ޕްރޮބޭޝަންގައި ވެސް އަސާސީ މުސާރައާއި އެލަވެންސްތައް ދޭން ޖެހޭ: އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ނުވަތަ ޕްރޮބޭޝަން މުއްދަތުގައި ވެސް ވަޒީފާ އަދާކުރާ ފަރާތަށް އަސާސީ މުސާރައާ އެކު، ސާވިސް އެލަވަންސާއި އެހެން އެލަވަންސްތައް ލިބެންޖެހޭ ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިހާރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު އިލްޔާސް ވިދާޅުވީ ގިނަ ފަހަރަށް ޕްރޮބޭޝަން މުއްދަތުގައި ތިބޭ މުވައްޒަފުންނަށް ގިނަ ތަންތަނުން ދެނީ ވަރަށް ކުޑަ އުޖޫރައެއް ކަމަށެވެ.

އަދި އެއްވެސް އެލަވެންސެއް ވެސް ނުލިބޭ ކަމަށާއި އެކަން ބަދަލުވާން ޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑު ހުށަހަޅާ ގޮތުގައި އަދި ދެކޭ ގޮތުގައި ޕްރޮބޭޝަން ޕީރިއަޑުގައި ހުންނަ އިރު ވެސް މިނިމަމް އުޖޫރަ ލިބެންޖެހޭނެ. މީހަކު އެތާ މަސައްކަތް ކުރާ އިރު އެމީހަކަށް ލިބެން ޖެހޭ އެލަވަންސްތައް ވެސް ލިބެންޖެހޭނެ އަދި ސާވިސް އެލަވަންސެއް އޮތިއްޔާ، އެއީ އެމީހެއްގެ ވެސް މަސައްކަތުން ލިބޭ ސާވިސް އެލަވަންސެއް. އެހެންވީމަ އެމީހަކަށް އެ އެލަވެންސެއް ލިބެން ޖެހޭނެ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ޕްރޮބޭޝަން މުއްދަތަށް ފަހު އެ މުވައްޒަފު ވަޒީފާގައި ބަހައްޓަން ވަޒީފާ ދޭ ފަރާތަށް ނުފެންނަ ނަމަ، އަދި ވަޒީފާ ދާއިމީ ކުރާނަމަ ވެސް، އެކަން ވީ އެންމެ އަވަހަކަށް އަންގަން ޖެހޭނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި ތިން މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ.

އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށް ވެސް ބާތިލުކުރެވިދާނެ ކަމަށެވެ.

ޕްރޮބޭޝަން މުއްދަތު ތިން މަހުން ހަ މަހަށް އިތުރުކުރުމަށް ވެސް ވަޒީފާގެ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެ އިސްލާހާ ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކުރުމުން، ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހުރި މާއްދާތަކަށް އިސްލާހު ގެންނާނެ ކަމަށް ވަނީ ބުނެފައެވެ.

އިލްޔާސް މިއަދު ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ އިރު އެންމެ މުހިންމު ކަމަކީ ވަޒީފާ ބޭނުންވެފައި ތިބި ފަރާތްތައް ވަޒީފާއަށް ނުކުތުމަށް ކުރާ މަސައްކަތަށް ހިތްވަރުދިނުން ކަމަށެވެ.

އަދި ވަޒީފާ ހޯދަން މަސައްކަތްކުރާ މުއްދަތުގައި ކޮންމެސް ކަހަލަ ބެނެފިޓެއް ނުވަތަ އެލަވެންސެއް ދިނުމަށް ތާއީދުކުރައްވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. މެމްބަރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަން ފުރިހަމަވެގެންދާނެ އެފަދަ ފުރުސަތުތައް ހޯދައިދީގެން ކަމަށެވެ.

comment ކޮމެންޓް