ވަޒީފާއަށް ސަލާން ބުނާ ކޮންމެ ދުވަހަކު އެމްސީ ހުށަހަޅަން ތާއީދުކޮށްފި

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

މުވައްޒަފުން ބަލިވެގެން ސަލާމް ބުނާނަމަ، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އޮންނަ އުސޫލު ބަދަލުކުރުމަަށް، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރަނގަޅުކަމަށް، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ގާނޫނުގައި ބުނެފައި ވަނީ މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކު، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް، ދިނުމަށް ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންވަނީ ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް ކަމަށެވެ.

އަދި ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުންނޫނީ، އެމުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ.

ނަމަވެސް މިހާރު ހުށަހަޅާފައި ވަނީ އެންމެ ދުވަހަކު ސަލާމް ބުނި ނަމަވެސް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް އެ މާއްދާ ބަދަލު ކުރުމަށެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭރުވެސް ނުރުހުން ފާޅުކޮށްފައެވެ. އަދި މިއީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ތަކުލީފެެއް ކަމަށާއި ހާއްސަކޮށް ޕީރިއަޑް ވެގެން ގަދަޔަށް ބަނޑުގައި ރިއްސާތީ ސަލާމް ބުނަން މަޖުބޫރުވާ އަންހެނުންނާއި، ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް މިކަމުން އުނދަގޫ ވާނެކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ބިލަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގައި މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ސަލާމުގެ ޗުއްޓީ ނެގުމާ ބެހޭ އުސޫލަށް ގެންނަ ބަދަލަކީ ރަނގަޅު ނިޔަތުގައި ހުށަހަޅާފައި އޮތް ރަނގަޅު އިސްލާހެއް ކަމަށެވެ.

މިހާރު އުސޫލު އޮންނަ ގޮތުން، ބައެއް މުވައްޒަފުން އެކަމުގެ ނާޖާއިޒް ފައިދާ ނަގާކަމަށް މެމްބަރު ވިދާޅުވިއެވެ.

"ހަގީގަތުގައި ވާގޮތަކީ ވަޒީފާ އަދާކުރާ ފަރާތްތަކުން ދެ ދުވަސް އޮތުމުގެ ސަބަބުން ނާޖާއިޒް ގޮތުގައި ބައެއް ފަހަރު ބައެއް މުވައްޒަފުން ބޭނުންކުރާ ކަން އަޅުގަނޑު ފާހަގަކޮށްލަން. މިސާލަކަށް ހުކުރު ދުވަސް އަންނަ ކަމަށް ވަންޏާ ބުރާސްފަތި ދުވަސް ޗުއްޓީގެ ގޮތުގައި އެބަ ނަގާ. އެހެންނޫނީ އާދީއްތަ ދުވަސް އެބަ ނަގާ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ބަންދު ދުވަސްތަކާ ދިމާކޮށް މުވައްޒަފުން އެގޮތަށް ސަލާމުގެ ޗުއްޓީ ނެގުމުގެ ސަބަބުން ހިދުމަތް ފޯރުކޮށްދިނުމަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އަދި މިހާރުވެސް ސަރުކާރު މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި ވަރަށް ގިނަ ދުވަސް ލިބޭ ކަމަށާއި، އަހަރީ ޗުއްޓީ އާއި ސަލާމުގެ ޗުއްޓީ އާއި އާއިލީ ޒިންމާގެ ޗުއްޓީ އާއި ހުކުރު އަދި ހޮނިހިރު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން އަހަރެއްގެ މައްޗަށް 191 ދުވަސް ޗުއްޓީގެ ގޮތުގައި ލިބޭކަމަށެވެ.

"ހަގީގަތުގައި މިއީ ކުރިއަރަމުން އަންނަ އިގްތިސޯދެއް ބިނާކުރުމަށް، ގައުމެއްގެ އުފެއްދުންތެރިކަން އިތުރުކުރަން އެކަށީގެންވާ ގޮތުގައި ހިދުމަތް ދިނުމަށް އެޅިފައިވާ ހުރަހެއް ކަމުގައި އަޅުގަނޑު ދެކެން،" މެމްބަރު ވިދާޅުވިއެވެ.

މި އިސްލާހަށް ތާއީދުކުރެއްވި ނަމަވެސް، ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުނުކުރައްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ޕްރޮބޭޝަން މުއްދަތު މިހާރުވެސް އޮތް ގޮތަށް ބާއްވަން ތާއީދު ކުރަނީ. ހަމައެއާއެކު ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި ސާވިސް ޗާޖާއި އެލަވަންސް ލިބެން ޖެހޭ،" މެމްބަރު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް