އާމިރާގެ ނަން ތަޅުމުގައި އިއްވައި ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އާމިރާ އައްޔަން ކުރި ކަމުގެ ލިޔުން ރައީސް ސޯލިހު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.

އާމިރާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އޭނާގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވައި ދެއްވުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

އާމިރާ ވަކިކުރުމުގެ މައްސަލަ ފެށުމަށް މަޖިލީހުގެ ތަޅުމުގައި އެކަން އިއްވައި ދެއްވުމަށް އެދި ފޮނުވަން ހުށަހަޅުއްވަމުން ޝަފީގު ވިދާޅުވީ މި ސާރުކާރުން ސިވިލް ސާވިސްއަށް ލާފަހުރި މީހެއް ވެގެން ނުވަތަ މިދިއަ އަހަރު ޑިސެމްބަރުގައި މަގާމަށް ލާފައި ހުރި މީހެއްވެގެން ވަކި ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ.

"މިސަރުކާރަށް ވެއްޖެ ދޮޅު އަހަރު. ވީއިރުގައި މި ސަރުކާރުގެ ވަޒީރުން މި ބުނަނީ ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން އެއްބާރުލުމެއް ނުލިބެއޭ. ސިވިލް ސާވިސް ކޮމިޝަނަށް އާމިރާ އައްޔަން ކޮށްފައި މިއިނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު. މި ސަރުކާރު ވެރިކަމާއި ހަވާލުވީ 2018 އިގެ ނޮވެމްބަރު 17 ގައި. އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ މީގައި ވަކި މެމްބަރެއް އިސްތިސްނާ ކުރަން ޖެހޭ ސަބަބެއް،" ޝަފީގު ވިދާޅުވި އެވެ.

އޭގެ އިިތުރުން އާމިރާ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ. އެކަން ޔައުމިއްޔާއިން ވެސް އެނގެން އޮންނާނެ ކަމަށާއި އެހެންކަމުން އާމިރާ ހިމެނޭ ގޮތަށް ސީއެސްސީގެ ފަސް މެމްބަރުން އެއްކޮށް ވަަކިކުރަން ޝަފީގު ވަނީ ހުށަހަޅުއްވާފަ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ތަޅުމުގައި އިއްވައިފަ އެވެ. އަދި މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާކަން ވަނީ އިއުލާންކުރައްވައިފައެވެ.

މީގެ ކުރިން ކޮމިޓީއިން ނިންމާފައި ވަނީ އާމިރާ ނުހިމެނޭގޮތަށް ސީއެސްސީގެ ދެން ތިބި ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. އެގޮތުން އެ ހަތަރު މެމްބަރުން ވަކިކުރަން ނިންމައި ތަޅުމަށް ފޮނުވި ނަމަވެސް އެމައްސަލަ އަނބުރާ ފޮނުވާލީ ބައެއް ކަންކަން ފުރިހަމަ ކުރާށެވެ.

އާމިރާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ކޮމިޓީގެ ހަ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.

އާމިރާ ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވީހާވެސް އަވަހަށް ނިންމަން ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަވެސް މިހާރު ވަނީ މަޖިލީހުން ފަށާފަ އެވެ.

comment ކޮމެންޓް