެމެދު

ތިންވަނަ ކެޓަރީ: 4000ރ އާއި 4500ރ އާދެމެދު

އިލްޔާސް ވިދާޅުވީ ބިލު ފާސްވެގެން ދާއިރު މެމްބަރުންގެ ހިޔާލާއެކު އަދި ކޮމިޓީ މަރުހަލާގައި ޓެކްނިކަލް ފަރާތްތަކާއި، ވަޒީފާގައި ތިބި ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއެކު ބިލު އިތުރަށް ފުރިހަމަ ކުރެވިގެންދާނެ ކަމަށެވެ.

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ބިލަށް ބަހުސް ކުރައްވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަޅާއިރު، ވިޔަފާރިތަކާއި ކުންފުނިތައް ތިން ފަންތިއަކަށް ބަހާލުމަށް ފަހު ކޮންމެ ފަންތިއަކަށް މިނިމަމް ވޭޖްގެ އަދަދެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

އެގޮތުން މަތީ ފަންތީގެ ވިޔަފާރިތަކުން މިނިމަމް ވޭޖްގެ ގޮތުގައި 8،000 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކުން 6،000 ރުފިޔާ އަދި ކުދި ވިޔަފާރިތަކަށް 4،000 ރުފިޔާ ކަނޑައެޅިދާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު، މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

comment ކޮމެންޓް