ޔުވެންޓަސްގެ ފޯވަޑް، ޕައުލޯ ޑިބާލާ ކޮވިޑުން ރަނގަޅުވިތާ މަހެއްވި އިރުވެސް 100 އިންސައްތަ ފިޓް ނުވާކަމަށް އޭނާ ބުނެފި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ޑިބާލާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ މާރޗް މަހުގެ 21 ގަ އެވެ. އޭނާ އާއި އޭނާގެ ލޯބިވެރިޔާވެވެސް އޭރު ޕޮޒިޓިވް ވި އެވެ. ޑިބާލާ އާ ދާދި އެއްކޮށް ކަހަލަ ގޮތަކަށް، ކޮވިޑް ޖެހުނު ޔުވެންޓަސްގެ ޑިފެންޑަރު، ޑެނިއަލް ރުގާނީ އާއި މިޑްފީލްޑަރު ބްލޭސް މަޓްއީޑީ ވެސް ވަނީ ކޮވިޑް-19 ޖެހި ރަނގަޅުވެފަ އެވެ.
ބަލި ޖެހުނުތާ ހަ ހަފުތާ ފަހުން ކޮވިޑުން ސަލާމަތްވިކަން އުމުރުން 26 އަހަރުގެ ޑިބާލާ އިންސްޓަގުރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި އިއުލާން ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި ބަލިން މުޅިން ފަސޭހަވިކަން ޔަގީންވުމުން އޭނާ މިހާރު ވަނީ ޔުވެންޓަސްގެ ޓީމް ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ. އެކަމަކު އަދިވެސް އެއްކޮށް ފިޓްނުވާ ކަމަށް ޑިބާލާ ވަނީ ބުނެފަ އެވެ.
"ކުރިއަށް ވުރެން ބޮޑުތަނުން މިހާރު ރަނގަޅު ވެއްޖެ. އެކަމަކު އަދިވެސް 100 އިންސައްތަ ފިޓެއް ނުވޭ. ލީގުގެ ކުޅެން ފެށެންވާއިރަށް ކުރިން ހުރި ފޯމަށް އަލުން ރުޖޫއަ ވުމަށް މަސައްކަތް ކުރަމުން މިދަނީ،" އިންސްޓްގުރާމުގެ ލައިވްއެއްްގައި ވާހަކަ ދައްކަމުން ޑިބާލާ ބުންޏެވެ.
އޭނާ ބުނީ، ބައްޔަށް ފަހު އަދިވެސް އުނދަގޫތަކެއް ހުންނަ ކަމަށެވެ. އިޓާލިއަން ސީރިއާ ފެށެން ހަފުތާއަކަށް ވެފައިވާ އިރު އޭނާ މިހާރު މަސައްކަތް ކުރަނީ ފުރަތަމަ މެޗަށް އެރޭވަރަށް ފިޓްވުމަށް ކަމަށް ވެސް ޑިބާލާ ވަނީ ބުނެފަ އެވެ.
"އުންމީދުކުރަނީ ލީގު އަލުން ފެށި ގިނަބަޔަކަށް ފުޓުބޯޅައިގެ ރީތިކަމާއި، އޭގެ ފޯރި އަލުން ލިބިގެންދާނެ ކަމަށް."
ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރި އިޓަލީން އެގައުމުގެ ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލީ މާޗު މަހުގެ ކުރީކޮޅު އެވެ. އޭގެ ފަހުން މިހާރު ތިން މަސް ދުވަސް ވެފައިވާ އިރު އިޓަލީގެ ހާލަތު މިހާރު ވަނީ ބޮޑުތަނުން ރަނގަޅުވެފަ އެވެ.